ނިމިގެން ދިޔަ ސަރުކާރުން ފެށި ހިޔާ މަޝްރޫއުގެ ދަށުން އެޅި ފްލެޓްތައް ދިނުމުގައި ކަނޑައަޅާފައިވާ އުސޫލަށް ބަދަލު ގެނައުމުން 280 ފްލެޓް ގެއްލިގެން ދިޔަކަމަށް ހައުސިން ޑިވޮލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އިން ބުނެފި އެވެ.
މިއަދު މަޖިލީހުގައި ބޭއްވި ގައުމީ ތަރައްގީއާއި ތަރިކައިގެ ކޮމެޓީގައި އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު ސުހައިލް އަހުމަދު ވިދާޅުވީ ކުރީ ސަރުކާރު ނިމިގެން ދިޔައިރުވެސް ނިންމާފައި އޮތީ ހިޔާ ފްލެޓްތަކުގެ ގްރައުންޑް ފްލޯގެ ދެބައި ކުޅަ އެއްބައި ކޮމާޝަލް މަސައްކަތްތަަކަށް ދޫކުރާ ގޮތަށް ކަމަށެވެ. އެގޮތުން ކޮމާޝާލް ބޭނުންތަކަށް 140 ފްލެޓް ދޫކުރަން އޭރު ނިންމާފައި އޮތް ކަމަށް ވިދާޅުވި އެވެ.
" އެހެން ނަމަވެސް މި ސަރުކާރުން އަޅުގަނޑުމެން ނިންނި ނިންމުމެއް އެވަރު އާބާދީއަކަށް މަދޭ އެވަރުގެ ކޮމާޝަލް ހަރަކާތަަކަށް ޖާގައަށް. އެހެންވީމާ ސަރުކާރުން ނިންމީ ގްރައުންޑް ފްލޯ އެއްކޮށް ފްލެޓް ނުބަހައްޓަން. އެހެންވީމާ 280 ފްލެޓް މަދުވެގެން ދިޔައީ. ވާހަކައަކީ 7000 އަށްވުރެ މަދުވެފައޭ މިއޮތީ." ސުހައިލް ވިދާޅުވި އެވެ.
އާ ސަރުކާރުން ގެނައި ބަދަލުތައް ދިފާއުކުރައްވައި ސުހައިލް ވިދާޅުވީ އެ ބަދަލަކީ ކޮންމެހެންވެސް ބޭނުންވާ ހިދުމަތެއް ކަމަށެވެ. އަދި ފްލެޓްތައް ނިމި މީހުން ދިރިއުޅެން ފަށާއިރު އެތަނުގައި 35،000 އެއްހާ މީހުން ދިރިއުޅޭނެކަމަށް ބެލެވޭތީ އެތަންތަނާ ކައިރިން ފިހަރާތަކާއި ކޮންމެހެން ބޭނުންވާ ޒަރޫރީ ހިދުމަތްތައް ލިބޭނީ އެގޮތަށް ހަދައިގެންކަން ސުހައިލް ފާހަގަކުރެއްވި އެވެ.
ގްރައުންޑް ފްލޯއިން ފްލެޓް ނުދޭން ނިންމިއިރު އެއް ކޮޓަރީގެ ފްލެޓްތައްވެސް ނުދާން މި ސަރުކާރުން ވަނީ ނިންމައިފަ އެވެ. އެކަމާ ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުން ސަރުކާރަށް ވަނީ އަމާޒުވެފައެވެ.