ކޮވިޑް-19 ގައި ދިވެހިން މިހާރު މި ތިބީ އެންމެ ނުރައްކާތެރި ހާލަތުގައެވެ. ކޮވިޑްގެ ޕޮޒިޓިވް ކޭސްތަކުގެ އަދަދު 100 އިން މަތީގައި ހުންނަތާ 40 ދުވަސްވީއެވެ. ކޮވިޑްގައި ދިވެހިން ހޭދަކުރި އަހަރެއްހާ ދުވަހުގެ ތެރޭގައި މިދިޔަ އޮގަސްޓް މަހަކީ ނުރައްކާތެރިކަން އެންމެ ބޮޑުވީ މަހެވެ. އެ މަހު އެތަށް ހާސް ބަޔަކު ކޮވިޑަށް ޕޮޒިޓިވްވެ 12 މީހަކު މަރުވިއެވެ. ނަމަވެސް ރައްކާތެރިކަމަށްޓަކައި އެޅި ހަރުކަށި ފިޔަވަޅުތަކުގެ ސަބަބުން ދުވަސްކޮޅެއްގެ ތެރޭގައި ބަލި ވަނީ ކޮންޓްރޯލް ކުރެވިފައެވެ.
ނަމަވެސް ހަރުކަށި ފިޔަވަޅުތަކާއެކު މިފަހަރު މަސް ދުވަސްވީއިރުވެސް ކޮވިޑް ފެތުރޭ މިންވަރު ދަށް ކުރެވިފައެއް ނުވެއެވެ.
އިއްޔެ ހުސްވި ފެބްރުއަރީ މަސް ރެކޯޑް ކުރެވިފައި ވަނީ މިހާތަނަށް އެންމެ ގިނަ ބަޔަކު އެއް މަހެއްގައި ކޮވިޑަށް ޕޮޒިޓިވްވީ މަހުގެ ގޮތުގައެވެ. ފެބްރުއަރީގެ 28 ދުވަހު 4،000 އާ ގާތްކުރާ އަދަދަކަށް މީހުން ވަނީ ޕޮޒިޓިވްވެފައެވެ. އެއީ 3،952 މީހުންނެވެ. އެންމެ ގިނަ ބަޔަކު ޕޮޒިޓިވްވީ މަހުގެ ފުރަތަމަ ދުވަހު އެވެ. އެ ދުވަހު އެކަނިވެސް 215 މީހަކު ވަނީ ޕޮޒިޓިވްވެފައެވެ. އެ ފަހުން ފެބްރުއަރީ ނުވަވަނަ ދުވަހު 192 މީހަކު އަދި 11 ވަނަ ދުވަހު 186 މީހަކު ޕޮޒިޓިވްވި އެވެ. ފެބްރުއަރީ 25 ގައި 184 މީހަކު ޕޮޒިޓިވްވިއިރު 100 އިން ދަށުގައި ޕޮޒިޓިވް ކޭސްތައް ހުރީ އެންމެ ދުވަހަކު އެވެ. އެއީ ފްބްރުއަރީ ދެވަނަ ދުވަހުއެވެ. އެ ދުވަހުގެ ނަންބަރަކީ 99 އެވެ.
ކޮވިޑް ބަލީގައި ފެބްރުއަރީގައި 10 މީހަކު ވަނީ މަރުވެފައެވެ. މިއީ މިދިޔަ އަހަރެއްހާ ދުވަހުގެ ތެރޭގައި ކޮވިޑްގައި ދެވަނައަށް އެންމެ ގިނަ މީހުން މަރުވި މަހެވެ.
