ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19

ރެކޯޑް އަދަދެއް، ހަފްތާއަކުން 1000 ކޭސް

Mar 5, 2021

ނިމިގެން ދިޔައީ އެންމެ ގިނަ ބަޔަކު ކޮވިޑް-19 އަށް ޕޮޒިޓިވްވީ ހަފްތާ ކަމަށާ މިދިޔަ ހަފްތާގައި 1020 މީހަކަށް ބަލި ޖެހުނު ކަމަށް ހެލްތް އިމާޖަންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން ބުނެފި އެވެ.

ރާއްޖެއިން ފުރަތަމަ ކޮވިޑް ކޭހެއް ފެނިފައިވަނީ އޭޕްރީލް 15، 2020 ވީ އަންގާރަ ދުވަހުއެވެ. އެހެން ކަމުން ހަފްތާ ގުނަމުން ގެންދަނީ އަންގާރައިން އަންގާރައަށެވެ.

އެޗްއީއޯސީގެ ތަރުޖަމާން ޑރ. ފާތިމަތު ނަޒްލާ ރަފީގު ވިދާޅުވީ ޕޮޒިޓިވް ކޭސްތައް ރެކޯޑް އަދަދަކަށް އިތުރުވަމުންދާއިރު ނިމިގެންދިޔަ ހަަފްތާއަކީ ކޮވިޑް ބަލި އެންމެ ގިނަ ބަޔަކަށް ޖެހުނު ހަފްތާ ކަމަށެވެ. މިދިޔަ ހަފްތާގެ އަންގާރަ ދުވަހުން ފެށިގެން މިދިޔަ އަންގާރަ ދުވަހުގެ ނިޔަލަށް 1020 މީހަކު ވަނީ ކޮވިޑަށް ޕޮޒިޓިވްވެފައެވެ.

މި އަހަރު ޖަނަވަރީން ފެށިގެން ކޮވިޑް ކޭސްތައް ފެންނަ މިންވަރު އިތުރުވެފައިވާއިރު އާންމުކޮށް ކޮންމެ ހަފްތާއަކުވެސް 900 އިން މަތީގައި ޕޮޒިޓިވް ކޭސްތައް ފެންނަ ކަމަށް ނަޒްލާ ވިދާޅުވިއެވެ.

ފިޔަވަޅުތައް ހަރުކަށި ކުރުން

ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދު އިތުރުވަމުންދާތީ އިތުރު ފިޔަވަޅުތައްވެސް މިހާރު ވަނީ އަޅާފައެވެ. އެގޮތުން ފަސް މީހުންނަށްވުރެ ގިނައިން އެއްވެ އުޅުން މަނާކޮށް ސިނަމާތަކާއި ފިލްމު ތިއޭޓަރުތައް ހިންގުން ހުއްޓާލުމާއި ދުވުމަށް ހާއްސަކޮށްފައިވާ ޓްރެކްތައް ބަންދު ކުރުމަށްވެސް ވަނީ އަންގާފައެވެ.

އަދި ޕާކުތަކާއި މައިޒާންތައް ބަންދު ކުރުމަށާއި ޔުނިވާސިޓީތަކާއި ކޮލެޖްތަކަށް ދަރިވަރުން ހާޒިރު ވެގެން ކުލާސްތައް ކުރިއަށް ގެންދިއުން ހުއްޓާލަންވެސް ވަނީ އަންގާފައެވެ. މީގެ އިތުރުން އެކަނި ކުރާ ކަސްރަތު ފިޔަވައި ކުޅިވަރު ހަރަކާތްތަކާއި ކަސްރަތުގެ ހަރަކާތް ހުއްޓާލަންވެސް އެންގިއެވެ.

ޑިރެކްޓަރު ޖެނެރަލްގެ އެންގެވެމުގައި ޖިމްތަކުގައި ހަމައެކަނި ކުރާ ކަސްރަތުތައް ކުރުމަށް ހަމަޖެއްސުމާއި ޑޭ ކެއާގެ ހިދުމަތް ދޭ ތަންތަނުން ދެމުން ގެންދާ ހިދުމަތް ދިނުން ވަކި ގޮތެއް އަންގަންދެން ހުއްޓާލަންވެސް އަންގާފައިވެއެވެ. މީގެ އިތުރުން ކާފިއު ވަގުތު އެ ގޮތުގައި ކުރިއަށް ގެންދިއުމަށާއި ކެފޭ ހޮޓާ އަަދި ރެސްޓޯރަންޓް ތަކުން އަށެއްގެ ފަހުން ހިދުމަތް ދިނުން ވަނީ މަނާކޮށްފައެވެ. ދިހައެއް ޖަހަންދެން ޓޭކް އަވޭގެ ހިދުމަތް ދެވޭނެ އެވެ.