މޯލްޑިވް ގޭސް

މޯލްޑިވް ގޭސްގެ ޑީއެމްޑީގެ މައްސަލަ ކޮމެޓީން ސިއްރުކޮށްފި

މޯލްޑިވް ގޭސްގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އަދި މިހާރުގެ އެކްޓިން މެނޭޖަރު އަލީ އިކްރާމާ ގުޅޭ ގޮތުން މަޖިލީހުގެ ސްޓޭޓް އޯން އެންޓަޕްރައިސް (އެސްއޯއީ) ކޮމެޓީން ބަލަމުންދާ މައްސަލަ ސިއްރުކޮށްފި އެވެ.

އިކްރާމަށް ތުހުމަތު ކުރާ މައްސަލަތަކުގެ ތެރޭގައި މޯލްޑިވް ގޭހަށް އޮކްސިޖަން ސިލިންޑަރު ސަޕްލައިކުރި ފަރާތުގެ ހަރަދުގައި އިކްރާމް ސިންގަޕޫރަށް ދަތުރު ކުރެއްވުމާއި ކުންފުނީގެ އަންހެން މުވައްޒަފަކަށް ޖިންސީ ފުރައްސާރަ ކުރުން ހިމެނެ އެވެ. އެ މައްސަލަތައް މޯލްޑިވް ގޭސްގެ މައި ކުންފުނި، އެސްޓީއޯއިން ވެސް ބަލަމުންގެންދާއިރު އިކްރާމް މިހާރު ވެސް ހުންނެވީ ސަސްޕެންޑްކޮށްފަ އެވެ.

އިކްރާމްއާ ގުޅޭ މައްސަލައިގައި ފޮނުވާފައިވާ ލިޔުންތަކުގައި "ސިއްރު" ޖަހައިފައިވާތީ އާއެކު ކޮމެޓީން މައްސަލަ ދިރާސާ ކުރަމުން ދާއިރު މީހުންގެ ޒާތީ މައުލޫމާތު ހާމަ ކުރުން ރަނގަޅު ނޫން ކަމަށް ބުނެ ކޮމެޓީ ސިއްރު ކުރަން ހުށަހެޅުއްވީ ކެޔޮދޫ ދާއިރާގެ މެމްބަރު ހުސެއިން ގާސިމެވެ. ގާސިމް އެދުނު ގޮތަށް ކޮމެޓީގެ މުގައްރިރުގެ ނާއިބު އަދި ފުވައްމުލަކު މެދު ދާއިރާގެ މެމްބަރު ޙުސައިން މުހައްމަދު ދީދީ ވެސް ތާއީދު ކުރެއްވުމުން އެސްއޯއީ ކޮމެޓީ ވަނީ މައްސަލަ ސިއްރުކޮށްފަ އެވެ.

އިކްރާމްގެ މައްސަލައިގައި މީގެ ކުރިން ބޭއްވި ކޮމެޓީގައި ވަނީ އިކްރާމްގެ ސިންގަޕޫރު ދަތުރާ ގުޅޭ މައްސަލައިގެ ހުރިހާ ލިޔެކިޔުމެއް ހޯދަން އެސްޓީއޯއަށް ހުށަހަޅަން ނިންމައިފަ އެވެ.