ކޮވިޑްގައި މިދިޔަ ފުރަތަމަ މީހަކު މަރުވީ ތިންވަނަ ދުވަހުއެވެ. އެއީ ކޮވިޑް ބަލީގެ އެންމެ ހާލުބޮޑު ބަލި މީހުންނަށް ފަރުވާދޭން ދިވެހިންގެ މައި ހޮސްޕިޓަލް ދަރުމަވަންތާގައި ފަރުވާ ދެމުން ދިޔަ އުމުރުން 70 އަހަރުގެ ދިވެއްސެކެވެ. އަދި ޖެހިގެން އައި ދުވަހު އުމުރުން 84 އަހަރުގެ ދިވެއްސަކުވެސް މަރުވިއެވެ. ތިންވަނަ މަރު އައީ ފެބްރުއަރީ ހަތްވަނަ ދުވަހު އެވެ. އެ ދުވަހު މަރުވީ 60 އަހަރު ދިވެއްސެކެވެ.
މިދިޔަ ފެބްރުއަރީގައި ގއ. ކޮވިޑް ފެސިލިޓީގައި ފަރުވާ ދެމުންދިޔަ އުމުރުން 77 އަހަރުގެ ދިވެއްސަކުވެސް ވަނީ މަރުވެފައެވެ. އެއީ ފެބްރުއަރީ މަހުގެ ނުވަވަނަ ދުވަހުއެވެ. އަދި އެ މަހުގެ 13 ވަނަ ދުވަހު އައިޖީއެމްއެޗްގެ އީއާރުގައި ފަރުވާ ހޯދަމުންދިޔަ 78 އަހަރުގެ މީހަކުވެސް ވަނީ މަރުވެފައެވެ. އަދި ހަމަ އެ ދުވަހު 59 އަހަރުގެ މީހަކުވެސް މަރުވިއެވެ. ފެބްރުއަރީ 13 ގައި ދެ މީހަކު މަރުވިއިރު 20 ވަނަ ދުވަހުވެސް ދެ މީހަކު މަރުވިއެވެ. އެއީ އުމުރުން 76 އަހަރުގެ ދިވެއްސަކާއި 63 އަހަރުގެ މީހެކެވެ.
އޭގެ ފަހުން ފެބްރުއަރީ 27 ވަނަ ދުވަހު އުމުރުން 80 އަހަރުގެ މީހަކު އަދި 28 ވަނަ ދުވަހު 62 އަހަރުގެ މީހަކު މަރުވިއެވެ. އެއީވެސް ދިވެހިންނެވެ.
މިހާތަނަށް ކޮވިޑްގައި ރާއްޖެއިން 54 ދިވެހިންނާއި 8 ބިދޭސީއަކު ވަނީ މަރުވެފައެވެ.
ވެކްސިން ޖެހި ފަހުން ދެ މީހަކު މަރުވުން
ރާއްޖޭގައި ކޮވިޑް ވެކްސިން ޕްރަގްރާމް ފަށާފައި ވަނީ ފެބްރުއަރީ މަހުގެ ފުރަތަމަ ދުވަހުއެވެ. ވެކްސިން ޕްރަގްރާމް ކާމިޔާބު ކަމާއެކު ކުރިއަށްދާއިރު މިދިޔަ މަހުގެ ތެރޭގައި ވެކްސިން ޖެހި ފަހުން ދެ މީހަކު ވަނީ މަރުވެފައެވެ. އެކަމާއި ގުޅިގެން ބަލަން ޖެހޭ ކަންކަން ކަމާގުޅޭ އިދާރާތަކުން ދަނީ ބަލަމުންނެވެ.
ވެކްސިން ޖެހި ފަހުން ހާލަތު ގޯސްވެ ތިނަދޫ ހޮސްޕިޓަލްގައި ފަރުވާ ދެމުން ދަނިކޮށް މަރުވީ އުމުރުން 93 އަހަރުގެ މީހެކެވެ. އެ މީހާއަށް ވެކްސިންގެ ފުރަތަމަ ޑޯޒް ދީފައިވަނީ މިދިޔަ މަހުގެ 17 ވަނަ ދުވަހުއެވެ. އޭނާ މަރުވީ 19 ވަނަ ދުވަހުއެވެ. މަރުވި މީހަކީ ގިނަ ބަލިތަކަކަށް ފަރުވާ ހޯދަމުންދާ އަދި ހިނގާބިނގާވެ ނޫޅެވޭތާ 10 އަހަރެއްހާ ދުވަސްވެފައިވާ މީހެކެވެ. މަރުގެ ހަގީގީ ސަބަބު ދެނެގަތުމަށް ތަހުގީގު ފަށާފައިވާ ކަމަށް އެޗްޕީއޭއިން ބުނި ނަަމަވެސް އެ ތަހުގީގުގެ އެއްވެސް މައުލޫމާތެއް މިދިޔަ ދިހަވަރަކަށް ދުވަހުގެ ތެރޭގައި ނުލިބެއެވެ.
