އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން މިއަދު ހަވީރު ބާއްވަން ނިންމާފައިވާ އެއްވުމަށް ފުރުސަތު ނުދޭނެ ކަމަަށް މޯލްޑިވްސް ޕޮލިސް ސާވިސް އާއި ހޯމް މިނިސްޓްރީން ބުނެފި އެވެ.
ޕީޕީއެމް އާއި ޕީއެންސީގެ ސަޕޯޓަރުންނާއެކު މިއަދުވެސް މާލޭގައި މުޒާހަރާ ކުރާނެ ކަމަށް އިދިކޮޅުގެ ލީޑާޝިޕުން ވަނީ އިއުލާނުކޮށްފައެވެ.
އިދިކޮޅު ހަރަކާތާއި ގުޅޭގޮތުން ފުލުހުން ދެންމެ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މާލެ ސަރަހައްދުގައި 10 މީހުންނަށްވުރެ އިތުރަށް އެއްވެ އުޅުން މަނާކޮށްފައިވަނިކޮށް އެޗްޕީއޭގެ އެންގުންތަކާއި ހިލާފަށް އަދި ސުލްހަވެރި ކަމާއެކު އެއްވެ އުޅުމުގެ ގާނޫނާއި ހިލާފަށް މާލޭގެ އެކި ސަރަހައްދުތަކުގައި އެއްވުންތައް ކުރިއަށް ގެންދަން ނިންމާފައިވާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ.
ފުލުހުން ވަނީ އެޗްޕީއޭގެ އެންގުންތަކާއި ހިލާފަށް އެއްވުމުގެ ފުރުސަތު އެއްވެސް ބަޔަކަށް ނުދޭނެ ކަމަށެވެ. އަދި އެޗްޕީއޭގެ އެންގުންތަކާއި ހިލާފުވެ ރައްޔިތުން ނުރައްކަލުގެ ތެރެއަށް ހުށައެޅޭ ގޮތަށް އަމަލުކުރާ މީހުންނާމެދު ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށްވެސް ފުލުހުން ވަނީ އިންޒާރު ކޮށްފައެވެ.
ހޯމް މިނިސްޓްރީންވެސް ވަނީ އެޗްޕީއޭގެ އެންގުންތަކާއި ހިލާފަށް އަދި ސުލްހަވެރި ކަމާއެކު އެއްވެ އުޅުމުގެ ގާނޫނާއި ހިލާފަށް އެއްވުމުގެ ފުރުސަތު އެއްވެސް ބަޔަކަށް ސަރުކާރުން ނުދޭނެ ކަމަށް ބުނެފައެވެ.