ޑރ. މުހައްމަދު މުއިއްޒު

"މުއިއްޒު އަށް އޮތް ޔަގީން ކަމަކީ ފްލެޓް އަޅާ ނަތީޖާ ދެއްކުން"

ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒުގެ މިނިސްޓަރުގައި ފްލެޓް އެޅި އަދަދާ ގާތްކުރާ އަދަދަކަށްވެސް އެހެން މީހަކަށް ފްލެޓް އެޅިފައި ނެތް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ދެކުނު ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު އަބުދުލްކަރީމް (ރުކުމާ) ވިދާޅުވެއްޖެ އެވެ.

މާލެ ސިޓީ ކައުންސިލްގެ މެންބަރުކަންވެސް ކުރައްވާފައިވާ ރުކުމާ މިހެން ވިދާޅުވީ އޭނާ ކުރެއްވި ޓްވީޓެއްގައެވެ. ކުރީ ސަރުކާރުން އިމާރާތްކުރި 7،000 ފްލެޓް ދޭނެ ބަޔަކު ކަނޑައަޅާ ލިޔުންވެސް ދީފައިވަނިކޮށް މި ސަރުކާރުން ވަނީ ކުރީ ސަރުކާރުން ކަނޑައެޅި ލިސްޓް ބަދަލުކޮށް އާ ލިސްޓެއް ނެރެފައެވެ. ފްލެޓް ލިބޭނެ މީހުން ހިމެނޭ ފައިނަލް ލިސްޓް ނެރެފައިވާއިރު ކުރިން ފްލެޓް ލިބޭނެ ކަމަށް ލިޔުން ދީފައިވާ އެތަށް ބަޔަކަށް ފްލެޓް ވަނީ ގެއްލިފައެވެ. އޭގެ ތެރޭގައި ވަރަށް ނިކަމެތި ހާލަތުގައި ދިރިއުޅެމުންދާ މީހުންވެސް ހިމެނެއެވެ. އެ މީހުންގެ ހައްގުގައި އެންމެ ބޮޑަށް ވަކާލާތު ކުރައްވަނީ ޑރ. މުއިއްޒު އެވެ.

ހިޔާ މަޝްރޫއުގެ ދަށުން ކުރީ ސަރުކާރުން އަޅާފައިވާ ފްލެޓްތައް ލިބޭނެ މީހުން ކަނޑައަޅާ ލިޔުން ދީފައިވަނިކޮށް އެތަށް ބައެއްގެ އަތުން ފްލެޓް އަތުލުމަކީ ބޮޑު އަނިޔާއެއް ކަމަށާ ހައްގުތައް ގެއްލުނު އެންމެނަށް ފްލެޓް ލިބެންދެން އަޑުއުފުއްލަވާނެ މާލެ ސިޓީގެ މޭޔަރު ކަމަށް ވާދަކުރައްވާ މުއިއްޒު ވަނީ ވައުދުވެވަޑައިގެންފައެވެ.

އެކަމަށް އިޝާރާތް ކުރައްވާ ރުކުމާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މުއިއްޒުގެ އެ ވައުދަށް ވަރަށް ބޮޑަށް އުފާ ކުރައްވާ ކަމަށެވެ. އަދި މުއިއްޒުގެ ވާހަކަފުޅަށް އޮތް ޔަގީން ކަމަކީ މުއިއްޒުގެ މިނިސްޓަރުގައި ފްލެޓް އެޅި އަދަދާ ގާތްކުރާ އަދަދަކަށްވެސް އެހެން މީހަކަށް ފްލެޓް އެޅިފައި ނެތުން ކަމަށެވެ.

"ޑރ. މުއިއްޒު ވިދާޅުވީމަ މިހާރު ޔަގީންވާ ސަބަބަކީ މުއިއްޒު އަކީ ފްލެޓް ބައްޕަ. މުއިއްޒު ފްލެޓް އެޅި އަދަދާ ގާތް ކުރާ އަދަދަކަށްވެސް އެހެން މީހަކަށް ފްލެޓް އެޅިފައެއް ނެތް،" ރުކުމާ ވިދާޅުވިއެވެ.

މުއިއްޒު ވިދާޅުވީ ފްލެޓް ލިބޭނެ ކަމުގެ ލިޔުން ދިން ކޮންމެ މީހަކީ އަދި ފްލެޓަށް އެދި ފޯމް ހުށައެޅި 23،000 ރައްޔިތުންނަށްވެސް ފްލެޓް ހައްގު ކަމަށެވެެ. ފްލެޓް ދީފައިވާ 7،000 މީހުންނަކީ ވަރަށް އިންސާފުވެރި ކަމާއެކު ބަލަން ޖެހޭ ހުރިހާ ކަމަކަށް ބެލުމަށްފަހު ލިޔުން ދީފައިވާ މީހުން ކަމަަށެވެ. އެއީ ވަރަށް ނިކަމެތި ހާލަތުގައި މާލޭގައި ދިރިއުޅެމުންދާ އާއިލާތަކެއް ކަމަށާ އެފަދަ އާއިލާއެއްގެ އަތުން ފްލެޓް އަތުލުމަށް ވުރެ ބޮޑު އަނިޔާއެއް ނުދެވޭނެ ކަމަށެވެ.

މުއިއްޒު ވިދާޅުވީ މި ސަރުކާރުން ފްލެޓް އަތުލި މީހުންގެ ހައްގުގައި ވަކާލާތުކޮށް އެ ވާހަކަ ދައްކަމުންދާތީ ވާދަވެރިން ބަހުގެ ހޫނު ހަމަލާތައް އަމާޒު ކުރަމުންދާ ކަމަށެވެ. ނަމަވެސް ހައްގު ގެއްލުނު ކޮންމެ ރައްޔިތެއްގެ ދިފާއުގައި ވާހަކަ ދައްކަވާނެ ކަމަށާ ކިތަންމެ ވަރަކަށް ފާޑުކީ ނަމަަވެސް ހައްގު ގެއްލުނު އާއިލާތަކުގެ ހައްގުގައި ވަކާލާތު ކުރައްވާނެ ކަމަށެވެ.

"އިރާދަކުރެއްވިއްޔާ ފްލެޓް ހައްގު ނިގުޅައިގެން އެންމެ ފަހު މީހާއަށް އިންސާފު ލިބެންދެން އަޅުގަނޑު މި މަސައްކަތުގައި ދެމި ހުންނާނަން،" މުއިއްޒު ވިދާޅުވިއެވެ.