ޓީރެކްސް ބާސްކެޓްބޯޅަ ކުލަބުގެ ނައިޖީރިއާ ކުޅުންތެރިޔާ އެކޮސޮމީ ކްރިސްޓޮފާ އެއް އަހަރު ދުވަހަށް ސަސްޕެންޑްކޮށްފި އެވެ.
ހަރިކޭނާ ދެކޮޅަށް މާދަމާ ރޭ ކުޅޭ ގައުމީ މުބާރާތުގެ ފައިނަލް މެޗުގެ ކުރިން އޭނާ ސަސްޕެންޑްކޮށްފައިވަނީ މިރޭ ބާސްކެޓްބޯޅަ އެސޯސިއޭޝަނުގެ ޑިސިޕްލިނަރީ ކޮމިޓީންނެވެ.
ބާސްކެޓުގައި ބިދޭސީ ކުޅުންތެރިއަކާ ދެކޮޅަށް މިހާތަނަށްދިން އެންމެ ބޮޑު އަދަބުދިނީ ކުޅުންތެރިއެއްގެ ގައިގައި އޭނާ ޖަހާފައިވާ ކަމަށް ޑިސިޕްލިނަރީ ކޮމިޓީން ނިންމުމުންނެވެ.
އޭނާ އަށް އެއްއަހަރުގެ ސަސްޕެންޝަނެއްދޭން ނިންމީ ޑިސިޕްލިނަރީ ކޮމިޓީގެ ތިން މެމްބަރުންގެ ތެރެއިން ދެ މެމްބަރުން ތާއީދާއެކުގަ އެވެ.
ޓީރެކްސްގެ ކޯޗު އިބްރާހީމް ނާހިދު ބުނީ ކުޅުންތެރިޔާ ސަސްޕެންޑްކުރިކަން އެންގީ މިރޭ 10 ޖެހިއިރު ކަމަށާއި ކްރިސްޓޮފާގެ މައްސަލަ ބެލީ ރެޑްލައިނާއި ހަރިކޭން އަދި އެމްއެންޑީއެފުން ހުށަހަޅާފައިވާ މައްސަލައަކާހެދި ކަމަށް އެސޯސިއޭޝަނުން ބުނާ ކަމަށެވެ.
އޭނާ އަދި ބުނީ ފައިނަލް މެޗު މާދަމާ ހަވީރު ކުޅެން ޖެހިފައިވާއިރު ކުއްލިގޮތަކަށް ޓީމުގެ އެންމެ މުހިންމު ކުޅުންތެރިޔާ ސަސްޕެންޑްކުރުމަކީ ވަރަށް ބޮޑު ދެރައެއް ކަމަށާއި ނަމަވެސް އޭނާ ސަސްޕެންޑްކުރަންޖެހޭ ފަދަ ކަމެއް މީގެ ކުރިން މެޗު އޮފިޝަލުން ފާހަގަކޮށްފައިނުވާ ކަމަށެވެ.