އެ ފަހުން އިތުރު މީހަކުވެސް ވަނީ މަރުވެފައެވެ. އެއީ ވެކްސިން ޖެހިފަހުން މަރުވި ދުވަސްވީ ފިރިހެން މީހާގެ އަންހެނުންނެވެ. އެއީ އުމުރުން 81 އަހަރުގެ މީހެކެވެ. އޭނާވެސް މަރުވީ ފެބްރުއަރީ 17 ވަނަ ދުވަހު ވެކްސިން ދީފައިވަނިކޮށެވެ. އެ އަންހެން މީހާ މަރުވީ ފެބްރުއަރީ 20 ވަނަ ދުވަހުއެވެ.
އައްޑޫ އާއި ފުވައްމުލަށް ނުރައްކާ
ހުސްވި ފެބްރުއަރީ އަކީ މާލެ ސިޓީގެ އިތުރުން ފުވައްމުލަކު ސިޓީ އާއި އައްޑޫ ސިޓީވެސް ކޮވިޑް ނުރައްކަލަށް ހުށައެޅުނު މަހެކެވެ. އެ ދެ ސިޓީންވެސް ގިނަ ބަޔަކު ކޮވިޑަށް ޕޮޒިޓިވްވެ ރައްކާތެރިކަމަށްޓަކައި ހަރުކަށި ފިޔަވަޅުތަކެއް ވަނީ އަޅާފައެވެ. އެ ފިޔަވަޅުތަކަށް އަދިވެސް ލުއި ދީފައިނުވާއިރު ދެ ސިޓީވެސް އޮތީ ލޮކްޑައުން ކޮށްފައެވެ.
އައްޑޫ ސިޓީގައި ދެ ކްލަސްޓާއެއް އުފެދި އައްޑޫއިން 51 މީހަކު ވަނީ ޕޮޒިޓިވްވެފައެވެ. އަދިވެސް އެ ސިޓީގައި 40 މީހަކު ބަލިން ފަސޭހަނުވެ އެބަ ތިއްބެވެ. މިވަގުތު އެންމެ ހާލަތު ގޯހީ މީދޫ ގައެވެ. އެ ރަށުން މިހާތަނަށް 13 މީހަކު ޕޮޒިޓިވްވެފައިވާއިރު ބަލި ޖެހޭ މީހުންގެ އަދަދު އިތުރުވަމުންދާތީ ހުޅުދޫމީދޫ ގައި ހާއްސަ ފިޔަވަޅުތަކެއް އަޅަން ޑިރެކްޓަރު ޖެނެރަލް އޮފް ޕަބްލިކް ހެލްތް ވަނީ އަންގާފައެވެ.
ފުވައްމުލަކު ސިޓީގައި ތިން ކްލަސްޓާއެއް އުފެދިފައިވެއެވެ. އެ ސިޓީން 61 މީހަކު ވަނީ ޕޮޒިޓިވްވެފައެވެ. ނަމަވެސް އެ ސިޓީން ބަލި ޖެހުނު ގިނަ މީހުން ވަނީ މިހާރު ރަނގަޅުވެފައެވެ. އެކްޓިވް ކޭސްތަކުގެ އަދަދަކީ 19 އެވެ.
