ރާއްޖޭގައި އެންމެ ފުރަތަމަ ތަކާފުލް (އިސްލާމީ އިންޝުއަރަންސް) ތައާރަފުކޮށް ހިދުމަތް ދޭން ފެށި އަމާނާ ތަކާފުލް މޯލްޑިވްސް އިން ވަނީ މިދިޔަ އަހަރުގެ ފުރަތަމަ ހަ މަސް ދުވަހުގައި ކްލެއިމް ކޮށްފައި ނުވާ ބައިވެރިންނަށް ސާޕްލަސް ދޭން ނިންމާފައިވެ އެވެ. މިއީ އަމާނާ ތަކާފުލް އިން ބައިވެރިންނަށް ޖެހިޖެހިގެން ސާޕްލަސް ދޫކުރާ ނުވަ ވަނަ އަހަރެވެ.
އަމާނާ ތަކަފުލް އިން މިދިޔަ އަހަރުގެ ފުރަތަމަ ހަމަސް ދުވަހަށް 15 ޕަސެންޓްގެ ސާޕްލަސްއެއް ދޭން ވަނީ ނިންމާފަ އެވެ. މިއީ އަމާނާތަކާފުލްގެ ތާރީހުގައި އެންމެ ބޮޑު އަދަދަކަށް ސާޕްލަސް ދެވޭ ފަހަރެވެ.
އެ ކުންފުނިން ބުނީ ބައިވެރިންނަށް ސާޕްލަސް ދޭން ނިންމުމުން އެނގެނީ އަމާނާތަކާފުލް އިން އިސްލާމިކް ފައިނޭންސް ކުރިއަރުވައި އާންމުން ތަކާފުލްގެ ބޭނުން ކުރުމަށް ބާރުއަޅާ މިންވަރެވެ.
ސާޕްލަސްއަކީ ކޮބާ؟
ސާޕްލަސްއަކީ އިސްލާމިކް އިންޝުއަރެންސާއި އެހެން އިންޝުއަރެންސުގެ އެންމެ ބޮޑު ތަފާތު ގެނެސްދޭ އެއް ސިފަ އެވެ. ސާޕްލަސްއަކީ ރިސްކުފަންޑު ނުވަތަ ތަކާފުލްގައި ބޭނުން ކުރާ ގޮތުންނަމަ ތަބައްރު ފަންޑު ހިންގާއިރު ބައިވެރިންގެ ކްލެއިމް ތަކަށް ބަދަލު ދީފައި އޭގެ އިތުރުން ރިޒާވްގައި ހުންނަންޖެހޭ އަދަދަށް ފައިސާ ބެހެއްޓުމަށް ފަހު އިތުރުވާ ބަ އެވެ. އެގޮތުން ސާޕްލަސް ފައިސާއަކީ އެހެނިހެން އިންޝުއަރަންސް އާއި ތަކާފުލް އިންޝުއަރަންސްގެ އެންމެ ބޮޑު ތަފާތެވެ. މިއީ ފަންޑުގެ ބައިވެރިންނަށް ތަކާފުލްގެ ދަށުން ލިބޭ ފައިދާ އެކެވެ.
ތަކާފުލްގެ އުސޫލްތަކުގެ ތެރެއިން ވޭތުވެދިޔަ އަހަރުތަކުގައި އަމާނާ ތަކަފުލްގެ ކަސްޓަމަރުންނަށް ވަނީ ސާޕްލަސް އިން މަންފާ ދީފަ އެވެ. މީގެ ސަބަބުން ތަކާފުލް ނަގާ ބައިވެރިންގެ އަދަދު ވެސް ވަނީ ދުވަހެއް ދުވަހަކަށް އިތުރު ވެފަ އެވެ.
ރާއްޖެ އަށް 2003 ވަނަ އަހަރުން ފެށިގެން ތަކާފުލްގެ ކޮންސެޕްޓް ތައާރަފުކޮށް އަމާނާ ތަކަފުލް އިން ދަނީ އޭގެއިން ބައިވެރިންނަށް މަންފާ ހޯދައި ދެމުންނެވެ. އަދި ހަމަ އެއާއިއެކު އަމާނާތަކާފުލް އިން ދަނީ 2012 ވަނަ އަހަރުން ފެށިގެން ބައިވެރިންނަށް ސާޕްލަސް ބަހަމުންނެވެ. ޕެންޑެމިކްގެ ދިމާވެފައިވާ ދަތިތަކާއެކުވެސް އެ ކުންފުނިން ބައިވެރިންގެ ފަންޑުވަނީ އިތުރުވެފަ އެވެ.
ފާއިތުވެދިޔަ އަހަރުތަކުގައި ތަކާފުލް އަށް ދަނީ ވަރަށް ބޮޑު ތަރުހީބެއް ލިބެމުންނެވެ.އެ ކުންފުނީގެ އަމާޒަކީ ޝަރީޢާ ހުއްދަ ކުރާ އިންޝުއަރެންސްގެ ފޮނިމީރުކަން ހަމަހަމަ ގޮތުގައި ދިވެހިންނަށް ގެނެސްދިނުމުގައި ދެމިތިބުމެވެ. މީގެ އިތުރުން، އަމާނާ ތަކާފުލް ގިރާ ކުރަމުންދާ ހަރުފަތްތަކުގައި ކުންފުނީގެ ހިއްސާދާރުންނާއި ކަސްޓަމަރުންނާއި އަދި ދިވެހި ރައްޔިތުން ދެމުންދާ އެއްބާރުލުމަށް މި ފުރުސަތުގައި ޝުކުރު އަދާކުރަމެވެ.