ކީރިތި ގުރުއާން

އައިޔޫއެމްއެސްޔޫ ގުރްއާން މުބާރާތް އިއުލާނުކޮށްފި

ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވާސިޓީގެ ދަރިވަރުންގެ ގުޅުމުގެ ފަރާތުން މި އަހަރު ބާއްވާ ގުރްއާން މުބާރާތް އިއުލާންކޮށްފި އެވެ.

މި މުބާރާތް ބޭއްވުމަށް ހަމަޖެހިފައިވަނީ ރަމަޟާން މަހުގައެވެ.

މުބާރާތް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ ތިން އުމުރުފުރާއަކަށް ބަހާލައިގެންނެވެ. އޮންލައިންކޮށް ކުރިއަށްގެންދާ މި މުބާރާތުގައި ބައިވެރިވެވޭ ކެޓެގަރީތަކަކީ، 10 އަހަރުން ދަށް، 10 އަހަރާއި 18 އަހަރާއި ދެމެދު އަދި 18 އަހަރުން މަތީ އުމުރުފުރާ އެވެ. މި މުބާރާތުގައި ކޮންމެ ކެޓެގަރީއަކުން އެއްވަނަ ދެވަނަ ތިންވަނަ، އަދި މުޅި މުބާރާތުން އެއްވަނަ ދެވަނަ އަދި ތިންވަނަ ހޮވުމަށް ވަނީ ހަމަޖެހިފައެވެ.

މުޅިރާއްޖެއަށް ހުޅުވާލައިގެން ބާއްވާ މި މުބާރާތުގައި ވީޑިއޯތައް ސަބްމިޓު ކުރަން ހަމަޖެހިފައިވަނީ ކޮންމެ އުމުރުފުރާއަކަށްވެސް އެ އުމުރުފުރާއަކަށް ކަނޑައެޅިފައިވާ ވަކި މުއްދަތެއްގައެވެ. މި މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު މުބާރާތުގެ ގަވާއިދާއި އެކު ހުޅުވާލެވޭނެ ކަމަށް ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވާސިޓީގެ ދަރިވަރުންގެ ގުޅުމުން ވަނީ ބުނެފައެވެ.

މި މުބާރާތާއި ގުޅޭ ގޮތުން އައިޔޫއެމްއެސްޔޫގެ ރައީސް ވިދާޅުވީ މި މުބާރާތް ބޭއްވުމުގެ މަގުސަދަކީ ރާއްޖެ އާއި ރާއްޖެއިން ބޭރުގައި ދިރިއުޅޭ ދިވެހިންނަށް ގުރްއާން މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ދީ، ދިވެހިންގެ ހިތްތަކުގައި ގުރްއާނަށް ލޯބި ޖައްސައި ކީރިތި ގުރްއާން ރީތިކޮށް ކިޔެވުމުގެ މައިދާނުގައި ދިވެހިންގެ މެދުގައި ވާދަވެރިކަން އުފެއްދުން ކަމަށެވެ.