ހަބަރު

ވެކްސިނާއި ގުޅިގެން ރެސިޑެންޓް ކޯޑިނޭޓަރުގެ މަރުހަބާ ރައީސަށް

ކޮވިޑް-19 އިން ރައްކާތެރިވުމަށްޓަކައި އެންމެ ފުރަތަމަ ދުވަހުން ފެށީގެން ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ވެކްސިން ދިނުމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ދައްކަވަމުން ގެންދަވާ ލީޑާޝިޕަށް އދ އިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ރެސިޑެންޓް ކޯޑިނޭޓަރު ކެތަރިން ހެސްވެލް މަރުހަބާ ދަންނަވައިފި އެވެ.

ކެތަރިން ވިދާޅުވީ، "ކޮވިޑް-19 ދިފާއު" ގެ ނަމުގައި ރައީސް ސޯލިހު މިދިޔަ ފެބްރުއަރީ މަހުގެ ފުރަތަމަ ދުވަހު ފެއްޓެވި ޕްރޮގްރާމަކީ ވެކްސިން ދިނުމުގައި ހުރިހާ ރައްޔިތުންގެ މެދުގައި ހަމަހަމަކަން ގާއިމުކުރުމުގެ މިސާލެއް ކަމަށެވެ.

ރާއްޖޭގައި މިހާތަނަށް 123،000 އަށްވުރެ ގިނަ މީހުން ވެކްސިން ޖަހާފައިވާ ކަމަށް ފާހަގަކޮށް ކެތަރިން ވިދާޅުވީ، ވެކްސިން ޖެހުމުގައި ރާއްޖެއިން މަގަތު ސަފުގެ މަސައްކަތްތެރިންނާއި ހައި ރިސްކް މީހުންނަށް އިސްކަން ދޭކަމަށެވެ.

މީގެއިތުރުން ދިވެހި ރައްޔިތުންނާއި ބިދޭސީންނާއި ބިދޭސީންގެ ތެރެއިން ގަވާއިދާ ހިލާފަށް އުޅޭ މީހުންނަށްވެސް ހަމަހަމަކަމާއި އެކީ ހިލޭ ވެކްސިން ދެމުން އަންނަ ކަންވެސް އޭނާ ވަނީ ފާހަގަކުރައްވާފަ އެވެ. އަދި މޯލްޑިވްސް ރެޑްކްރެސެންޓުން ރާއްޖޭގައި ދިދިއުޅެމުން އަންނަ ލިޔެކިޔުމެއް ނެތް ބިދޭސީންނަށް ވެކްސިން ދިނުމުގެ ކަންކަން ކުރިއަށްގެންދާ ކަން ވެސް ވަނީ ފާހަގަކުރައްވާފަ އެވެ.

މިހާރު ޔުނިސެފުންނާއި ވޯލްޑް ހެލްތް އޯގަނައިޒޭޝާއި ގުޅިގެން ހެލްތް ސެކްޓާގައި އުޅޭ މުވައްޒަފުންނަށް އިތުރު ޓްރެއިނިންތައް ދިނުމާއި ވެކްސިން ސަޕްލައިކޮށް ރައްކާކުރުމަށް އެހީތެރިކަން ފޯރުކޮށްދޭން މަސައްކަތްކުރަމުން އަންނަ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ރާއްޖޭގައި ޖަހަމުން އަންނަނީ އިންޑިއާގައި އުފައްދާފައިވާ "ކޮވިޝީލްޑް" ވެކްސިނެވެ. ވެކްސިން ލިބި ޖަހަން ފަށާފައިވާ ގައުމުތަކަށް ބަލާއިރު އާބާދީގެ ނިސްބަތުން އެންމެ ގިނަ ބަޔަކަށް ވެކްސިން ދީފައިވަނީ ރާއްޖޭގައެވެ.