ދުނިޔެ

އިޒްރޭލުގެ ޖަރީމާތައް ބަލާނެ ކަމަށް އައިސީސީ ބުނާތީ އެމެރިކާ ބިރުގެންފި

ފަލަސްތީން ބިންތަކުގައި އިޒްރޭލުން ހިންގާ އަނިޔާވެރި އަމަލުތައް ބަލާނެ ކަމަށް، އިންޓަނޭޝަނަލް ކްރިމިނަލް ކޯޓް (އައިސީސީ) އިން ބުނުމުން އެެމެރިކާ ޖެހިލުން ވެއްޖެ އެވެ. އިޒްރޭލުން ވެސް ވަނީ މިކަމަށް ވަރަށް ބޮޑަށް ފާޑު ކިޔައި ސިފައިން ހިމާޔަތް ކުރާނެ ކަމަށް ބުނެފަ އެވެ.

އެމެރިކާއިން ބުނީ އައިސީސީގެ ބަޔާނާ މެދު ވަރަށް ބޮޑަށް ކަންބޮޑުވާ ކަމަށެވެ. އަދި ބުނީ އިޒްރޭލު ހިމާޔަތް ކުރަން އެމެރިކާ ވެފައިވާ ވައުދު ދަމަހައްޓާނެ ކަމަށާއި ވައުދު ފުއްދުމުގައި ދެމި އޮންނާނެ ކަމަށެވެ. އިޒްރޭލަށް ފާރަލައި އެ ގައުމުން ކުރާހާ ކަމެއް ހޯދައި ބެލުމަކީ ކުރެވެން ޖެހޭ ކަމެއް ނޫން ކަމަށާއި އެކަމަށް ދެކޮޅު ހަދާ ކަމަށެވެ.

"އިޒްރޭލް ހިމާޔަތްކޮށް ރައްކާތެރި ކުރުމަށް އަހަރެމެންވާ ވައުދު ދެމެހެއްޓުމުގެ ގޮތުން އިންޓަނޭޝަން ކްރިމިނަލް ކޯޓްގެ ބަޔާން ކުށްވެރި ކުރަން" ސްޓޭޓް ޑިޕާޓްމަންޓްގެ ތަރުޖަމާން ނެޑް ޕްރައިސް ވިދާޅުވި އެވެ. "އިޒްރޭލާ މެދު ނުހައްގުން ކުރެވޭ ހުރިހާ ކަމަކަށް އަހަރެމެން އިންކާރު ކުރަން" އޭނާ ވިދާޅުވި އެވެ.

ނެޑް ޕްރައިސް ވިދާޅުވީ ފަލަސްތީނުގައި އިޒްރޭލުންް ހިންގާ ޖަރީމާތައް ކަމަށް ބުނެ އިޒްރޭލާ ދެކޮޅަށް އެއްވެސް ކަމެއް ކުރުމުގެ ބާރު އިންޓަނޭޝަނަލް ކްރިމިނަލް ކޯޓްއަށް ލިބިފައި ނުވާ ކަމަށެވެ. އޭނާ ވިދާޅުވީ އިޒްރޭލަކީ ބަޔަކަށް ކުޅޭކުޅޭ އެއްޗަކަށް ވާން ނޭދޭ ކަމަށެވެ. އަދި އައިސީސީއާ މެދު އެމެރިކާއިން ސީރިއަަސްކޮށް ވިސްނަން ޖެހިފައިވާ ކަމަށެވެ.

އައިސީސީން ބުނީ 1967 ވަނަ އަހަރުން ފެށިގެން ފަލަސްތީން ބިންތަކުގައި އިޒްރޭލުން ހިންގާފައި ހުރި އަނިޔާވެރި އަމަލުތައް ބޭލޭނެ ކަމަށާއި، އެމެރިކާ އަދި އިޒްރޭލް ދެކެ ވެސް ބިރު ނުގަންނަ ކަމަށެވެ. އަދި ބުނީ ތަހުގީގު ކުރާނީ މިނިވަން މުއައްސަސާތައް ހިމަނައިގެން ކަމަށާއި ދޫކޮށް ނުލާނެ ކަމަށެވެ.