އައްޑޫ ސިޓީއާއި ފުވައްމުލަކުގައިވެސް ކާފިއު ހިންގާ ސުކޫލުތައް ބަންދުކޮށް ހަރުކަށި ފިޔަވަޅުތައް އަޅާފައިވަނީ ބަލި ކޮންޓްރޯލް ކުރުމުގެ ގޮތުންނެވެ.
ވެކްސިން ކެންޕެއިން ކާމިޔާބު
ކޮވިޑް-19 އިން ރައްކާތެރިވުމަށް މިވަގުތަށް ލިބިފައިވާ އެންމެ ބޮޑު ފަރުވާއަކީ އެ ބައްޔާ ދެކޮޅަށް ހޯދާފައިވާ ވެކްސިނެވެ. ރާއްޖޭގައި އިންޑިއާގައި އުފެއްދި ކޮވިޝީލް ވެކްސިން އެބަހުއްޓެވެ. އެ ވެކްސިންގެ 200،000 ޑޯޒް ލިބިފައިވާއިރު އޭގެ ތެރެއިން 111،000 ޑޯޒް ވަނީ ބޭނުން ކޮށްފައެވެ.
ފެބްރުއަރީ ފުރަތަމަ ދުވަހު ފެށި ގައުމީ ވެކްސިން ކެންޕެއިންގައި މިހާތަނަށް 111،415 މީހަކު ކޮވިޑް ވެކްސިންގެ ފުރަތަމަ ޑޯޒް ވަނީ ޖަހާފައެވެ. އެއީ އާބާދީގެ 25 އިންސައްތައެވެ. މިއީ ވަރަށް ބޮޑު ކާމިޔާބީއެކެވެ. ދުނިޔޭގެ ފެންވަރުގައިވެސް މިއީ ރެކޯޑެކެވެ. މިވަގުތުވެސް ރާއްޖެ އޮތީ އާބާދީގެ ނިސްބަތުން އެންމެ ގިނަ ބަޔަކަށް ވެކްސިންގެ ފުރަތަަމަ ޑޯޒް ދިން ގައުމުގެ ގޮތުގައެވެ.
ރާއްޖޭގެ 178 ރަށުގައި ވެކްސިން ޕްރަގްރާމް ހިންގަމުންދާއިރު މިހާތަނަށް ވެކްސިން ޕްރަގްރާމް ނުފެށި އޮތީ ދެ ރަށެއްގައެވެ. ނަމަވެސް ވަރަށް އަވަހަށް މޯބައިލް ޓީމުތަކެއް ފޮނުވައިގެން ވެކްސިން ޖެހުމުގެ މަސައްކަތް އެ ދެ ރަށުގައިވެސް ފަށާނެ އެވެ.
ފިޔަވަޅުތައް އިތުރަށް ހަރުކަށި ކުރަނީ
ކޮވިޑްޖެހޭ މީހުންގެ އަދަދު ބޮޑުތަނުން އިތުރުވެ ރާއްޖޭގެ ހާލަތު ވަރަށް ބޮޑަށް ގޯސްވުމުން ރައްކާތެރިކަމުގެ ފިޔަވަޅުތައް ވަރުގަދަ ކޮށްފައި ވަނީ މިދިޔަ މަހުގެ ދެވަނަަ ދުވަހުން ފެށިގެންނެވެ. އެ ގޮތުން ރޭގަނޑު 11:00 އިން ފެށިގެން ފަތިހު 4:30 އަށް ކުރިއަށް ކާފިއު ދަނީ ހިންގަމުންނެވެ. ކަސްރަތު ކުރާ މީހުންނާއި އުމުރުން ދުވަސް މީހުންނަށް ފިޔަވައި، ޕާކުތައްވެސް ވަގުތީ ގޮތުން ބަންދު ކޮށްފައިވާއިރު ގިނަ ބަޔަކު އެއްވެގެން ކުރިއަށް ގެންދާ ކުޅިވަރު ހަރަކާތްތަކާއި ޓީމު ކުޅިވަރުތައް ވެސް ވަނީ މަނާ ކޮށްފަ އެވެ. އަދި ނާސަރީ އާއި ޕްރީ-ސްކޫލް ހިދުމަތް ދޭ ތަންތަން ބަންދު ކުރުމުގެ އިތުރުން ޔުނިވާސިޓީތަކާއި ކޮލެޖުތައް އޮންލައިންކޮށް ކިޔަވައި ދިނުމަށް ވަނީ އަންގައިފަ އެވެ.
