ކަމަލާ ހެރިސް

ކަމަލާ ހެރިސްގެ ފޯންކޯލެއް ނަތަންޔާހޫއަށް

އެމެރިކާގެ ނައިބު ރައީސް ކަމަލާ ހެރިސް އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމީން ނަތަންޔާހޫއަށް ފޯނުން ގުޅުއްވައިފި އެވެ. ވައިޓް ހައުސްއިން ބުނީ ދެ ބޭފުޅުން މަޝްވަރާ ކުރެއްވީ ގުޅުން އާ ކުރައްވައި ބަދަހި ކުރެއްވުމަށް ކަމަށެވެ.

"ނައިބު ރައީސް ކަމަލާ ހެރިސް ބޮޑުވަޒީރު ބެންޖަމީން ނަތަންޔާހޫއަށް ގުޅުއްވައި އިޒްރޭލާއެކު ގުޅުން ދެމެހެއްޓުމަށް ބައިޑަން ވެވަޑައިގންނަވާ ވައުދުތަަކަށް އިޝާރާތް ކުރެއްވި،" ވައިޓް ހައުސްއިން ބަޔާނެއްގައި ބުނެފައިވެ އެވެ.

ނައިބު ރައީސް ވިދާޅުވި ކަމަށް ވައިޓް ހައުސްއިން ބުނީ އިޒްރޭލުގެ ރައްކާތެރި ކަމަށް އެމެރިކާ ފަސް ނުޖެހޭނެކަން ހަނދާން ކޮށްދެއްވި ކަމަށެވެ.

ހެރިސް ދެއްކެވި ވާހަކާގައި އިޒްރޭލާއެކު ގުޅުން ބަދަހިކުރި އަރަބި ގައުމުތަކަށް ބައްލަވާލެއްވި ކަމަށް ވައިޓް ހައުސްއިން ބުނެ އެވެ. އަރަބި ގައުމުތަކާއެކު ގާތް ގުޅުމެއް ދެމެހެއްޓުމަށް އެހީތެރި ވެދެއްވާނެ ކަމަށް ހެރިސް ވިދާޅުވި ކަމަށް ވެސް ވައިޓް ހައުސްއިން ބުނެ އެވެ. އަދި ސަރަހައްދުގެ ސުލްހަ މުހިންމު ކަމަށާއި ފަލަސްތީންގެ ސަލާމަތަށްޓަކައި ވެސް ކަންތައްތަކެއް ކުރަންޖެހޭ ކަމަށް އެ ކަމަނާ ވިދާޅުވި އެވެ.

އީިރާންގެ ނުރައްކަލާ ކުރިމަތިލައި ނިއުކްލިއާ ބާރަކަށް ވުމަށް އެ ގައުމުން ކުރާ މަސައްކަތްކަށް ވެސް އަލިއަޅުވާލެއްވި އެވެ. އަދި އީރާނުން ސަރަހައްދީ ގައުމުތަކަށް ކުރާ ޖެއްސުން ހުއްޓުވަން ޖެހޭ ކަމަށް ވެސް ހެރިސް ވިދާޅުވި އެވެ.

ދެ ގައުމު ގުޅިގެން ސައިންސް ކުރިއެރުވުމަށް އަދި ކޮވިޑުން ރައްކާތެރިވުމަށް މަސައްކަތް ކުރުމަށް ވެސް މަޝްވަރާ ކުރެވުނެވެ. އަދި އިންޓަނޭޝަނަލް ކްރިމިނަލް ކޯޓުން ތަހުގީގުކުރާ މައްސަލަތަކަށް އިޒްރޭލު ދެކޮޅު ކަމަށް ވެސް ހެރިސްއަށް ނަތަންޔާހޫ ދެންނެވި އެވެ.