ޕަރިނީތީ ޗޯޕްޅާގެ އާ ސައިކޮލޮޖިކަލް ތުރިލާ "ދަ ގާލް އޮން ދަ ޓްރެއިން" ފެބްރުއަރީ 26 އިން ފެށީގެން ނެޓްފްލިކްސް އިން ވަނީ ސްޓްރީމް ކުރަން ފަށާފަ އެވެ. ފިލްމު ރިލީޒްވުމާ ދިމާކޮށް އިންޑިޔާގެ ނޫހަކަށް ދީފައިވާ އިންޓަވިއު އެއްގައި ޕަރިނީތީ ބުނީ ބަރުދަން އިތުރުވެ ސިއްހަތަށް އޭގެ ނޭދެވޭ އަސަރުތައް ކުރަމުންދިޔަ ދުވަސްތަކުގެ ހަނދާންތައް ފޮހެލަން ބޭނުން ކަމަށެވެ.
"ދަ ގާލް އޮން ދަ ޓްރެއިން" އަކީ 2016 ގައި ހަމަ މި ނަމުގައި ރިލީޒްކުރި ހޮލީވުޑް ފިލްމެއްގެ ހިންދީ ރިމޭކެކެވެ. ހިންދީ ފިލްމުގައި ޕަރިނީތީ ކުޅެފައިވާ ރޯލު ހޮލިވުޑް ފިލްމުގައި ކުޅުނީ އެމިލީ ބްލަންޓް އެވެ.
މި ފިލްމުގައި ޕަރިނީތީ ކުޅެނީ އެމްނީޝިއާ ނުވަތަ ހަނދާން ނެތުމުގެ މައްސަލަތަކެއް ދިމާވެފައިވާ އަންހެން ކުއްޖެއްގެ ރޯލެވެ. ހަޔާތުގައި ހިނގާފައިވާ ވަރަށް މުހިއްމު ކަންތައްތަކެއް ހަނދާން ނެތިގެން ޕަރިނީތީއަށް ކުރެވޭ ތަފާތު ތަޖުރިބާތަކެއް ފިލްމުގައި ދައްކަ އެވެ.
ޕަރިނީތީ ބުނީ ފިލްމުގައި އޭނާގެ ހަނދާން ނެތޭ ގޮތަށް ކޮލެޖުގައި ކިޔެވި ދުވަސްވަރު އިންތިހާއަށް ފަލަވެފައި ހުރި ކަން ވެސް ހަނދާން ނެތޭނެ ނަމައޭ ހިތަށް އަރާ ކަމަށެވެ.
"އޭރު އަހަރެން ވަރަށް ސިއްހަތަށް ނުބަލާ އުޅެނީ. ވަރަށް ފަލަވެފައި ބޮޑުކޮށް ހަށިގަނޑު ވެސް ހުންނަނީ. އެކަމަކު އަހަންނަކަށް އެކަމެއް އޭރު އިހްސާސެއް ނުވޭ. މިއަދު އަހަރެން ދިރިއުޅުމާއި ސިއްހަތަށް ފަރުވާ ބަހައްޓަން. ހަޔާތުގެ އެ ސަފުހާތައް ފޮހެލެވޭނެ ނަމައޭ މިހާރު ހިތަށް އަރާ. އަދި އެ ފޮޓޯތަކެއް ފެނުމުން އަހަރެން ބިރުން ހަލާކުވާ ސިފަޔަކަށް އަހަރެން ހުރި ފޮޓޯތައް ވެސް ނައްތާލެވޭނެ ނަމައޭ ހިތަށް އަރާ،" ޕަރިނީތީ ބުންޏެވެ.
ޕަރިނީތީ 2019 ގައި ދިން އިންޓަވިއު އެއްގައި ވެސް ބަރުދަން އިތުރުވުމުގެ ތަޖުރިބާތަކާ ގުޅޭ ގޮތުން ވާހަކަ ދައްކާފައި ވެއެވެ. އަދި އޭނާގެ ހަށިގަނޑު އުފެދިފައި ހުރި ގޮތުން ވަރަށް ފަސޭހައިން ބަރުދަން އިތުރުވާ ކަމަށް ބުންޏެވެ.
