ބޭރު ކުޅިވަރު

ބަޔާން މިއުނިކް މޮޅުވުން ނިމުމަކަށް

ހުރިހާ މެޗަކުން މޮޅުވަމުން ދިޔަ ބަޔާން މިއުނިކް ހުއްޓިއްޖެ އެވެ.

ޖަރުމަނު ލީގުގައި 10 މެޗުން މޮޅުވި ޓީމުގެ މޮޅުވުމުގެ ސިލްސިލާ ނިމުމަކަށް އައީ ރޭ ފްރޭންކްފަޓާ ވާދަކޮށް 0-0އިން މެޗު އެއްވަރުވުމުންނެވެ.

ނަމަވެސް މި ސީޒަނުގައި މިހާތަނަށް 13 ގޯލު ޖަހާފައިވާ ފޯވަޑް ރޮބަޓް ލެވޮންޑޯސްކީ މި މެޗުގައި ވެސް ގޯލެއް ޖެހި އެވެ. އެކަމަކު އޭނާގެ ގޯލު ރެފްރީ ގަބޫލެއްނުކުރި އެވެ. އެއީ 89 ވަނަ މިނިޓްގައި އޭނާ މި ގޯލު ޖެހީ އޮފްސައިޑްގައި ހުރެފައި ކަމަށް ބަލާފަ އެވެ.

މި މެޗުން މޮޅުނުވެވުނު ނަމަވެސް ބަޔާން ވަނީ ދެ ވަނާގައިވާ ބޮރޫޝިޔާ ޑޯޓްމުންޑަށްވުރެ އަށް ޕޮއިންޓް ކުރީގަ އެވެ. އެކަމަކު މާދަމާ ރޭ ވާޑަބްރޭމަން އަތުން މޮޅުވެއްޖެނަމަ ޑޯޓްމުންޑަށް މި ފަރަގު ފަސް ޕޮއިންޓަށް ކުޑަކުރެވޭނެ އެވެ.

މި މެޗުން ބަޔާން އަށް މޮޅުނުވެވުމަކީ ޗެމްޕިއަންސް ލީގުގައި އެ ޓީމަށް ދެކޮށް މި ހަފުތާގައި ކުޅެން ތައްޔާރުވާ އާސެނަލް އަށް ލިބޭނެ ބޮޑު ހިތްހަމަޖެހުމަކަށްވާނެ އެވެ.