ވިޔަފާރި

އެސްޓީއޯއަށް 72 މިލިއަން ރުފިޔާގެ ސާފު ފައިދާއެއް

އެސްޓީއޯއަށް މި އަހަރުގެ ތިންވަނަ ކުއާޓަރު (1 ޖުލައި-30 ސެޕްޓެމްބަރު) މަހު ސާފު ފައިދާގެ ގޮތުގައި 72 މިލިއަން ރުފިޔާ ލިބިއްޖެ އެވެ.

ނަމަވެސް، މި އަހަރުގެ ދެވަނަ ކުއާޓަރުގައި އެ ކުންފުންޏަށް 113 މިލިއަން ރުފިޔާ ސާފު ފައިދާގެ ގޮތުގައި ލިބިފައިވެ އެވެ.

ރާއްޖެއަށް ތެލާއި ކާޑުގެ ބާވަތްތައް އެތެރެކުރާ، އެސްޓީއޯގެ މާލީ ހިސާބުތައް ދައްކާ ގޮތުން މި ކުއާޓަރުގައި އެ ކުންފުނިން 1.2 ބިލިއަން ރުފިޔާގެ ވިޔަފާރިކޮށްގެން އާމްދަނީގެ ގޮތުގައި 1.5 ބިލިއަން ރުފިޔާ ލިބިފައިވެ އެވެ. އަދި މި ކުއާޓަރުގައި ޖުމްލަ އާމްދަނީގެ ގޮތުގައި އެ ކުންފުންޏަށް 297 މިލިއަން ރުފިޔާ ލިބިފައިވެ އެވެ.

ސަރުކާރާއި ރައްޔިތުން ހިއްސާވާ ކުންފުނީގެ ހިސާބުތައް ދައްކާ ގޮތުން ހިންގުމުގެ ފައިދާގެ ގޮތުގައި މި ކުއާޓަރުގައި އެސްޓީއޯއަށް 116 މިލިއަން ރުފިޔާ ލިބިފައިވެ އެވެ. އަދި ޓެކްސްއަށް ކެނޑުމުގެ ކުރިން އާމްދަނީގެ ގޮތުގައި 85 މިލިއަން ރުފިޔާ ލިބިފައިވެ އެވެ.