އެމްޑީޕީ

އެމްޑީޕީ ޖަލްސާ އެޗްޕީއޭގެ އުސޫލާ ހިލާފެއް ނޫން: ފުލުހުން

އެމްޑީޕީގެ ލޯކަލް ކައުންސިލް އިންތިހާބުގެ ކެންޕެއިން "ރަށްވެހި ފަތިސް" ރީލޯންޗިން ރަސްމިއްޔާތު ކުރިއަށް ގެންދިޔައީ ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގެ އުސޫލުތަކާއި ހިލާފަށް ނޫން ކަމަށް ފުލުހުން ބުނެފި އެވެ.

ސަރުކާރުގެ މީޑިއާ ޕީއެސްއެމްގެ މައި ސްޓޫޑިއޯގައި ރޭ ބޭއްވި "ރަށްވެހި ފަތިސް" ރީލޯންޗިން ރަސްމިއްޔާތުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ރައީސް ނަޝީދު ހިމެނިވަޑައިގަންނަވާހެން 39 ބޭފުޅަކު ބައިވެރިވިއެވެ. ސަރުކާރުގެ ޓީވީން ވަގުތުން ގެނެސްދިން އެ އިވެންޓް ބާއްވާފައި ވަނީ ހަފްލާތަކާއި އެއްވުންތައް އަދި ޖަލްސާތަކާއި ރަސްމިއްޔާތުތައް ނުބާއްވަން އެޗްޕީއޭއިން އަންގާފައިވަނިކޮށެވެ. އަދި 10 މީހުންނަށްވުރެ ގިނަ މީހުން އެއްވުން މަނާކޮށްފައި ވަނިކޮށެވެ.

އެމްޑީޕީގެ "ރަށްވެހި ފަތިސް" ރީލޯންޗިން ރަސްމިއްޔާތުގައި 10 މީހުންނަށްވުރެ އިތުރަށް ބައިވެރިވެފައިވާތީ އެކަމާއި ގުޅިގެން ތަކުރާރުކޮށް ނޫސްވެރިން ކުރަމުން ގެންދިޔަ ސުވާލުތަކާއި ގުޅިގެން ފުލުހުން ވަނީ މި މަހުގެ 12 ވަނަ ދުވަހު ޑިރެކްޓަރު ޖެނެރަލް އޮފް ޕަބްލިކް ހެލްތް މައިމޫނާ އަބޫބަކުރު ނެރުއްވި އެންގެވުން ހިއްސާކުރައްވާފައެވެ. އަދި އެއަށްފަހު ނޫސްވެރިން ތިބޭ ވަޓްއަޕް ގުރޫޕްގައި އެޗްޕީއޭގެ އެންގުމުގައި ބަޔާން ކުރަނީ މަގުމައްޗާއި އާންމު ތަންތަނަށް 10 މީހުންނަށްވުރެ ގިނައިން އެއް ނުވެވޭނެ ކަން ކަމަށް ފުލުހުންގެ މީޑިއާ އޮފިސަރު ވަނީ ނޫސްވެރިންނަށް ހަނދާން ކޮށް ދެއްވާފައެވެ.

ނަމަވެސް ދާދި ފަހުން ދެ ރެސްޓޯރަންޓެއްގައި ހިނގަމުންދިޔަ ކައިވެނި ޕާޓީ ހުއްޓުވީ ކީއްވެގެންތޯ ނޫސްވެރިން ސުވާލު ކުރުމުން އެ ސުވާލަށް ފުލުހުން އެއްވެސް ޖަވާބެއް ނުދިނެވެ. އަދި ހަފްލާތަކާއި އެއްވުންތައް/ ޖަލްސާތަކާއި ރަސްމިއްޔާތުތައް ބޭއްވުން މަނާކޮށް އެޗްޕީއޭއިން ނެރުނު އަމުރާ ގުޅޭގޮތުން ތަކުރާރުކޮށް ސުވާލު ކުރުމުންވެސް ފުލުހުން ވަކި ޖަވާބެއް ދީފައެއް ނުވެއެވެ.