ހަބަރު

ސިފައިންނާއި ފުލުހުންނަށް މައުމޫންގެ ޝުކުރު

Oct 31, 2015

ރައީސް އަބްދުﷲ ޔާމީން އާއި މި ގައުމުގެ ރައްޔިތުން ހިމާޔަތް ކުރުމަށް ފުލުހުންނާއި ސިފައިން ކުރަމުން އަންނަ މަސައްކަތަށް ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ފާހަގަ ކުރައްވައި އެ ދެ މުއައްސަސާއަށް މިއަދު ޝުކުރު އަދާ ކުރައްވައިފި އެވެ.

މައުމޫން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، މަކަރުވެރިންގެ ނުބައި ރޭވުންތަކުން ރައީސް އާއި ގައުމުގެ ރައްޔިތުން ސަލާމަތް ކުރުމަށް ފުލުހުންނާއި ސިފައިން ކުރަމުން އަންނަ މަސައްކަތަށް ޝުކުރު އަދާ ކުރައްވާ ކަމަށެވެ. މައުމޫން ޓްވީޓެއް ކުރައްވާފައި މި ވަނީ ރައީސް އަވަހާރަކޮށްލުމަށް ރިޔާސީ ލޯންޗްކޮޅުގައި ބޮމެއް ގޮއްވާލި ހާދިސާއަށް ފަހު ފުލުހުންނާއި ސިފައިން އެ މައްސަލަ ތަހުގީގު ކުރުމަށް ހާއްސަ އޮޕަރޭޝަނެއް ކުރިއަށް ގެންދާ ދަނޑިވަޅެއްގަ އެވެ.

ސިފައިންނާއި ފުލުހުން އަންނަނީ ކޮންމެ ރެއަކުހެން ޝައްކު ކުރެވޭ އެކި ގެތައް ބަލައި ފާސްކޮށް ބައެއް ފަރާތްތައް ހައްޔަރު ކުރަމުންނެެވެ. އަދި ފާސްކުރި ބައެއް ގޭގެއިން ބޮން ހަދާ ސާމާނާއި ހަތިޔާރު ފަދަ ތަކެތި ފެނިފައިވެ އެވެ. ރައީސް ވަނީ ފުލުހުންގެ އިދާރާ ހަރުދަނާ ކުރުމަށް ޕޮލިސް ކޮމިޝަނާ އާއި އެހެން ވެސް ފުލުހުންގެ އިސްވެރިން މަގާމުން ވަކިކޮށް ފުލުހުންގެ އިސް މަގާމުތަކަށް ބަދަލު ގެނެސްފަ އެވެ.

ރައީސް ވިދާޅުވެފައި ވަނީ ފުލުހުންގެ ތެރެއަށް ނައިބު ރައީސް އަދީބުގެ ނުފޫޒު ވަރަށް ބޮޑަށް ވަދެފައި އޮތުމުގެ ސަބަބުން ތަހުގީގުތައް ހިންގުމަށް އުނދަގޫވެފައިވާ ކަމަށެވެ. އަދި އެކަމާ ހުރެ ނައިބު ރައީސް ވެ ވަނީ ދޫނިދޫގައި އެކަހެރިކޮށްފަ އެވެ.