ޕެނަލްޓީ އެއް ނުދީގެން ތުރުކީ ކުލަބު ޓްރަބްޒޮންސްޕާއިން ރެފްރީން ދަނޑުގައި ބަންދުކޮށްފައި ތިއްބައި އެ ގައުމުގެ ރައީސް ތޮއްޔިބް އެރްދޮގާންގެ އެންގެވުމަކަށް ރެފްރީން ދޫކޮށްލައިފި އެވެ.
މިދިޔަ ބުދަ ދުވަހުގެ ރޭ މި ހާދިސާ ހިނގީ ތުރުކީ ލީގުގައި ޓްރަބްޒޮންސްޕާ އާއި ގަޒިއަންޓެޕްސްޕާ ބައްދަލުކުރި މެޗު 2-2އިން އެއްވަރުވުމުންނެވެ. މެޗަށް ފަހު ސަޕޯޓަރުން ރެފްރީންނާ ދެކޮޅަށް މުޒާހަރާ ކުރަން ފެށުމުން ޓްރަބްޒޮންސްޕާއިން ރެފްރީންނަށް ދަނޑުން ނުނުކުމެވޭގޮތަށް ތަޅުލީ އެ ކުލަބުގެ ރައީސްގެ އެންގެވުމަކަށެވެ.
"އަހަރެން ބުނިން ސްޓޭޑިއަމުގެ ސެކިއުރިޓީން ގާތުގައި ހެނދުނުވުމުން އަހަރެން ދަނޑަށް ދިއުމުގެ ކުރިން ރެފްރީން ނުކުތަނުދޭށޭ. އެކަމަކު ވަރަށް މުހިންމު މީހަކު (ތުރުކީގެ ރައީސް) އަހަންނަށް ފޯނުކުރީ. އަދި ބުނީ ތުރުކީ އާއި ދުނިޔެ ލަދުގަންނާނެ ކަމެއް ނުކުރުމަށް. އެކަމަކު އޭނާ ވައުދުވި ޕެނަލްޓީގެ މައްސަލަ ބެލުމަށް،" ތުރުކީގެ ޓީވީއަށް ދިން އިންޓަވިއުއެއްގައި ކުލަބުގެ ރައީސް އިބްރާހީމް ހަކިއޯސްމަނޮގްލޫ ވިދާޅުވި އެވެ.
ރިޕޯޓްތައް ބުނާގޮތުގައި ޓްރަބްޒޮންސްޕާއިން ރެފްރީން ދޫކޮށްލީ ހަތަރު ގަޑިއިރަށްފަހު އެވެ. އަދި އެމީހުންނަށް ތުރުކީގެ ސިފައިންގެ ހާއްސަ ޓީމަކުން ވަނީ ހިމާޔަތްދީފަ އެވެ.
މި މައްސަލަ ތުރުކީގެ ފުޓްބޯޅަ ފެޑަރޭޝަނުން މިހާރު ދަނީ ތަހުގީގު ކުރަމުންނެވެ. އަދި މިއީ ކްރިމިނަލް މައްސަލައެއް ކަމަށްބުނެ ތުކުރީގެ ފުޓްބޯޅަ ފެޑަރޭޝަނުން މައްސަލަ ކަމާބެހޭ ފަރާތަށް ފޮނުވަން ނިންމުމުން ޓްރަބްޒޮންސްޕާގެ ރައީސް ރައްދުދީފަ އެވެ.
އޭނާ ބުނީ މަރުވާން ޖެހޭނީ ފިރިހެނުންގެ ގޮތުގައި ކަމަށާއި އަންހެނުންގެ ގޮތުގައި ނޫން ކަމަށެވެ. މިވާހަކަ ޝޯޝަލް މީޑިޔާގައި ވެސް ވަނީ ވަރަށް މަޝްހޫރުވެފަ އެވެ.