ބޮލީވުޑް

އައިޝްވަރިޔާ އާ ވައްތަރު ޕާކިސްތާނު މީހެއް

ޕާކިސްތާނުގެ ޒުވާން އަންހެންކުއްޖެއް ކަމަށްވާ އާމްނާ އިމްރާން އަށް ސޯޝަލް މީޑިއާގައި ގިނަ ބައެއްގެ ސަމާލުކަން މިހާރު ވަނީ ހުއްޓިފަ އެވެ. ޚާއްސަކޮށް އައިޝްވަރިޔާ ރާއީގެ ފޭނުން އާމްނާ އާއި އައިޝްވަރިޔާ ވައްތަރު އެ ވާހަކަ ދައްކަމުން އެބަދެ އެވެ.

އައިޝްވަރިޔާ އާ ވައްތަރު ކަމަށް ސޯޝަލް މީޑިއާގައި ވާހަކަ ދައްކަން ފެށުމުގެ ކުރިން އާމްނާއަކީ މީހުންނަށް އެހާ އެނގޭ އަންހެންކުއްޖެއް ނޫނެވެ. ނަމަވެސް މި ވާހަކަ ދެކެވެން ފެށުމާއެކު އާމްނާއަށް ވަނީ ބޮޑު މަޝްހޫރުކަމެއް ލިބިފަ އެވެ. ކުރިން އޭނާ ފޮލޯކުރާ ތިބެނީ 2،000 އެއްހާ މީހުން ނަމަވެސް އެއް ދުވަހުގެ ތެރޭގައި 15،000 މީހުން އޭނާ ފޮލޯ ކުރަން ފަށާފައި ވެއެވެ.

އައިޝްވަރިޔާ އަކީ އިންޑިޔާ މީހަކަށް ވެފައި އާމްނާ އަކީ ޕާކިސްތާނު މީހަކަށް ވިޔަސް އޭނާ އާ އިންޑިޔާ އާ ވެސް ކޮންމެވެސް ކަހަލަ ގުޅުންތަކެއް އެބަ އޮތް ކަމަށް އާމްނާ ބުނެފައި ވެއެވެ.

"އަހަރެންގެ ބައްޕައަކީ ޕާކިސްތާނު މީހެއް. ނަމަވެސް ބައްޕަގެ މައިންބަފައިންނަކީ އިންޑިޔާ ބައެއް. އަހަރެންގެ މަންމަ އާއި މަންމަގެ މައިންބަފައިންނަކީ އަފްޣާނިސްތާނު ބައެއް،" ޕާކިސްތާނު ނޫހަކަށް ދިން އިންޓަވިއު އެއްގައި އާމްނާ ބުންޏެވެ.

އައިޝްވަރިޔާ އާ އާމްނާ ކިތަންމެ ވައްތަރަސް އޭނާ އަކީ ޕްރޮފެޝަންގެ ގޮތުން ބަލާއިރު މުޅިން ތަފާތު ކެރިއަރެއްގައި މަސައްކަތްކުރާ މީހެކެވެ.

"އަހަންނަކީ އެމެރިކާގައި މެޑިކަލް ޕްރޮފެޝަނަލް އެއްގެ ގޮތުގައި މަސައްކަތްކުރާ މީހެއް. އަހަރެންގެ މަސައްކަތް ޚާއްސަވެފައިވަނީ ޑައެލިސިސް ކްލިނިކް ތަކަށް. އަހަރެންގެ އެއްބަނޑު އެއްބަފާގައި ތިބި ތިން ބޭންނަކީ ވެސް މެޑިކަލް ދާއިރާގައި މަސައްކަތް ކުރާ ބައެއް،" އާމްނާ ބުންޏެވެ.

ނަމަވެސް އައިޝްވަރިޔާ އާއި އޭނާ ވައްތަރުކަމުން މީހުން އެ ވާހަކަ އެހާ ބޮޑަށް ދައްކަމުންދާތީ އާމްނާ ވެސް ހުރީ އެކަމާ ވަރަށް މަޖާ ވެފަ އެވެ. ނަމަވެސް މިއީ އޭނާއަށް އާ ކަމެއް ވެސް ނޫން ކަމަށް އާމްނާ ބުންޏެވެ.
ފުރާވަރަށް އަރައިގެން އައި ދުވަސްވަރު ވެސް އޭނާ އާ އައިޝްވަރިޔާ އާ ވަރަށް ވައްތަރޭ އޭނާ ފެންނަ މީހުން ބުނާ ކަމަށް އާމްނާ ބުންޏެވެ.

އެހެންވެ އެންމެ ކުރިއްސުރެ ވެސް އައިޝްވަރިޔާގެ ފިލްމުތައް ބަލަން ވެސް އާމްނާ ލޯބި ކުރެ އެވެ.
"އަހަންނަށް އައިޝްވަރިޔާގެ "ދޭވްދާސް"، "މުހައްބަތޭން"، "ހަމް ދިލް ދޭ ޗުކޭ ސަނަމް" އަދި "އުމްރާއޯ ޖާން" ވަރަށް ރީތި. އެ ފިލްމުތަކުގައި އައިޝްވަރިޔާ ވަރަށް ރީތި،" އާމްނާ ބުންޏެވެ.

އައިޝްވަރިޔާ އާއި އާމްނާ ވައްތަރުކަމުން އޭނާ މަޝްހޫރުވީ ވަރުން ޕާކިސްތާނު ފިލްމު އުފައްދާ ބައެއް މީހުން ވެސް އޭނާއަށް ފިލްމުތައް ވެސް ހުށަހަޅަމުންދާ ކަމަށް ވެސް އާމްނާ ބުންޏެވެ.