ޕާޓީތަކާއި ހަފްލާތައް އަދި ރަސްމިއްޔާތުތައް ބޭއްވުން ވެސް ވަނީ މަނާ ކޮށްފަ އެވެ. ރެއިން ފެށިގެން މާލެ އާއި ހުޅުމާލެ އާއި ވިލިމާލެ އަދި ތިލަފުށްޓާއި ގުޅީފަޅުގައި ހިންގާ ކެފޭ އާއި ހޮޓާ / ރެސްޓޯރަންޓް ފަދަ އާންމުންނަށް ކާބޯތަކެތީގެ ހިދުމަތް ދޭ ތަންތަނުން ޓޭކް އަވޭ އާއި ޑެލިވަރީގެ ހިދުމަތް ފިޔަވައި އެހެން ހިދުމަތް ރޭގަނޑު 8:00 އިން ފެށިގެން ހުއްޓާލަން ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވަނީ އަންގާފަ އެވެ.
ނަމަވެސް މަސް ދުވަހުންވެސް އެ ފިޔަވަޅުތަކުން އައި ހެޔޮ ބަދަލެއް ނެތެވެ. ޓެގް ޓީމުން ދެކޭ ގޮތުގައި ފިޔަވަޅުތަކާއެކު ނަތީޖާ ސުމެކެވެ. އެހެން ވަނީ ފިޔަވަަޅުތަކަށް ބޯލެނބުން ކުޑަވުމުންނެވެ. އެހެން ކަމުން އިތުރު ފިޔަވަޅު ނާޅާ ހާލަތު ރަނގަޅު ކުރެވެން ނެތެވެ. އެ މަޝްވަރާތައް މިހާރުވެސް އެބަ ހިނގައެވެ.
"އަޅުގަނޑުމެންނަށް މި ފާހަގަ ކުރެވެނީ މިހާރަށް އަޅާފައިވަ ފިޔަވަޅުތަކުން އެދެވޭ ބަދަލުތަކެއް އަންނަ ކަމަކަށް ނުފެނެއޭ. މިހާރު އަޅާފައިވާ ފިޔަވަޅުތައް މި މިންގަނޑުގައި ހުރެއްޖެނަމަ އޭގެ މާނައަކީ އިތުރު ފިޔަވަޅުތައް ނާޅައިފިނަމަ އަދަދުތައް އެގޮތަށް ވަރަށް ގިނަ ދުވަހު ހުންނާނެ ކަމަށް ބެލެވޭ. އަދަދުތައް މަތީގައި ހުރެއްޖެނަމަ އެކަމުގެ ނުރައްކާވެސް ވަރަށް ބޮޑު،" ޓެގް ޓީމުގެ މެންބަރު ޑރ އަހުމަދު ޝަހީދު ވިދާޅުވި އެވެ.
ޝަހީދު ވިދާޅުވި ގޮތުގައި ފިޔަވަޅުތައް އަޅަން ހަރުކަށި ކުރުން މުހިންމު ވަނީ އަލުން ފުލް ލޮކްޑައުންއަކަށް ނުދާށެވެ. މިހާރު ހުރި ފިޔަވަޅުތަކުގައި ތިބެގެން ނަތީޖާ ނުނެރެވި އިތުރަށް ހާލަތު ގޯސްވެއްޖެނަމަ ދެން މަޖުބޫރު ވާނީ ލޮކްޑައުން ކުރާށެވެ. އެހެންވީމަ މިހާލަތަށް އިތުރު ފިޔަވަޅުތައް މަޖުބޫރެވެ.