ނަގުދު ފައިސާ ނޫން އެހެން ތަކެތި އޭޓީއެމްތަކަށް އަޅާ ކަމަށާއި އެކަން އެގޮތަށް ނުކުރަން ބެންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން އެދިއްޖެ އެވެ.
ބެންކުން ބުނީ ފައިސާ ނޫން އެހެން ތަކެތި އޭޓީއެމަށް އެޅުމުގެ ސަބަބުން އޭޓީއެމްގެ ހިދުމަތް މެދުކެނޑި ހިދުމަތަށް ބުރޫ އަރާ ކަމަށެވެ. އަދި މިފަދަ ހާލަތެއް ރަށެއްގައި މެދުވެރިވެއްޖެނަމަ މައްސަލަ ހައްލު ކުރުމަށް ބޭންކްގެ މުވައްޒަފަކު އޭޓީއެމް ހުންނަ ރަށަށް ދަތުރު ކުރަން ޖެހޭ ކަމަށެވެ.
މިހާރުގެ ރާއްޖޭގެ ހާލަތަށް ބަލައި އިދާރާތަކުން ކަނޑައަޅާފައިވާ ގައިޑްލައިން އާ އެއްގޮތަށް ބެންކުގެ މަސައްކަތްތައް ބައްޓަން ކުރެވިފައި ވުމާއެކު އެފަދަ ރަށަކަށް މުވައްޒަފުން ދަތުރުކޮށް މައްސަލަ ހައްލު ކުރުމަށް ވަގުތު ހޭދަވާ ކަމަށް ވެސް ބޭންކުން ބުންޏެވެ.
އަދި ބުނީ އޭޓީއެމްއަށް އެހެނިހެން ތަކެތި އެޅުމުގެ ސަބަބުން ގެއްލުން ލިބި އެކަން ރަގަޅު ކުރަން ބައެއް ފަހަރު ރާއްޖެއިން ބޭރުން އާލާތް ގެންނަން ޖެހޭ ކަމަށާއި އެއީ ވެސް ވަގުތު ނަގާ ކަމެއް ކަމަށާއި އޭގެ ސަބަބުން ހިދުމަތަށް ބުރޫއަރައި އަލުން ހިދުމަތަށް އައުމަށް ވަގުތު ނަގާ ކަމަށެވެ.
ހަމައެކަނި ނަގުދު ފައިސާ އޭޓީއެމްއަށް ލުމާއެކު އޭޓީއެމް ސެންޓަރުތަކުގައި ހުންނަ އިރުޝާދުތަކާއި އެއްގޮތަށް އަމަލު ކުރަން ބެންކުން ވަނީ އެދިފަ އެވެ.