ދީން

ތިބާގެ ދިފާއުގައި މަލާއިކަތަކު ހުރުމަށް އެދެން ހެއްޔެވެ؟

"ތިބާގެ ކައިރީގައި ރައްކާތެރިކަން ދޭނޭ މަލާއިކަތަކު ހުރުމަށް ލޯބިކުރަމު ހެއްޔެވެ؟" މި ސުވާލު ކޮށްފިނަމަ އާއެކޭ ނުބުނާނީ ވަކި ކާކު ހެއްޔެވެ! ނިކަން ވިސްނައިލާށެވެ. މަލާއިކަތުންގެ ތެރޭގައި މީސްތަކުން ރައްކާތެރިކުރެއްވުމާ ޙަވާލުވެވަޑައިގެން ތިއްބަވާ މަލާއިކަތުން ވެއެވެ. ހަމައެފަދައިން ތިބާގެ ދިފާޢުގައި ރައްދުދެއްވާ މަލާއިކަތުންވެސް ތިއްބަވައެވެ. އެފަދަ ރައްކާތެރިކަމެއް އެދޭމީހަކު ޢަމަލުތައް ބަހައްޓަންވީ ގޮތް ކީރިތި ރަސޫލާ صلى الله عليه وسلم ގެ ސުންނަތުގައިވަނީ ބަޔާން ކޮށްދެއްވާފައެވެ.
އަންނަނިވި ޙާދިޘާ ވިދާޅުވެލައްވާށެވެ.

އަބޫ ހުރައިރާ رضي الله عنه ގެ އަރިހުން ރިވާވެގެންވެއެވެ. ނަބިއްޔާ صلى الله عليه وسلم އެކާލޭގެފާނުގެ ޞަޙާބީންނާއެކުގައި އިންނަވަނިކޮށް އެތަނަށް މީހަކުއައިސް އަބޫ ބަކުރު رضي الله عنه އަށް ހަޑިހުތުރު ބަހުން އެއްޗެހި ގޮވަން ފެށިއެވެ. އަބޫ ބަކުރު رضي الله عنه އެމީހާއަށް ރައްދު ދެއްވުމެއްނެތި ހަނު ހުންނެވުމުން، އެކަމަށްޓަކައި އުފާކުރައްވާ ނަބިއްޔާ صلى الله عليه وسلم ހިނިވަރުނަ ކުރައްވަމުން ގެންދެވިއެވެ.

އެމީހާގެ ފުރައްސާރައިގެ ބަސްތައް ގިނަވުމުން އަބޫ ބަކުރު رضي الله عنه އޭނާއަށް ރައްދުގައި އެއްޗެއް ވިދާޅުވިއެވެ. އެހިނދު ކީރިތި ރަސޫލާ صلى الله عليه وسلم އެކަމާ ރުހިވަޑައިނުގެން އެތަނުން ތެދުވެވަޑައިގެން ހިންގަވައިގެންނެވިއެވެ. ދެން އަބޫ ބަކުރު رضي الله عنه ވެސް ތެދުވެވަޑައިގެން، ކީރިތި ރަސޫލާ صلى الله عليه وسلم ގެ ފަހަތްޕުޅުން ވަޑައިގެން އިތުރު އެކަލޭގެފާނާ އަރާ ހަމަކުރައްވައި ދެންނެވިއެވެ. "އޭ ﷲ ގެ ރަސޫލާއެވެ! އަޅުގަނޑަށް އޭނާ ފުރައްސާރަކޮށް ހުތުރުބަސްތައް ރައްދު ކުރަމުންގެންދިޔައިރު ކަލޭގެފާނު އެތާނގައި އިންނެވުމަށްފަހު، އަޅުގަނޑު އޭނާއަށް ރައްދު ދިނުމުން، އެކަމާ ރުހިވަޑައިނުގެން ތެދުވެވަޑައިގަތީމުއެވެ،"

އެހިނދު ކީރިތި ރަސޫލާ صلى الله عليه وسلم ޙަދީޘް ކުރެއްވިއެވެ. "إِنَّهُ كَانَ مَعَكَ مَلَكٌ يَرُدُّ عَنْكَ، فَلَمَّا رَدَدْتَ عَلَيْهِ بَعْضَ قَوْلِهِ، وَقَعَ الشَّيْطَانُ، فَلَمْ أَكُنْ لِأَقْعُدَ مَعَ الشَّيْطَانِ" މާނައީ: "(އޭނާ އެއްޗެހިކިޔަމުން ދިޔައިރު) ކަލޭގެފާނުގެ ފަރާތްޕުޅުން އޭނާއަށް ރައްދު ދެއްވުމަށް މަލާއިކަތަކު ކަލޭގެފާނުގެ އަރިހުގައި ހުންނެވިއެވެ. ދެން ކަލޭގެފާނު (އަމިއްލަފުޅަށް) އޭނާއަށް ރައްދު ދެއްވުމުން އެތަނަށް ޝައިޠާނަކު ފާވިއެވެ. އެ ޝައިޠާނާއާ އެކުގައި އެތާނގައި ތިމަންކަލޭގެފާނު އިންނެވުމަކަށް އެދިވަޑައިނުގަންނަވަމުއެވެ." رواه أحمد، حسنه الشيخ الألباني في "السلسلة الصحيحة (2376)

