ދުނިޔެ

ޗައިނާގެ ފުރިހަމަ އެއްބާރުލުން ޑަބްލިޔުއެޗްއޯއަށް ލިބޭނެ

ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިޔުއެޗްއޯ) އަށް އެހީތެރިވުމުގައި އަމަލީ ގޮތުން ބައިވެރިވެ ކޮވިޑަށް ފަރުވާއެއް ހޯދުމާއި ވެކްސިން ސަޕްލައި ކުރުން އަދި މިފަދައިން ބޭނުން ޖެހޭ ކޮންމެ ކަމެއްގައި އެ ޖަމިއްޔާއަށް އެއްބާރުލުން ދޭނެ ކަމަށް ޗައިނާއިން ބުނެފި އެވެ. އަދި ބުނީ ޑަބްލިޔުއެޗްއޯގެ އެޖެންޑާތައް ތަންފީޒު ކުރުމުގައި ވެސް ހަރަކާތްތެރި ވާނެ ކަމަށެވެ.

"އަހަރެމެން ޑަބްލިޔުއެޗްއޯއަށް ވެދޭ އެހީތެރި ކަމެއް ގޮތުގައި ފަގީރު ގައުމުތަކަށް އަދި އަމަލީ ގޮތުން ބައިވެރިވާން ދަތި ގައުމުތަކަށް އެހީތެރިވެ ދޭނަން،" ޗައިނާ ސަރުކާރުން 2021 އަށް ކަނޑައެޅި "ސޯޝަލް އެންޑް އިކޮނޮމިކް ޑިވެލޮޕްމަންޓް ޕްލޭން" ގައި ބުނެފައި ވެއެވެ.

ގައުމުތަކުގައި ސިއްހީ ފަންނުވެރިން އުފެއްދުމުގައި ޗައިނާގެ ދައުރު ފުޅާކުރާނެ ކަމަށް ރިޕޯޓްގައި ވެއެވެ. ބޭސްވެރި ކަމުގައި ބޭނުންކުރާ އާލާތްތައް، ބަލި ކޮންޓްރޯލް ކުރުމާއި ފަރުވާ ދިނުމަށް ބޭނުންވާ ވަސީލަތްތައް ދުނިޔެއަށް ސަޕްލައި ކުރުމުގައި ވެސް އެހެން ގައުމަކަށް ވުރެ ކުރީގައި ޗައިނާ އޮންނާނެ ކަމަށް ބުނެފައި ވެއެވެ.

ޗައިނާއިން ޑަބްލިޔުއެޗްއޯއަށް ދޭ ރަސްމީ ފަންޑިންގެ އިތުރުން ފާއިތުވި އަހަރު 50 މިލިއަން ޑޮަލަރު ދީފައި ވެއެވެ. އެއީ ކޮވިޑާ ގުޅިގެން އަދި އެމެރިކާއިން އެ ޖަމިއްޔާއަށް އެހީ ދިނުން ހުއްޓާލުމާ ގުޅިގެން ލިބިދާނެ ގެއްލުން ފޫބެއްދުމަށެވެ.

ޗައިނާއިން މިފަދައިން ދުނިޔޭގެ ސިއްހަތު ޖަމިއްޔާއާ މުއާމަލާތް ކުރާނެކަން އާންމުވުމާ ގުޅިގެން ޔޫރަޕަށާއި އެމެރިކާއަށް މީހުން ދަނީ ފާޑުކިޔައި ނަފުރަތު ކުރަމުންނެވެ. މި ރިޕޯޓަށް ކޮމެންޓްކުރި މީހަކު ބުނެފައި ވަނީ، ޑަބްލިޔުއެޗްއޯއިން ފަގީރު ގައުމުތަކަށް ވެކްސިން ދިނުމަށް އެހީތެރިވުމަށް ޔޫރަޕަށް އަދި އިނގިރޭސިވިލާތަށް ގޮވާލުމުން، ބާކީ އެއްޗެއް ހުރެއްޖެ ނަމަ ދޭނެ ކަމަށް އިނގިރޭސިވިލާތުން ވެސް ބުނި ކަމަށެވެ.

ޗައިނާއާ ރަޝިއާއިން ދުނިޔެއަށް ދޭ އެހީތެރިކަން ނަމޫނާއަކަށް ބަލައި މުއްސަނދި ގައުމުތަކުން މުށް ހުޅުވާލާކަށް ނުވޭތޯ ދަނީ ސުވާލު ކުރަމުންނެވެ.