ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ތަފާސް ހިސާބު

ކޮވިޑް: ގޭބިސީތަކުގެ ހަރަދު އާމްދަނީގެ ބަދަލު ބަލަނީ

Mar 2, 2021

ކޮވިޑް-19 އާ ގުޅިގެން ގޭބިސީތަކުގެ އާމްދަނީ އާއި ހަރަދަށް އައި ބަދަލު ބަލަން ހަދަން، ސާވޭއެއް ކުރަން ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސް (އެންބީއެސް) އިން ތައްޔާރު ވެއްޖެ އެވެ.

ގައުމީ ތަފާސް ހިސާބު ބަލަހައްޓާ އެންބީއެސް އިން މިދިޔަ އަހަރު އާއްމު ކުރި ގޭބިސީގެ އާމްދަނީ އާއި ހަރަދު ކުރުން ހުރިގޮތުގެ ސާވޭ އެކްސްޓެންޝަންއެއްގެ ގޮތުގައި "ރެފިޑް އެސެސްމަންޓް އޮފް ދަ އިމްޕެކްޓް އޮފް ކޮވިޑް-19 އޮން ހައުސްހޯލްޑް އިންކަމް އެންޑް އެކްސްޕެންޑިޗާ އިން މޯލްޑިވްސް" ސާވޭގެ ޕްރީ ޓެސްޓެއް މިއަދު ހަދަން ކަމަށެވެ.

މި ސާވޭގެ ޕްރީޓެސްޓް ކުރިއަށް ގެންދަން ނިންމާފައި ވަނީ ފޯނު މެދުވެރިކޮށެވެ. ސާވޭ ކުރިއަށް ދާނީ މާލެ އާއި އަތޮޅުތެރެ އިން ހޮވާލެވޭ ގޭބިސީ ތަކަށެވެ. މި ސާވޭ ކުރި އަށް ދާނީ މިއަދު ހެނދުނު 8:30 އިން 14:00 އާއި ދެމެދު އެވެ.

ޕްރީޓެސްޓް ކުރަނީ އެ ބިއުރޯގެ ފަރާތުން ކުރި "ހަޔަސް 2019/2020" ގައި ހޮވިފައިވާ ގޭބިސީތަކުގެ ތެރެއިން ރެންޑަމްކޮށް ހޮވާލެވޭ ގޭބިސީ ތަކުންނެވެ. ޕްރީޓެސްޓްގެ އަލީގައި ސުވާލު ކަރުދާސް ފައިނަލް ކުރުމަށް ފަހު މި ސާވޭގެ މައުލޫމާތު ނެގުމުގެ މަސައްކަތް މި މަހުގެ 17 އިން ފެށިގެން ކުރި އަށް ގެންދާނެ އެވެ. މި ގޮތުން 600 ގޭބިސީ އަކަށް ފޯނުން ގުޅާނެ އެވެ.

މި ސާވޭއަކީ "ރާއްޖޭގެ ތަފާސް ހިސާބުގެ ގަވާއިދު 2012" ހުއްދަލިބިގެން ކުރާ ސާވޭއެކެވެ.