ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
މިނިސްޓްރީ އޮފް ޓޫރިޒަމް

ޓޫރިޒަމް ދާއިރާގެ 8،800 މީހުންނަށް ވެކްސިން ދީފި

ރާއްޖޭގެ ޓޫރިޒަމް ސިނާއަތުގައި މަސައްކަތް ކުރާ މުވައްޒަފުންގެ ތެރެއިން 8،800 މީހަކަށް ކޮވިޑް-19 ވެކްސިންގެ ފުރަތަމަ ޑޯޒް ދީފި އެވެ.

ވެކްސިން ދިން 8،800 މުވައްޒިފުންނަކީ ފްރަންޓް ލައިންގައި މަސައްކަތް ކުރާ މުވައްޒިފުން ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުންޏެވެ. އެ މިނިސްޓްރީން ބުނީ އެއީ ފްރަންޓްލައިން މުވައްޒިފުންގެ 30 ޕަސެންޓް ކަމަށެވެ.

ޓޫރިޒަމް ސިނާއަތުގެ މުވައްޒަފުންނަށް 10،000 ވެކްސިން ޑޯޒް ހާއްސަކޮށް ވެކްސިން ރަޖިސްޓްރޭޝަންއަށް ފުރުސަތު ހުޅުވާލީ މިދިޔަ މަހުގެ ތިންވަނަ ދުވަހުއެވެ.

ކޮވިޑް ވެކްސިނޭޝަން ޕްރޮގްރާމް ރާއްޖޭގައި ކުރިއަށްދާއިރު މިހާތަނަށް 137،124 މީހަކަށް ވަނީ ވެކްސިން ދީފައެވެ. ރާއްޖޭގައި ޖަހަނީ އިންޑިއާއިން ހަދިޔާކޮށްފައިވާ ވެކްސިނެވެ. އެއީ އޮކްސްޕޯޑް-އެސްޓަރެޒެނިކާގެ ވެކްސިން ކޮވިޝީލްޑެވެ. ރާއްޖެއަށް 100،000 ޑޯޒްގެ ވެކްސިން ހިލޭ ލިިބިފައިވާއިރު، އިތުރު 100،000 ޑޯޒް އިންޑިއާއިން ވަނީ ހަދިޔާކޮށްފައެވެ. އަދި ސަރުކާރުން ވަނީ އިތުރު 700،000 ޑޯޒް ގަންނަން އެސްޓްރާޒެނެކާއާއެކު އެއްބަސްވުމެއް ވެސް ހަދާފަ އެވެ. ކުރިއަށް އޮތް ހަ މަސް ދުވަހުގެ ތެރޭ ރާއްޖޭގައި ދިރިއުޅޭ އެންމެނަށް ވެކްސިން ދޭ ނިންމަން އުންމީދު ކުރައްވާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ވިދާޅުވެފައެވެ. ޗައިނާ ސަރުކާރުންވެސް ވަނީ ދިވެހިރައްޔިތުންނަށް 200،000 ޑޯޒްގެ ވެކްސިން ހަދިޔާކުރަން ނިންމާ އެކަން އިއުލާނުކޮށްފައެވެ.