އަނިޔާވެރި ގޮތަކަށް މަރާލި، ރ. މީދޫ ފެންފިޔާޒުގޭ މުހަައްމަދު އަނަސްގެ މަރާ ގުޅިގެން ފޮރިންސިކް އެވިޑެންސްއަށް ފޯނަކުން މައުލޫމާތު ހޯދަން ސިންގަޕޫރަށް ފޮނުވުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށާ އެ މައުލޫމާތު ލިބުމުން އަނަސްގެ މަރާ ގުޅޭ ފަހުގެ މައުލޫމާތު ހިމެނޭ ރިޕޯޓެއް ރިޔާސީ ކޮމިޝަނުން ނެރޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް މިރޭ ވިދާޅުވެއްޖެ އެވެ.
އަތޮޅު ފެރީގެ ކެޕްޓަނެއްގެ ވަޒީފާގައި އުޅުނު އަނަސް، އަނިޔާވެރި ގޮތަކަށް މަރާލީ ފެރީ ދަތުރުގައި މާލެ އައިސް ހުއްޓަ އެވެ. އޭނާގެ އާއިލާއިން ބުނަނީ އަނަސް އަކީ އެއްވެސް ގްރޫޕަކާ މައްސަލައެއް އޮތް ޒުވާނެއް ނޫން ކަމަށެވެ.
މިރޭ އެމްޑީޕީގެ ރަށްވެހި ފަތިސް ކެންޕެއިން ބައްދަލްވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ އަނަސްގެ މަރުގެ ތަހުގީގު މިހާރު މުޅިން ނިމުމަކާ ކައިރިވެފައިވާ ކަމަށެވެ. އެ ތަހުގީގުގައި މިވަގުތު ހަމައެކަނި އޮތީ ފޮރިންސިކް އެވިޑެންސްއަށް ބޭރަށް ފޮނުވަން ޖެހޭ ފޯނެއް ކަމަށާ އެ ފޯނު ފޮނުވަނީ ސިންގަޕޫރަށް ކަމަށެވެ. އެ ފޯނުން ހޯދަން ޖެހޭ މައުލޫމާތު ލިބުމުން އަނަސްގެ މަރާ ގުޅޭ ފަހުގެ މައުލޫމާތު ހިމެނޭ ރިޕޯޓެއް ރިޔާސީ ކޮމިޝަނުން ނެރޭނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
"މިހާރު އޮތީ ގާތްގަނޑަކަށް މުޅިން ނިމިފައި އޮތް ކަމަށް އަޅުގަނޑަށް އަޕްޑޭޓް ލިބުނީ. ހަމައެކަނި ފޮރިންސިކް އެވިޑެންސްއަށް ބޭރަށް ފޮނުވަން ޖެހޭ އެންމެ އެއްޗެއް އެބައޮތް. އެ ފޮނުވުމުގެ މަސައްކަތް އެ ގެންދަނީ. އަޅުގަނޑު ހިތުން ފޯނެއް މި އުޅެނީ ފޮރިންސިކް އެވިޑެންސްއަށް ފޮނުވަން ޖެހޭ. އެހެންވީމަ އެ ފޯނު ފޮނުވާ ސިންގަޕޯއިން ހޯދަން ޖެހޭ މައުލޫމާތު ހޯދުމަށް ފަހު އެންމެ ފަހުގެ މައުލޫމާތު އިރާދަކުރެއްވިއްޔާ އަނަސްގެ މަރާ ގުޅިގެން ކޮމިޝަނުން ނެރޭނެ،"
މަރުތަކަށް އިންސާފު ހޯދުމަކީ ރައީސް ސޯލިހުގެ ރިޔާސީ ވައުދެކެވެ. 2019 ވަނަ އަހަރު ރ. މީދޫއަށް ކުރެއްވި ދަތުރުފުޅެއްގައި އަނަސްގެ އާއިލާއާ ބައްދަލު ކުރައްވާ ރައީސް ސޯލިހު ވަނީ އަނަސްގެ މަރުގެ ތަހުގީގުގެ ވަރަށް ބޮޑުބައި ނިމިފައިވާ ކަމަށާއި އަނަސްގެ މަރާ ގުޅިގެން ސުވާލު ކުރަންޖެހޭ ފަރާތްތަކުގެ ތެރެއިން އެންމެ މީހެއް ފިޔަވައި ހުރިހާ މީހުނާ ސުވާލު ކޮށްފައިވާ ކަމަށް ވިދާޅުވެފައެވެ.