މިޙަދީޘްގެ ޝަރަޙައިގައި ބައެއް ޢިލްމުވެރިން ވިދާޅުވެފައިވެއެވެ. އަނިޔާވެރިވާމީހާގެ ކިބައިން ސަލާމަތްވުމާއި، އެފަދަ މީހެއްގެ ބަސްތަކަށް ރައްދު ދިނުމަކީ އަނިޔާ ލިބޭ މީހާއަށް ހުއްދަ ކަމެކެވެ. އަބޫ ބަކުރު رضي الله عنه އެމީހާއަށް ރައްދު ދެއްވުމަކީ އެކަލާގެފާނަށް ލިބިވަޑައިގެންވާ ޙައްޤެކެވެ. ނަމަވެސް އެންމެ މޮޅުއިތުރުވެގެންވާ ގޮތަކީ، ކެތްތެރިވެ އަނެކާއަށް މަޢާފުކުރުމެވެ.
ކީރިތި ރަސޫލާ صلى الله عليه وسلم އެ މަޖިލީހުގައި މަޑު ނުކުރައްވާ ވަޑައިގެންނެވީ، އެ ޒުވާބު ހިނގަމުންދިޔަ މަޖިލީހަށް ޝައިޠާނަކު އައުމުންނެވެ. ޝައިޠާނުން ޙާޟިރުވާ މަޖިލިސްތަކުގައި އިތުރު އެކަލޭގެފާނު މަޑު ނުކުރައްވާނޭކަން އެކަލޭގެފާނު ސީރަތުގައި ފެންނާން އެބައޮތެވެ.

ހަދީސުން ލިބޭ ބައެއް ފިލާވަޅުތައް

* ނަފްސު ކޮންޓުރޯލް ކުރުމާއި، އެއްވެސް ޙާލަތެއްގައި ހަޑިހުތުރު ބަހުން ވާހަކަދައްކައި ނުހެދުމާއި، ދޫ ރައްކާތެރިކުރުމުގެ މުހިންމުކަން.

* ތިބާއަށް މީހަކު ފުރައްސާރައެއްކޮށް ވިޔާނުދާ ބަސްތައް ކިޔާ ހެދިކަމުގައި ވީނަމަވެސް، އެ ބަސްތަކަށް ރައްދު ދިނުމުން އެއްކިބާވެއްޖެނަމަ ޝައިޠާނާއަށް އެދެމީހުންގެ ދެމެދަށް ވަނުމަށް ފުރުޞަޠު ނުލިބޭނޭ ކަން.

* މީހަކު ތިބާއަށް ފުރައްސާރަކޮށް، މަލާމާތާއި ބަދުބަސްތައް ރައްދުކުރާހިނދު އެޔަށް ޖަވާބު ނުދިނުމަކީ، ތިބާގެ ދިފާޢުގައި މަލާއިކަތަކު އެބަސްތަކަށް ޖަވާބު ދެއްވާނޭ ކަމެއް ކަމުގައި ވުން.

ދަންނާށެވެ! ދެމީހެއްގެ ދެމެދުގައި ޖެހޭ މައްސަލަ ހޫނުވެ، ހަމަނުޖެހުން ބޮޑުވެގެންދަނީ، އެޒުވާބުގައި ދެފަރާތުން ބައިވެރިވާތީއެވެ. އެޙާލަތުގައި އެދެމީހުންގެ މެދުގައި އިތުރަށް ފިތުނައިގެ އަލިފާންގަނޑު ރޯކުރާނޭ ޝައިޠާނަކު ހުންނާނެއެވެ. އެޝައިޠާނާއަށް ފުރުޞަތު ނުދިނުމަށްޓަކައި، ޒުވާބުކުރުން ހުއްޓާލައި ދޫރައްކާތެރި ކުރަންޖެހެއެވެ.

ނަބަވީ އިރުޝާދެއްގައިވެއެވެ. "ތިބާއަށް ހެޔޮ ބަހެއް ނުބުނެވޭނަމަ ހަނު ހުންނާށެވެ." ވީމާ، ރުޅިއައިސްގެންވެސް ދުލުން ހެޔޮ ބަހެއްނޫނީ ބޭރު ނުކުރާށެވެ. އަދި ދެމީހެއްގެ ދެމެދުގައި މައްސަލަ ޖެހިއްޖެނަމަ އެކަމަށް އޮތް އެންމެ ބޮޑު ހައްލަކީ، ޒުވާބުކުރާ މީހާއަށް ރައްދު ނުދިނުނެވެ.

މާތް ނަބިއްޔާ صلى الله عليه وسلم ވަނީ މީސްތަކުންނަށް އެންމެ ރިވެތި އަޚުލާޤު އުންގަންވައި ދެއްވައި، ޢަމަލީގޮތުން ނަމޫނާ ދައްކަވާފައެވެ.