އިދިކޮޅު ފަރާތްތައް

އިންޒާރު ދިނުމުންވެސް މުޒާހަރާ ކޮށްފި

އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން މިއަދު ހަވީރު ބާއްވަން ނިންމާފައިވާ އެއްވުމަށް ފުރުސަތު ނުދޭނެ ކަމަަށް މޯލްޑިވްސް ޕޮލިސް ސާވިސް އާއި ހޯމް މިނިސްޓްރީން އިންޒާރު ކޮށްފައިވަނިކޮށް އިދިކޮޅު ސަޕޯޓަރުން މަގުމައްޗަށް ނިކުމެ މުޒާހަރާ މުޒާހަރާ ކޮށްފި އެވެ.

މުޒާހަރާ ފެށުމުގެ ކުރިން ފުލުހުން ވަނީ ޕީޕީއެމް/ޕީއެންސީގެ އިސް ބައެއް ބޭފުޅުން ހައްޔަރުކޮށްފައެވެ. އަދި ބައެއް އާންމުންވެސް ހައްޔަރުކޮށްފައެވެ.

އަދި ޕީޕީއެމްގެ އޮފީހަށް ވަންނަން ހުންނަ ދޮރު ބަންދުކޮށް އެއްވެސް ބަޔަކަށް އެތެރެއަށް ނުވަދެވޭ ގޮތަށް އަދި އޮފީހުގެ ތެރޭގައި ތިބި މީހުންނަށް ބޭރަށް ނުނިކުމެވޭ ގޮތްވެސް ހަދާފައިވެއެވެ.

ނަމަވެސް އިދިކޮޅުގެ ސަޕޯޓަރުން މިހާރު ވަނީ މާލޭގެ މަގުތަކަށް ނިކުމެ މުޒާހަރާ ކޮށްފައިވެއެވެ. މާލޭގެ އެކި ސަރަހައްދުތަކުގައި މުޒާހަރާގެ ބައިވެރިން ވަނީ ސަރުކާރާ ދެކޮޅަށް އަޑުުއުފުލާފައެވެ. މިއަދު މުޒާހަރާއަކީ "މަގޭ ފްލެޓް ކޮބާ" ނަމުގައި ބޭއްވި މުޒާހަރާއެކެވެ.

މުޒާހަރާ ހުއްޓުވަން ވަރަށް ގިނަ އަދަދެއްގެ ފުލުހުން މަގުމަތީ ހަރަކާތްތެރިވި އެވެ. އަދި ފުލުހުންގެ ބެލުމުގެ ދަށަށްވެސް ގިނަ ބަޔަކު ގެންގޮސްފައިވެއެވެ. ފުލުހުން ބުނީ މިހާތަނަށް 28 މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. މުޒާހަރާގެ ތެރެއިން ބައެއް މީހުންނަށް އަނިޔާވެފައިވެއެވެ. އޭގެ ތެރޭގައި ނައިފަރު ދާއިރާގެ މެންބަރު އަދި ޕީޕީއެމްގެ ނާއިބު ރައީސް އަހުމަދު ޝިޔާމް ހިމެނިވަޑައިގަންނަވައެވެ. ޝިޔާމަށް އަނިޔާވީ ފުލުހުން އޭނާ ހައްޔަރު ކުރަން އުޅުމުގެ ތެރޭގައެވެ.

ފުލުހުން މީގެ ކުރިން ވަނީ ނޮޅިވަރަމް ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު (މޮސްޓާ) ހައްޔަރުކޮށްފައެވެ. އޭނާ ހައްޔަރުުކުރީ މަޖީދީމަގުންނެވެ. އަދި ހޯރަފުށީ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު އިސްމާއީލްވެސް ވަނީ ހައްޔަރުކޮށްފައެވެ.

އިދިކޮޅުން މުޒާހަރާއަށް ނިކުތުމުގެ ދެ ގަޑިއިރު ކުރިން ފުލުހުން ނެރުނު ބަޔާނެއްގައި ވަނީ އެޗްޕީއޭގެ އެންގުންތަކާއި ހިލާފަށް އެއްވުމުގެ ފުރުސަތު އެއްވެސް ބަޔަކަށް ނުދޭނެ ކަމަށް ބުނެފައެވެ. އަދި އެޗްޕީއޭގެ އެންގުންތަކާއި ހިލާފުވެ ރައްޔިތުން ނުރައްކަލުގެ ތެރެއަށް ހުށައެޅޭ ގޮތަށް އަމަލުކުރާ މީހުންނާމެދު ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށްވެސް ފުލުހުން ވަނީ އިންޒާރު ކޮށްފައެވެ.

ހޯމް މިނިސްޓްރީންވެސް ވަނީ އެޗްޕީއޭގެ އެންގުންތަކާއި ހިލާފަށް އަދި ސުލްހަވެރި ކަމާއެކު އެއްވެ އުޅުމުގެ ގާނޫނާއި ހިލާފަށް އެއްވުމުގެ ފުރުސަތު އެއްވެސް ބަޔަކަށް ސަރުކާރުން ނުދޭނެ ކަމަށް ބުނެފައެވެ.

މިއަދުގެ މުޒާހަރާގައި ޕީޕީއެމް އަދި ޕީއެންސީގެ މަޖިލީސް މެންބަރުންނާއި އެ ދެ ޕާޓީގެ އިސް ބޭފުޅުން ވަނީ ބައިވެރިވެފައެވެ. ނަމަވެސް އޭގެ ތެރެއިން ބައެއް ބޭފުޅުން މިހާރު ވަނީ ހައްޔަރުުކޮށްފައެވެ. ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ އެކްޓިން ލީޑަރު އަދި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އާއި ޕީޕީއެމްގެ ނާއިބު ރައީސް އަދި ގުރައިދޫ ދާއިރާގެ މެންބަރު މުހައްމަދު ޣައްސާން މައުމޫންވެސް ވަނީ ހައްޔަރުކޮށްފައެވެ. އަދި ޕީއެންސީގެ ނާއިބު ރައީސް ފެނަކައިގެ ކުރީގެ އެމްޑީ މުހައްމަދު ނިމާލުވެސް ހައްޔަރުކޮށްފައިވެއެވެ. ނިމާލް އަކީ އިދިކޮޅު ކޯލިޝަންގެ އެކްޓިވިޓީ ކޮމެޓީގެ ޗެއާއެވެ. މީގެ އިތުރުން ހުޅުދޫ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ޝާހިދުވެސް ހައްޔަރުކޮށްފައިވެއެވެ.