އިދިކޮޅު ފަރާތްތައް

އިދިކޮޅު ސަޕޯޓަރުން މަގުތަކަށް ނިކުމެ މުޒާހަރާ ފަށައިފި

މުޒާހަރާ ކުރުމާއި އެއްވެ އުޅުން މަނާކޮށްފައި ވަނިކޮށް އިދިކޮޅުގެ ސަޕޯޓަރުން މިއަދުވެސް މަގުތަކަށް ނިކުމެ މުޒާހަރާ ކުރަން ފަށައިފި އެވެ.

މި ދުވަސްވަރަކީ ކޮވިޑް-19 ގެ ހާލަތު ވަރަށް ގޯސް ދުވަސްވަރެއް ކަމުން ރައްކާތެރި ކަމުގެ ގޮތުން އެއްވުންތަކާއި ޖަލްސާތައް ބޭއްވުން ވަނީ މަނާކޮށްފައެވެ. އެހެން ކަމުން އެފަދަ އެއްވެސް ހަރަކާތަކަށް ފުުރުސަތު ނުދޭނެ ކަމަށް މިދިޔަ ހަފްތާއިން ފެށިގެން ފުލުހުން ދަނީ އިންޒާރު ކުރަމުންނެވެ.

މިއަދު މުޒާހަރާ ކުރާނެ ކަމަށް އިދިކޮޅު ކޯލިޝަނުން ބުނުމާއި ގުޅިގެން މެންދުރު ފަހުން ފެށިގެން ޕްރޮގްރެސް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) ގެ އޮފީސް ހިމެނޭ ސަރަހައްދު ވަނީ ބަންދުކޮށްފައެވެ. އަދިވެސް އެ ސަރަހައްދު އޮތީ ބަންދު ކޮށްފައެވެ.

ނަމަވެސް މާލޭގެ ދެ ސަރަހައްދަކަށް އިދިކޮޅުގެ ސަޕޯޓަރުން އެއްވެ މުޒާހަރާ ވަނީ ފަށާފައެވެ. މުޒާހަރާ ކުރިއަށް ގެންދަނީ "ކޮބާހޭ މަގޭ ފްލެޓް" ނަމުގައެވެ. ބައެއް ސަޕޯޓަރުން ތިބީ "ކޮބާހޭ މަގޭ ފްލެޓް" ލިޔެފައިވާ ރަތް ޓީޝާޓް ލައިގެންނެވެ.

މުޒާހަރާގެ ބައެއް ބައިވެރިން މިހާރުވެސް ވަނީ ހައްޔަރުކޮށްފައެވެ. ވަރަށް ގިނަ ފުލުހުން މަގުތައް މަތީ ހަރަކާތްތެރިވަމުންދާއިރު މުޒާހަރާތަކާއި އެއްވުންތައް ނުބޭއްވުމަށް ފުލުހުން ދަނީ އިލްތިމާސް ކުރަމުންނެވެ.

މުޒާހަރާ ކުރިއަށް ދަނީ މަޖީދީމަގާއި ޗާންދަނީ މަގު ގުޅޭ ކަންމަތީގަ އާއި އޮލިންޕަސް ކައިރީގައެވެ.

ޕީޕީއެމް އޮފީސް ކުރިމަތީ އެ ޕާޓީގެ ލީޑާޝިޕްގެ ބައެއް ބޭފުޅުންވެސް ގައުމީ ދިދަ ހިފައިން އެބަތިއްބެވެ.

އިދިކޮޅުގެ އިސް ބޭފުޅުން ވިދާޅުވީ ޕީޕީއެމް އާއި ޕީއެންސީން ކުރަމުން ދަނީ ގައުމީ މަސައްކަތެއް ކަމަަށެވެ. އަދި ބަލިމަޑުކަމުގެ މި ހާލަތުގައި އިދިކޮޅުގެ އެއްވުންތައް ކުރިއަށް ގެންދާނީ އެޗްޕީއޭގެ މިންގަނޑުތަކާއި އެއްގޮތަށް ކަމަށެވެ.

މަނާކޮށްފައިވަނިކޮށް މިދިޔަ ހުކުރު ދުވަހުވެސް އިދިކޮޅުގެ ސަޕޯޓަރުން ވަނީ މަގުތައް މައްޗަށް ނިކުމެ މުޒާހަރާ ކޮށްފައެވެ. މުޒާހަރާއިން 32 މީހަކު ހައްޔަރުކުރިއިރު އޭގެ ތެރޭގައި އިދިކޮޅު ލީޑާޝިޕްގެ ވަރަށް ގިނަ ބޭފުޅުން ހިމެނިވަޑައިގަންނަވައެވެ. ނަމަވެސް ހައްޔަރު ކުރި މީހުން ވަނީ ޖޫރިމަނާ ކުރުމަށް ފަހު ދޫކޮށްލާފައެވެ.