އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން މިއަދު ހަވީރު ބާއްވަން ނިންމާފައިވާ އެއްވުން ފެށުމުގެ ކުރިން ބައެއް މީހުން ހައްޔަރުކޮށްފި އެވެ.
ފުލުހުން ވަނީ ހޯރަފުށީ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު އިސްމާއީލް އާއި ޕީއެންސީގެ ކައުންސިލް މެންބަރު އަހުމަދު ނަރީޝް ހައްޔަރުކޮށްފައެވެ. އެ ދެ މީހުން ހައްޔަރުކުރީ ޕީޕީއެމް އޮފީސް ދޮރުމަތިންނެވެ.
މުޒާހަރާ ފެށުމުގެ ކުރިން ބައެއް މީހުން ހައްޔަރުކޮށްފައިވާއިރު ފުލުހުން މިއަދު މެންދުރު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މާލެ ސަރަހައްދުގައި 10 މީހުންނަށްވުރެ އިތުރަށް އެއްވެ އުޅުން މަނާކޮށްފައިވަނިކޮށް އެޗްޕީއޭގެ އެންގުންތަކާއި ހިލާފަށް އަދި ސުލްހަވެރި ކަމާއެކު އެއްވެ އުޅުމުގެ ގާނޫނާއި ހިލާފަށް މާލޭގެ އެކި ސަރަހައްދުތަކުގައި އެއްވުންތައް ކުރިއަށް ގެންދަން ނިންމާފައިވާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ.
އެޗްޕީއޭގެ އެންގުންތަކާއި ހިލާފަށް އެއްވުމުގެ ފުރުސަތު އެއްވެސް ބަޔަކަށް ނުދޭނެ ކަމަށްވެސް ބުންޏެވެ. އަދި އެޗްޕީއޭގެ އެންގުންތަކާއި ހިލާފުވެ ރައްޔިތުން ނުރައްކަލުގެ ތެރެއަށް ހުށައެޅޭ ގޮތަށް އަމަލުކުރާ މީހުންނާމެދު ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށްވެސް ފުލުހުން ވަނީ އިންޒާރު ކޮށްފައެވެ.
ހޯމް މިނިސްޓްރީންވެސް ވަނީ އެޗްޕީއޭގެ އެންގުންތަކާއި ހިލާފަށް އަދި ސުލްހަވެރި ކަމާއެކު އެއްވެ އުޅުމުގެ ގާނޫނާއި ހިލާފަށް އެއްވުމުގެ ފުރުސަތު އެއްވެސް ބަޔަކަށް ސަރުކާރުން ނުދޭނެ ކަމަށް ބުނެފައެވެ.
އެއްވުންތަކަށް ފުރުސަތު ދޭން ނިންމާފައިވަނީ ރާއްޖޭގައި ކޮވިޑްގެ ނުރައްކާ ވަރަށް ބޮޑުވެފައިވާތީއެވެ. އިއްޔެވެސް 184 މީހަކު ވަނީ ކޮވިޑަށް ޕޮޒިޓިވްވެފައެވެ.