ޓެކްނޯލޮޖީ

އައިފޯން 13: އެޕަލްއިން މިހާރު ބޭނުންވަނީ ނޮޗް ނައްތާލަން

އެޕަލުން އައިފޯން ޑިޒައިންނަށް ގެނައި އެންމެ ހުތުރު ސިފައަކީ ސްކްރީން މަތީގައި އެއިންނަ ނޮޗް ނުވަތަ ހުސް ތަންގަނޑެވެ. އެތަނުން ހަގީގަތުގައި މަންޒަރެއް ސިފަ ނުވި ނަމަވެސް އެއީ ބޭނުމެއް ނެތް ހުސް ތަނެއް ނޫނެވެ. ފްރަންޓް ކެމެރާއާ ސެންސަރުތައް އަދި މިފަދައިން ހުރި ހުރިއާ ހިއްސުތަކެއް ވެސް ހުރީ އެތަނުގަ އެވެ.

އައިފޯން 13 މި އަހަރު ކޮންމެވެސް ހިސާބެއްގައި ނެރޭނެ ކަމަށް ބުނެވޭއިރު، މިހާރު ކުރެވޭ ބަހުސަކީ އައިފޯން 13 ގައި ނޮޗް ބައިންދާނީތޯ ނުވަތަ ގެއްލުވާލާނީތޯ އެވެ. މިއީ އައިފޯން 13 ޑިޒައިން ގޮސްފައި ހުރި ހިސާބު އެނގޭ މީހުން ބުނާ ވާހަކައެކެވެ. އެމީހުން ބުނަނީ ނޮޗްގެ ބަދަލުގައި "ޕަންޗްހޯލް" އަކުން ވެސް ފުއްދާލެވި ދާނެ ކަމަށް އެޕަލްއިން ބުނާ ކަމަށެވެ.

އެޕަލްއިން ބޭނުން ވަނީ އައިފޯން ބޭނުންކުރާ މީހުނަށް ފުލް ސްކްރީން ފޯނެއް އުފައްދައި ދޭން ކަމަށް ވެސް، އެޕަލް ތެރޭގައި ހިނގާ ކަންތައް އެނގޭ މީހުން ބުނެ އެވެ. މިއީ އެޕަލްއިން އާކަމެއް ކުރަން އުޅޭއިރު އިވޭ އަޑުތަކެވެ. މިފަދައިން މިވާހަކަތައް ދެކެވޭތާ ދުވަސްތަކެއް ފަހުން އެކަމެއް ފާޅުވެ އައިފޯނުތަކުގައި ސިފަޖެހެ އެވެ.

އައިފޯން 13އާ ގުޅުން ހުރި ވާހަކަތައް، ފޯނުގެ ޑިޒައިން، ކެމެރާ އަދި ބެޓެރީއަށް ގެންނަން ހުރި ކުރިއެރުންތައް މިހިސާބުތައި ހުއްޓައި، އެޕަލްއިން އައިފޯން 14 ޑިޒައިންކުރަން ފަށައިފި ކަމަށް ވެސް ބުނެވެ އެވެ. ހަގީގަތުގައި މިއިން އެއްވެސް ފޯނަކާ ބެހޭ ތަފުސީލް މައުލޫމާތެއް އަދި މީޑިއާއަށް ތިލަނުވެ އެވެ. އެހެން ނަމަވެސް، މަޝްރަހުގައި ވާހަކަތައް ހުރީ އައިފޯން 13 އިގެ ކޮންމެ ވެސް މޮޑެލްއަކުން ނޮޗް ނައްތާލަން އެޕަލް ބޭނުންވާ ގޮތަށެވެ.