އިދިކޮޅު ފަރާތްތައް

މުޒާހަރާއިން ހައްޔަރުކުރި މީހުން ޖޫރިމަނާކޮށް ދޫކޮށްލައިފި

އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން މިއަދު ހަވީރު ކުރިއަށް ގެންދިޔަ މުޒާހަރާ އިން ހައްޔަރުކުރި މީހުން ދޫކޮށްލައިފި އެވެ.

މުޒާހަރާ ކުރާނަމަ ހުއްޓުވާނެ ކަމުގެ އިންޒާރު ދީފައިވަނިކޮށް އިިދިކޮޅުގެ ސަޕޯޓަރުން މިއަދުވެސް ވަނީ މަގުތަކަށް ނިކުމެ މުޒާހަރާ ފަށާފައެވެ. މިއަދުގެ މުޒާހަރާގެ ތެރެއިން މިހާތަނަށް 38 މީހަކު ހައްޔަރުކޮށްފައިވެއެވެ.

ނަމަވެސް އެ މީހުން ވަނީ މީގެ ކުޑައިރުކޮޅެއްގެ ކުރިން ދޫކޮށްލާފައެވެ. އެ މީހުން ދޫކޮށްލީ ކޮންމެ މީހަކު 1،000 ރުފިޔާއިން ޖޫރިމަނާ ކޮށްފައެވެ.

މިއަދުގެ އެއްވުމަކީ އެޗްޕީއޭގެ ގައިޑްލައިންނާއި ހިލާފަށް ބޭއްވި އެއްވުމެއް ކަމަށާ އަދި ގިނަ އަދަދެއްގެ ފުލުހުންނާއި ކޮންޓެކްޓްވުމާއި ޕޮލިސް ކަސްޓޯޑިއަލްގައިވެސް ގިނަ ބަޔަކު ތިބުމުން މިއަދު ހައްޔަރުކުރި މީހުންގެ ސާމްޕަލް ދިނުމަށް އެދިފައިވާ ކަމަަށާ ނަމަވެސް ހައްޔަރުކުރި މީހުން ސާމްޕަލް ދޭން ދެކޮޅު ހަދާފައިވާ ކަމަށް ފުލުހުން މިރޭ ވަނީ ބުނެފައެވެ.

މި ދުވަސްވަރަކީ ކޮވިޑް-19 ގެ ހާލަތު ވަރަށް ގޯސް ދުވަސްވަރެއް ކަމުން ރައްކާތެރި ކަމުގެ ގޮތުން އެއްވުންތަކާއި ޖަލްސާތައް ބޭއްވުން ވަނީ މަނާކޮށްފައެވެ.