"އަހަރެންގެ ބަރުދަން ހުންނަނީ ޔޯޔޯއެއް ގޮތަށް އެއްފަހަރު ތިރިވެލާފަ އަނެއްފަހަރު މައްޗަށް އަރާފަ އެކަހަލަ ގޮތަކަށް. އަބަދުވެސް ބަރުދަން ލުއި ކުރަން ވަރަށް ބުރަ މަސައްކަތް އަހަންނަށް ކުރަން ޖެހޭ. އަހަރެންގެ މެޓަބޮލިޒަމް އެހާ ރަނގަޅެއް ނޫން. އެހެންވެ ވަރަށް ގިނައިން ކަސްރަތުކޮށް ވަރަށް ބޮޑަށް ކެއުމަށް ބަލައިގެން އުޅުނިއްޔާ ނޫނީ ވަރަށް އަވަހަށް ފަލަވާން ފަށާ،" ޕަރިނީތީ ބުންޏެވެ.
ޕަރިނީތީއަށް ހިކެން އުނދަގޫވާ އެއް ސަބަބަކީ އޭނާއަކީ ވަރަށް ކެއުމަށް ލޯބިކުރާ މީހަކަށް ވުމެވެ. އަދި ކަސްރަތުކުރުމަކީ އޭނާ އެންމެ ފޫހިވާ ކަންތަކެވެ. ނަމަވެސް އޭނާ ޚިޔާރުކޮށްފައިވާ ޕްރޮފެޝަންގެ ގޮތުން ކޮންމެހެން ވެސް ލޫޅާފަތިވާން އޭނާއަށް ވަނީ މަޖްބޫރުވެފަ އެވެ.
ޕަރިނީތީ ފިލްމު އިންޑަސްޓްރީއަށް ނުކުތީ 2012 ގައި ރިލީޒްކުރި "އިޝަގްޒާދޭ" އިންނެވެ. އޭރު އޭނާ ހުންނަނީ ފަލަކޮށެވެ. ބަރުދަން ލުއިކޮށް ފިޓްވުމުގެ މަސައްކަތް އޭނާ ފެށީ 2015ގެ ޑިސެމްބަރު ހިސާބުގަ އެވެ. އޭނާ ފަލަކަމުން ކުރިމަތިވާ މަލާމަތްކުރުމާއި ފުރައްސާރައަށް ކެތް ނުކުރެވިގެންނެވެ.
ޑިސެމްބަރު 2015 ގައި ޕަރިނީތީ ވަނީ ބަރުދަން ލުއިކޮށް މުޅިން ފިޓްވެލައި އޭނާގެ އާ ސިފަ ސޯޝަލް މީޑިއާގައި އެންމެންނަށް ދައްކާލާފަ އެވެ. އޭނާ އެ ފަހަރު ޝެއާކުރި ފޮޓޯތަކުގެ ކެޕްޝަންގައި ލިޔެފައިވަނީ މިއީ ނުވަ މަސް ދުވަސް ވަންދެން އޭނާ ކުރި ބުރަ މަސައްކަތުގެ ނަތީޖާ ކަމަށެވެ.
އިންޑީއާގެ ބައެއް ނޫސްތަކުގައިވާ ރިޕޯޓުތައް ބުނާ ގޮތުން ޕަރިނީތީ ބަރުދަން ލުއިކުރުމަށް ކެއީ ޕްރޮޓީނުން މުއްސަނދިވެފައި ހުރި ކާނާ އެވެ. ފޮނި އެއްޗެތި ކެއުން މުޅިން ހުއްޓާލި އެވެ. އާޓިފިޝަލް ސްވީޓްނާ ވެސް ބޭނުން ކުރުން މުޅިން ހުއްޓާލި އެވެ. ރޭގަނޑުގެ ކެއުން ކަނީ 7.00 ގަ އެވެ. އަދި ހުރިހާ ގަޑިއެއްގައި ވެސް ކަނީ ތަރުކާރީ އާއި ސިއްހަތަށް ފައިދާހުރި ކާބޯހައިޑްރޭޓްސް އެކުލެވޭ ކާނާ އެވެ.