ހަބަރު

ތިން މަޝްރޫއެއް ކައުންސިލްތަކާ ހަވާލުކޮށްފި

ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބަޖެޓުގައި ޕީއެސްއައިޕީ މަޝްރޫއުގެ ދަށުން ތިން ރަށެއްގައި ކުރިއަށް ގެންދާ ތިން މަޝްރޫއެއް އެ ރަށްރަށުގެ ކައުންސިލްތަކާއި ހަވާލު ކޮށްފި އެވެ.

އެލްޖީއޭ އިން ބުނީ ރަށްރަށުގައި ހިންގާ މަޝްރޫއުތަކުގެ ތެރެއިން ފަސް މިލިއަން ރުފިޔާއަށްވުރެ ދަށް ބަޖެޓުގެ މަޝްރޫއުތައް ހިންގަން ޖެހޭނީ އެރަށެއްގެ ކައުންސިލުން ކަމަށެވެ.

މިއަދު ޒޫމް މެދުވެރިކޮށް ކުރިއަށް ގެންދިޔަ ރަސްމިއްޔާތުގައި ހއ. ކެލާގައި މަސްމާރުކޭޓު އެޅުމުގެ މަޝްރޫއު އެރަށު ކައުންސިލާއި ހަވާލުކޮށްފައިވާއިރު، މި މަޝްރޫއުގެ އަގަކީ 2.8 މިލިއަން ރުފިޔާ އެވެ.

ހދ. ވައިކަރަދޫގައި ގާއިމުކުރާ މަސްމާރުކޭޓުގެ އަގަކީ 2.5 މިލިއަން ރުފިޔާ އެވެ. މީގެއިތުރުން ބ. ފުޅަދޫގައި ގާއިމުކުރާ ކައުންސިލް އިދާރާގެ މަޝްރޫއު އެލްޖީއޭ އިން އެރަށު ކައުންސިލާއި ހަވާލުކުރިއިރު މި މަޝްރޫއުގެ އަގަކީ 3.5 މިލިއަން ރުފިޔާ އެވެ.

މި ރަސްމިއްޔާތުގައި އެލްޖީއޭގެ ފަރާތުން ކައުންސިލްތަކާއި މަޝްރުއުތައް ހަވާލުކޮށްދެއްވި ޗީފް އެގްޒެކެޓިވް އޮފިސަރު ފާތިމަތު އަފްޝަން ލަތީފެވެ.

މިއަހަރު އަލަށް ފެށުމަށް އެލްޖީއޭ އަށް 24 މަޝްރޫއެއް ލިބިފައިވާ ކަމަށް އެއޮތޯރިޓީން ބުންޏެވެ. މިހާރުވެސް ބައެއް ރަށްރަށުގައި އެއޮތޯރިޓީއިން އަންނަނީ މަޝްރޫއުތަކެއް ހިންގަމުންނެވެ. އޭގެތެރޭގައި ޅ. ނައިފަރު، ކ. ހުރާ، ގއ. ކޮނޑޭ އަދި ލ. އިސްދޫގައި ކައުންސިލް އިދާރާ ގާއިމުކުރުމުގެ މަސައްކަތް ހިމެނެ އެވެ.