ދުނިޔެ

ވައިޓް ހައުސްގައި ބުރުގާ އެޅި ކަނބަލެއް

ވައިޓް ހައުސްގައި ނޫސްވެރިންނަށް މައުލޫމާތު ދެއްވުމަށް ބުރުގާއެޅި ކަނބަލަކު ޕޯޑިއަމަށް އެރުމުން ޓްވީޓާ ކެކިގެންފި އެވެ. ސަމީރާ ފަޒީލީ ވަަނީ މިދިއަ ބުދަ ދުވަހު މީޑިއާއަށް މައުލޫމާތު ދެއްވައި އަދި ނޫސްވެރިންގެ ސުވާލުތަކަށް ޖަވާބު ދެއްވާފަ އެވެ.

ސަމީރާ ފަޒީލީއަކީ ބައިޑަން ސަރުކާރުގެ ނެޝަނަލް އިކޮނޮމިކް ކައުންސިލްގެ ޑެޕިއުޓީ ޑައިރެކްޓަރެވެ. މައުލޫމާތު ދެއްވާފައި ވަނީ މަގާމާ ގުޅުން ހުރި އަދި ހަވާލު ކުރައްވާފައިވާ މަސައްކަތްތަކާ ބެހޭ މައުލޫތަކަށެވެ.

އެމެރިކާ ސަރުކާރުން އަދި ހާއްސަކޮށް ވައިޓް ހައުސްއިން ބުރުގާ އެޅި ކަނބލަކަށް މިވަރުގެ ޝަރަފެއް ދީފާނެ ކަމަށް ގިނަ ބަޔަކު ގަބޫލު ނުކުރާނެ އެވެ. އެމެރިކާއަކީ މުސްލިމުންނާ ބީރައްޓެހި އަދި އެވަގުތަކު ވެރިކަން ކުރައްވާ ބޭފުޅެއްގެ ސަބަބުން ވެސް މުސްލިމުންނަށް އިހާނެތިކޮށް ހިތަން ފަރިތަ ގައުމެކެވެ.

އެމެރިކާގެ ވެރިކަމާ ބައިޑަން ހަވާލުވެ ވަޑައިގެން ޕްރެސް ޓީމް އެކުލަވައި ލެއްވީ ހުސް ކަނބަލުންނަށް އިސްކަން ދެއްވައި ގެންނެވެ، އަދި އަރިސް މަގާމުތަކަށް ވެސް ކަނބަލުން ވަނީ ހަމަޖައްސަވާފަ އެވެ. ބައިޑަންގެ ނައިބު ރައީސް އަކީ ވެސް ކަނބަލެކެވެ.

ޓްވީޓާގައި އަތް ޖަހަމުން ފޯރި ނެގި މީހުން ބުނެފައި ވަނީ ވައިޓް ހައުސް ދޫކުރައްވައި ޓްރަމްޕް ވަޑައިގެންނެވި ފަހުން އަދިވީ މަހެއްހާ ދުވަހެވެ. ވައިޓް ހައުސްގައި ނޫސްވެރިންނަށް މައުލޫމާތު ދެއްވުމަށް އެ ހުންނެވީ އުހުތާއެކެވެ. އަދި އެހުންނެވީ ބުރުގާ އަޅައިގެންނެވެ.

ސަމީރާ ފަޒީލީ އެމެރިކާއަށް ފޯރާފައި ވަނީ ކަޝްމީރުންނެވެ. އޭނާ ވަނީ އެޓްލާންޓާގެ ފެޑެރަލް ބޭންކްގައި ޑައިރެކްޓަރެއްގެ މަގާމު އަދާ ކުރައްވާފަ އެވެ.

ބާރަކް އޮބާމާ ސަރުކާރުގައި ވެސް ސަމީރާ މަސައްކަތް ކުރެއްވި އެވެ. އެއީ ނެޝަނަލް އިކޮނޮމިކް ކައުންސިލްގެ އެޑްވައިޒަރެއްގެ މަގާމުގަ އެވެ. އަދި މިނޫން މަގާމްތައް ވެސް އޭނާ ވަނީ ފުރުއްވާފަ އެވެ.

ސަމީރާ ފަޒީލީގެ މަންމަ އަދި ބައްޕައަކީ ވެސް ޑޮކްޓަރުންނެވެ. މުހައްމަދު ޔޫސުފް ފަޒީލީ އަދި ރަފީގާ ފަޒީލީ އުފަންވީ ކަޝްމީރުގަ އެވެ.

ސަމީރާ ނޫނަސް ބައިޑަން ސަރުކާރުގައި މުސްލިމް ކަނބަލުން ވަޒީފާ އަދާކުރައްވަ އެވެ. އަޒްރާ ޒޭޔާ އަކީ ވެސް އެހެން މިސާލެކެވެ. އޭނާ އަކީ އަންޑާ ސެކްރެޓަރީ ފޮ ސިވީލިއަން ސެކިޔުރިޓީ، ޑިމޮކްރަސީ އެންޑް ހިއުމަން ރައިޓްސް އެވެ.