ފުވައްމުލައް

ފުވައްމުލަކު އެއާޕޯޓް: ފޮށި ކަނޑައިގެން ޗެކް ކުރާތާ ދެމަސް!

Mar 4, 2021
7

ރާއްޖޭގެ އެންމެ ބޮޑު އާބާދީއެއް ވަކިން ދިރިއުޅޭ އެއް ރަށް ކަމަށްވާ ފުވައްމުލަކުގެ އެއާޕޯޓްގައި ސްކޭން މެޝިން ހަލާކުވެ، ފޮށި ކަނޑައިގެން އަތުން ޗެކް ކުރާތާ ދެ މަހަށް ވުރެ ގިނަ ދުވަސް ވެއްޖެ އެވެ.

ކޮންމެ ދުވަހަކު ވެސް ގިނަ ބަޔަކު ދަތުރު ކުރާ ފުވައްމުލަކު ރީޖަނަލް އެއާޕޯޓަށް ދަތުރު ކުރާ މީހުންނަށް އެއާޕޯޓް ބެގޭޖު ޗެކް ކުރާ މެޝިން ހަލާކުވެފައި ހުންނާތީ ދަނީ ދަތިތަކާ ކުރިމަތިވަމުންނެވެ. އޭގެ ސަބަބުން އެއާޕޯޓަށް ފުރަން ގޮސް ގިނަ ވަގުތު ތަކެއްވާތީ ގިނަ ބަޔަކު ޝަކުވާ ކުރެ އެވެ.

ފުވައްމުލަކުން މިއަދު ވާހަކަ ދެއްކި މީހަކު ބުނި ގޮތުގައި އެއާޕޯޓުގެ ބެގޭޖު ސްކޭން މެޝިން ހަލާކުވެފައި ހުންނަތާ ގިނަ ދުވަސްތަކެއް ވެފައިވާއިރު މެޝިން ނުހެދި ލަސްވާތީ ރައްޔިތުންނަށް ވަނީ ދައްޗާ ކުރިމަތިވެފަ އެވެ.

"މިހާރު ފަހަރަކު ފޮއްޓެއް ހުޅުވައިގެން މި ޗެކް ކުރަނީ. ޗެކް ކުރާއިރު މީހުންގެ ޕާސަނަލް އެތައް އެއްޗެއް ނަގައި މޭޒު މައްޗަށް އަޅާލައިގެން ޗެކް ކުރަން ޖެހެނީ. މިއީ ވަރަށް ލަތުވެތި ކަމެއް،" ނަން ނުޖެހުމަށް އެދި ވާހަކަ ދެއްކި މުވައްޒަފަކު ބުންޏެވެ.

ފުވައްމުލަކު އެއާޕޯޓް ބަލަހައްޓަނީ، ސަރަހައްދީ އެއާޕޯޓްތައް ހިންގަން ދާދި ފަހުން ސަރުކާރުން އުފެއްދި ރީޖަނަލް އެއާޕޯޓްސް ކުންފުނިންނެވެ.

ރީޖަނަލް އެއާޕޯޓް ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ރިޒްވީ އަވަސް އަށް މިއަދު ވިދާޅުވީ އެ ކުންފުނި އުފެއްދިތާ އަދި މާގިނަ ދުވަސްވެފައި ނުވާއިރު، އެއާޕޯޓްތައް ހޭންޑްއޯވާކޮށް އަދި ރަނގަޅަށް ހިންގަން ވެސް ނުފެށޭ ކަމަށެވެ. ނަމަވެސް ފުވައްމުލަކު އެއާޕޯޓް މެޝިންގެ މައްސަލަ ވަރަށް ގާތުން ބަލާ ކަމަށް އޭނާ ވިދާޅުވި އެވެ.

"ފުވައްމުލަކު އެއާޕޯޓު މެޝިންގެ ސްޕެއާއެއް ހަލާކުވެފައި ވަނީ. އެހެންވެ އެ ސްޕެއާ ހޯދުމަށް ކުރިން ވަނީ އޯޑަރު ދީފައި. ސްޕެއާ އައުމުގައި ޑިލޭއެއް އުޅޭކަން އެނގިފައި ވަނީ. އަޅުގަނޑުމެން ވެސް ކުންފުނި އުފައްދައި އަދި ހަމަ މި އެސެޓް ޓްރާންސްފާ ހަދަމުން ދަނީ،" ރިޒްވީ ވިދާޅުވި އެވެ.