އުމަރު ނަސީރު

ޑީއެންއޭއަކީ ރިޔާސީ އިންތިހާބަށް އުފައްދާ ހަރަކާތެއް ނޫން: އުމަރު

ދިވެހި ނެޝެނަލް އެކްޝަން (ޑީއެންއޭ) އަކީ ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް ތާއްޔާރުވާން އުފެއްދި ހަރަކާތެއް ނޫން ކަަމަށް އެ ހަރަކާތުގައި އިސްކޮށް އުޅުއްވާ އަދި ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެ އެވެ.

ޑީއެންއޭ އިފްތިތާހު ކުރުމަށް މިރޭ ބޭއްވި ހަފްލާގައި އުމަރު ވިދާޅުވީ ޑީއެންއޭއަކީ ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް ތައްޔާރުވުމަށް އުފައްދާ ހަރަކާތެއް ނޫން ކަމަށާއި ހަރަކާތުގެ މަގްސަދަކީ ރާއްޖެ މުޅިން އާ މިސްރާބަަށް ގެންދިއުން ކަމަށެވެ. ނަމަވެސް ކުރިއަށް ރިޔާސީ އިންތިހާބަކީ ރާއްޖެ އާ މިސްރާބަކަަށް ގެންދަން ލިބޭނެ ފުުރުސަތެއް ކަމަށް އުމަރު ފާހަގަ ކުރެއްވި އެވެ.

"އެ ފުރުސަތުގެ ބޭނުން ހިފާނީ ކިހިނެއްތޯ ނިންމާނީ އިންތިހާބު ކައިރިވުމުން. ޑީއެންއޭ މި އުފައްދަނީ ދިވެހިންގެ މުރާލިކަމާ ދިވެހިންގެ ހީވާގިކަމާ ދިވެހިންގެ މަސައްކަތްތެރިކަމާ އަނބުރާ ގެންނަން. ޑީއެންއޭ މި އުފައްދަނީ އިސްލާމް ދީނުގެ ރީތި އަހުލާގަށް މަތީ ތައުލީމަށް ހުނަރު ފައްކާވެފައިވާ ޖީލެއް އުފައްދައި އެ ޖީލުގެ ކޮނޑުގައި މި ގައުމު ތަރައްގީވެފައިވާ ގައުމަކަަށް ހެދުމުގެ މަތިވެރި މަގުސަދުގައި\" އުމަރު ވިދާޅުވި އެވެ.

ޑީއެންއޭ ހެދުމުގެ މައިގަނޑު މަގްސަދެއްގެ ގޮތުގައި ދެން އުމަރު ނެންގެވީ އަމިއްލަވަންތަ، އިސްލާމްދީނަށް ލޯބި ކުރާ އަދި މިނިވަން ދައުލަތެއް ކަށަވަރު ކުރުމެވެ. އެގޮތުން ދިވެހިންނަކީ އަބަދުހެން ނާށިގަނޑު ހިފައިގެން ސަލާންޖަހަން ނުކުންނަން ޖެހޭ ބަޔަކަށް ނުވުމަށް ވަކާލާތު ކުރައްވާނެ ކަމުގެ ވައުދެއް އުމަރު މިރޭ ވެވަޑައިގަތެވެ.

"ކުރިއަށް އޮތް ދުވަސްތަކުގައި ގައުމީ ސިޔާސީ އިޖުތިމާއީ ހުރިހާ ޕްލެޓްފޯމްތަކެއްގައި މި ރާއްޖެ ބަދަލު ކުރުމަށް މި ރާއްޖެ ޓްރާންސްފޯމް ކުރުމަށް އަޅުގަނޑުމެން ވަކާލާތު ކުރާނަން" އުމަރު ވިދާޅުވި އެވެ.

ޑީއެންއާއަކީ ދިވެހި ގައުމު އަނބުރާ ދިވެހިންނަށް ހޯދައި ދިނުމަށް ފަށާ ހަރަކާތެއްކަން ފާހަގަ ކުރައްވައި އުމަރު ވިދާޅުވީ ކޮރަޕްޓް ސިޔާސީ ވެރިންގެ އަތުން އަނބުރާ ގައުމު އަތުލައި އަމިއްލަ ފައިމައްޗަށް ތެދުވުމަށް އެ ހަރަކާތުން މަސައްކަތް ކުރާނެ ކަަމަށެވެ. އެގޮތުން ގައުމު އަލުން ފައިމައްޗަށް ނެގެން އޮތީ ސިޔާސީ ރޭހަކުން ކުރި ހޯދައިކަން ވެސް އުމަރު ފާހަގަ ކުރެއްވި އެވެ. އަދި އެ ރޭހުގައި ކުރި ހޯދުމަށް މަސައްކަތް ނުކޮށް ގައުމުގައި ހުރި ގޯސް ކަންތައްތައް ގޯޅި ގޯޅި ކަންމަތީގައާއި ޓުވިޓާގައި ފޭސްބުކްގައި ދައްކައިގެން ނެރެވޭނެ ނަތީޖާއެއް ނޯންނާނެކަމަށް އުމަރު ވިދާޅުވި އެވެ. އެހެންކަމުން އަމަލީ ގޮތުން އެ މަސައްކަތުގައި ބައިވެރިވުމަށް އުމަރު އިލްތިމާސްކުރެއްވި އެވެ.

އެގޮތުން ގައުމު އަލުން ފައިމައްޗަށް ނެގެން އޮތީ ސިޔާސީ ރޭހަކުން ކުރި ހޯދައިކަންވެސް އުމަރު ފާހަގަކުރެއްވި އެވެ. އަދި އެ ރޭހުގައި ކުރި ހޯދުމަށް މަސައްކަތްނުކޮށް ގައުމުގައި ހުރި ގޯސް ކަންތައްތައް ގޯޅި ގޯޅި ކަންމަތީގައާއި ޓުވިޓާގައި ފޭސްބުކްގައި ދައްކައިގެން ނެރެވޭނެ ނަތީޖާއެއް ނޯންނާނެކަމަށް އުމަރު ވިދާޅުވި އެވެ. އެހެންކަމުން އަމަލީ ގޮތުން އެ މަސައްކަތުގައި ބައިވެރިވުމަށް އުމަރު އިލްތިމާސްކުރެއްވި އެވެ.