ހަބަރު

މެންބަރު މުހައްމަދު ނަޝީދު ހައްޔަަރުކޮށްފި

ރައްޔިތުންގެ މަޖިލީހުގެ ނޮޅިވަރަމް ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު (މޮސްޓާ) ހައްޔަރުކޮށްފި އެވެ.

މެންބަރު މޮސްޓާ ހައްޔަރުކޮށްފައިވަނީ މަޖީދީމަގުންނެވެ. އޭނާ ހައްޔަރުކޮށްފައިވާއިރު އިދިކޮޅުން މިއަދު ބޭއްވުމަށް މަސައްކަތް ކުރަމުންދާ މުޒާހަރާއާ ގުޅިގެން ބައެއް މީހުން ފުލުހުން ދަނީ ހައްޔަރު ކުރަމުންނެވެ.

ކުރީގެ މަޖިލީސް މެންބަރު މުހައްމަދު އިސްމާއީލް އާއިި ޕީޕީއެމް އަދި ޕީއެންސީގެ ބައެއް ކައުންސިލް މެންބަރުންނާއި ބައެއް އާންމުންވެސް ވަނީ ހައްޔަރުކޮށްފައެވެ.

ފުލުހުން ދެންމެ ބުނީ އެޗްޕީއޭގެ ގައިޑްލައިން އާ ހިލާފަށް އަދި ސުލްހަވެރިކަމާއެކު އެއްވެ އުޅުމުގެ މިނިވަން ކަމުގެ ގާނޫނާއި ހިލާފަށް ކުރިއަށް ގެންދިއުމަށް މަސައްކަތް ކުރާ އެއްވުމެއް ބޭއްވުމުގެ ފުރުސަތު ނުދޭން އެ އެއްވުމުގައި އިސްކޮށް އުޅޭ ބަޔަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށެވެ.

ފުލުހުން މިއަދު މެންދުރު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މާލެ ސަރަހައްދުގައި 10 މީހުންނަށްވުރެ އިތުރަށް އެއްވެ އުޅުން މަނާކޮށްފައިވަނިކޮށް އެޗްޕީއޭގެ އެންގުންތަކާއި ހިލާފަށް އަދި ސުލްހަވެރި ކަމާއެކު އެއްވެ އުޅުމުގެ ގާނޫނާއި ހިލާފަށް މާލޭގެ އެކި ސަރަހައްދުތަކުގައި އެއްވުންތައް ކުރިއަށް ގެންދަން ނިންމާފައިވާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ.

އެޗްޕީއޭގެ އެންގުންތަކާއި ހިލާފަށް އެއްވުމުގެ ފުރުސަތު އެއްވެސް ބަޔަކަށް ނުދޭނެ ކަމަށްވެސް ބުންޏެވެ. އަދި އެޗްޕީއޭގެ އެންގުންތަކާއި ހިލާފުވެ ރައްޔިތުން ނުރައްކަލުގެ ތެރެއަށް ހުށައެޅޭ ގޮތަށް އަމަލުކުރާ މީހުންނާމެދު ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށްވެސް ފުލުހުން ވަނީ އިންޒާރު ކޮށްފައެވެ.