އެފްއޭއެމުގެ އިންތިހާބު ބާއްވަން ފީފާއިން އެކުލަވާލާފައިވާ ނޯމަލައިޒޭޝަން ކޮމިޓީން މުހައްމަދު ހުސައިން (އޮއިއްޓޭ) ބާކީކޮށް އެ ކޮމިޓީގެ ވައިސް ޗެއާމަންކަން ގައުމީ ޓީމުގެ ޑޮކްޓަރު އަހުމަދު ޝަކީބަށް ދީފި އެވެ.
މިކަން އިއުލާނުކުރުމަށް ދުނިޔޭގެ ފުޓްބޯޅަ ޖަމިއްޔާއިން ނެރެފައިވާ ބަޔާނުގައި ބުނެފައިވަނީ މި މަހުގެ 22 ވަނަ ދުވަހު ބާއްވަން އުޅެ، ކެންސަލްވި އެފްއޭއެމުގެ އިންތިހާބު އަންނަ ޑިސެމްބަރު މަހުގެ 31 ވަނަ ދުވަހު ބާއްވަން ޖެހޭނެ ކަމަށެވެ.
ނޯލަމައިޒޭޝަން ކޮމިޓީގައި ތިއްބަވާ ފަސް މެމްބަރުންގެ ތެރެއިން އުނިކުރީ ކުރީގެ މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިޔާ އޮއިއްޓޭ އެކަންޏެވެ. އޭނާގެ ނަން އުނިކުރިއިރު ވެލެންސިއާ އާއި ނިއު އަދި ގައުމީ ޓީމުގެ ކުރީގެ މިޑްފީލްޑަރަކީ ރައީސް އަބުދުﷲ ޔާމީންގެ ދަތުރުކުރެއްވި ފިނިފެންމާ ލޯންޗު ގޮއްވާލުމުގެ ހާދިސާގައި ތުހުމަތު ކުރެވިފައިވާ ފަރާތެކެވެ. އަދި އޭނާ އަކީ މި މައްސަލާގައި މިހާރު ހައްޔަރުކޮށްފައިވާ ނާއިބް ރައީސް އަހުމަދު އަދީބުގެ ވަރަށް ގާތް މީހެކެވެ.
މިއާ ހިލާފަށް ވައިސް ޗެއާމަންގެ ގޮތުގައި ކޮމިޓީ އަށް އަލަށް ހަމަޖެއްސި ޑރ. ޝަކީބަކީ ރައީސް ޔާމީންގެ ވަރަށް އަރިސް ބޭފުޅެކެވެ. އަދި ޖެނެރަލް ސެކްރެޓަރީ ބައްސާމް އަދީލް ޖަލީލަކީ ރައީސް ޔާމީނަށް ބޮޑުބޭބެ ވިދާޅުވާ ބޭފުޅެކެވެ.
![](https://images-01.avas.mv/post/big_WpgrinDVG0bNEfm.jpg)
ނޯމަލައިޒޭޝަން ކޮމިޓީގެ ޗެއާމަނަކީ އެފްއޭއެމުގެ އިންތިހާބަށް ކުރިމަތިލެއްވި ހަމައެކަނި ކެނޑިޑޭޓް މުހައްމަދު ޝަވީދެވެ. އޭނާ އަކީ މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ ރައީސް، އަދި އޭއެފްސީ އެކްސްކޯގެ މެމްބަރެކެވެ. ނޯމަލައިޒޭޝަން ކޮމިޓީގެ ވައިސް ޗެއާމަންކަން ޝަކީބަށް ދީފައިވާއިރު ކޮމިޓީގައި ދެން ތިއްބަވަނީ އެފްއޭއެމުގެ ކުރީގެ ވައިސް ޗެއާމަން އަބުދުލްހަމީދު އަބުދުލްގަފޫރު (އައްޑޯ) އާއި ކުރީގެ ގައުމީ ފޯވަޑް އަލީ އުމަރާއި ގާނޫނީ ވަކީލު ފަސީހު ޒާހިރެވެ.
މި ކޮމިޓީން އޮއިއްޓޭ ބާކީކުރި އިރު އެފްއޭއެމުގެ އިންތިހާބަށް ކުރިމަތިލެއްވި ޝަވީދުގެ ޓީމުން ވެސް އޭނާގެ ނަން ވަނީ އުނިކޮށްފަ އެވެ. އަދި ޔޫތު މިނިސްޓްރީގެ ވަޒީފާއެއްގައި އެފްއޭއެމުގައި މަސައްކަތް ކުރާ ޝަކީބަކީ އެފްއޭއެމުގެ ހިންގާ ކޮމިޓީ އަށް ވެސް ކުރިމަތިލައްވާފައިވާ ބޭފުޅެކެވެ.