އެމްޑީޕީން އިސްވެ ނަގަން ތާވަލްކޮށްފައިވާ އިތުބާރު ނެތް ކަމުގެ ވޯޓްގެ މައްސަލާގައި މާދަމާ ރައްޔިތުންގެ މަޖިލީހަށް ހާޒިރުވެވަޑައިގެން ޖަވާބުދާރީވެ ވަޑައިގަންނަވާނެ ކަމަށް ސައިންސް މިނިސްޓަރު މުހައްމަދު މަލީހު ޖަމާލް ވިދާޅުވެއްޖެ އެވެ.
ސާދަ މެމްބަރުންގެ ސޮޔާއެކު މަލީހުގެ އިތުބާރު ނެތް ކަމަށް ބުނެ އެމްޑީޕީގެ ޕީޖީ ލީޑަރު އަލީ އާޒިމް މަޖިލީހަށް އެެ މައްސަލަ ހުށަހެޅުއްވީ މިމަހުގެ 14 ވަނަ ދުވަހު އެވެ. ނަމަވެސް މައުލޫމާތު ފުރިހަމަ ނޫން ކަމަށް ބުނެ މަލީހަށް ފޮނުވި ނޯޓިސް އޭނާ އަނބުރާ ފޮނުވާލެއްވި އެވެ.
މަލީހުގެ މައްސަލަ މިހާރު ވަނީ މާދަމާގެ މަޖިލީހަށް އެޖެންޑާވެސް ކޮށްފަ އެވެ.
މަލީހު މިރޭ ވިދާޅުވީ މާދަމާ ހެނދުނު ރައްޔިތުންނަށް މަޖިލީހަށް ވަޑައިގަންނަވާނެ ކަމަށާ ނަމަވެސް އެއީ އޭނާގެ މަގާމު ދިފާއު ކުރައްވަން ނޫން ކަމަށެވެ. މަޖިލީހަށް ވަޑައިގެން ޖަވާބުދާރީވެވަޑައިގަންނަވާނީ ގާނޫނު އަސާސީގެ މާއްދާ 27 ގެ ދިފާއުގައި ކަމަށްވެސް ވިދާޅުވިއެވެ.
"ދުލާއި ގަލަމުން އެމީހަކަށް ފެންނަ ވާހަކައެއް އިސްލާމްދީނުގެ އަސްލަކާއި ހިލާފު ނުވާނެ ގޮތަށް ފާޅު ކުރުމުގެ މިނިވަންކަން ކޮންމެ ދިވެއްސަކަށް ލިބިގެންވޭ،" މަލީހު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވެއެވެ.
މަޖިލީހުގެ މާދަމާގެ ޖަލްސާއަށް ވަޑައިގަންނަވާނެ ކަން ބަޔާންކޮށް މަލީހު ވަނީ މަޖިލީހުގެ ރައީސަށްވެސް ސިޓީއަކުން އެކަން އަންގަވާފައެވެ.
މަލީހު މިއަދު ވަނީ މަޖިލީހުގެ ވަކި ފެކްޝަނެއް ހުދުމުތާރު ވެއްޖެ ކަމަށް ތުހުމަތު ކުރައްވާ ގޮންޖައްސަވާފަ އެވެ. އަދި ވިދާޅުވީ ގާނޫނުއަސާސީ ތަރިކަ މުދަލަކަށް ހަދާފައިވާ ކަމަށާއި އަސާސެއް ނެތް ކަމެއްގައި ދޮގު އިލްޒާމް އަޅުވައި ބޭން އިންސާފުން އޭނާއަށް ދޭން އުޅޭ އަދަބު ބޭޒާރު ވާނެ ކަމަށެވެ.
"ބޭ އިންސާފުގެ މައްޗަށް އިންސާފު ކުރި ހޯދާނެ ލިބޭ ބާރަކީ ފާޑެއްގެ އެއްޗެއް،" ޓްވިޓް ކުރައްވާ މަލީހް މިއަދު ވިދާޅުވި އެވެ.
ސައިންސް މިނިސްޓަރު ފާހަގަ ކުރެއްވިފައި ވަނީ ސަރުކާރުގެ މައި ޕާޓީން ކުރިމަތި ކުރުވާ ޕްރެޝަރުތަކަށް ޓްވިޓާގައި ދިމާއަށް ޖަވާބު ދެއްވާ ބޭފުޅެއްގެ ގޮތުގަ އެވެ.