ޑރ. މުހައްމަދު މުއިއްޒު

"އެންމެ މުހިންމު އަމާޒަކީ ގެދޮރު ހޯދައިދިނުން"

މާލެ ރައްޔިތުންނަށް ދިމާވެފައިވާ އެންމެ ބޮޑު މަސައްލައަކީ ގެދޮރުވެރިކަމަށްވާއިރު، އެންމެ މުހިންމު އަމާޒަކީ ރައްޔިތުންނަށް ގެދޮރުވެރިކަން ހޯދައިދިނުމަށް މަސައްކަތްކުރުން ކަމަށް ކުރީގެ ހައުސިން މިނިސްޓަރު އަދި މާލެ ސިޓީ މޭޔަރުކަމަށް ޕީޕީއެމްގެ ފަރާތުން ކުރިމަތިލައްވާފައިވާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

އިދިކޮޅު ކޯލިޝަންގެ "މީ މަގޭ ރާއްޖެ" ކެމްޕެއިން ރީލޯންޗުކުރުމުގެ ޖަލްސާގައި މިރޭ ވާހަކަފުޅު ދައްކަވަމުން ޑރ. މުއިއްޒު ވިދާޅުވީ، މާލެ ސިޓީގައި އެތައް މައްސަލަތަކެއް ހުރިއިރު އެންމެ ބޮޑު މައްސަލައަކީ ބޯހިޔާވަހިކަމުގެ މައްސަލަކަމަށާއި މޭޔަރުކަމަށް ހޮވިއްޖެނަމަ ސަރުކާރުން ޖަވާބުދާރީވާންދެން އެމައްސަލަތައް ސަރުކާރަށް ހުށަހަޅައި ހައްލުކުރުމަށް މަސައްކަތްކުރައްވާނެ ކަމަށެވެ.

މުއިއްޒު ވިދާޅުވީ ގެދޮރު ހޯދައިދިނުމުގައި މިސަރުކާރުން ނުކުޅެދިފައިވާއިރު ގުޅިފަޅުގައި ޕޯޓެއް ގާއިމުކޮށް އެތަނުން ވެސް ރައްޔިތުންނަށް ގޯތިލިބޭނެކަމުގެ އުންމީދު ނަގާލައިފައިވާ ކަމަށެވެ.

"އެންމެ ގިނަ މީހުން ދިރިއުޅެނީ މާލޭގަ. އެންމެ ބޮޑަށް ތޮއްޖެހިފައި ވަނީ މާލެ. މިސަރުކާރުން މިވަނީ ގުޅިފަޅުގައި އެހެންކަމެއް ފަށައި ގޯތި ހޯދުމަށް އޮތް އުންމީދު ނަގާލާފަ" މުއިއްޒު ވިދާޅުވި އެވެ.

މުއިއްޒު އިތުރަށް ވިދާޅުވީ، އެމަނިކުފާނަކީ އެކަންކަމުގައި ތަޖުރިބާ ހުރި ބޭފުޅެއް ކަމަށާއި ކައުންސިލް ލެވެލްގައި މާލެ ސިޓިއަށް ކޮށްދެވެން ހުރި ހުރިހާ ކަމެއް ކޮށްދޭނެ ކަމަށެވެ.

"މިކަމުގައި އަޅުގަނޑުގެ ތަޖުރިބާ އެބަހުރި. ހަ އަހަރާއި ނުވަ މަސްދުވަހު މިނިސްޓްރީއެއް ހިންގިން. 127 ރަށެއްގެ ބަނދަރު ހަދައިދިނިން. 97 ކިލޯމީޓަރުގެ މަގު ރާއްޖޭގެ އެކި ރަށްރަށުގައި ހަދައިދިނިން. 16 ރަށެއްގެ ބިން ހިއްކައިދިނިން. މާލެއާއި އަތޮޅުތެރޭގަ އެތައް ހާސް ހައުސިން ޔުނިޓެއް އަޅައިދިނިން. މިއީ ރައްޔިތުން އަތުގައި އޮތް ޗޮއިސްއެއް" އެމަނިކުފާނު ވިދާޅުވި އެވެ.