ރިޕޯޓް

މަޖިލީހުގައި ސަލާމް ބުނުމަށް، މިންގަނޑެއް ނެތް!

Mar 9, 2021
55

ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގައިވާ ގޮތުން ރައްޔިތުންގެ މަޖިލީހުގެ ދައުރުތައް ބަހާފައި އޮންނަނީ ތިން ދައުރަކަށެވެ. ފުރަތަމަ ދައުރު ހިނގަނީ ފެބަރުއަރީ މަހުން އޭޕްރީލް މަހަށެވެ. ދެވަނަ ދައުރު ޖޫން މަހުން ފެށިގެން އޮގަސްޓް މަހަށް އަދި ތިންވަން ދައުރެއް އޮކްޓޯބަރު މަހުން ފެށިގެން ނޮވެމްބަރު މަހުގެ ނިޔަލަށެވެ. މިގޮތުން އަހަރަކު ޖަލްސާތައް އޮންނަނީ އަށް މަސް ދުވަހު އެވެ. އަހަރަކު ހަތަރު މަސް -- 123 ދުވަސް -- ޖަލްސާއެއް ނޯވެ އެވެ.

ވިހިވިހި ވަނަ އަހަރުގެ ފުރަތަމަ ދައުރުގެ ޖަލްސާތައް އިތުރުވެ 2020 މެއި 30 ގެ ނިޔަލަށް 42 ޖަލްސާ ބާއްވާފައި ވެއެވެ. އަދި ދެވަނަ ދައުރުގައި 34 ޖަލްސާ ބާއްވާ ދައުރު ނިމިފައި ވަނީ 2020 ސެޕްޓެމްބަރު ހަ ވަނަ ދުވަހު އެވެ. ތިން ވަނަ ދައުރުގެ 28 ޖަލްސާ ބާއްވާ ދައުރު ނިމިފައި ވަނީ 2020 ޑިސެމްބަރު ހަތް ވަނަ ދުވަހު އެވެ. އެ އަހަރު ޖުމްލް 106 ޖަލްސާ ބާއްވާފައިވެ އެވެ.

2020: ހުރިހާ ޖަލްސާއަކަށް ދިޔައީ 11 މެންބަރުން

ދެހާސް ވިހި ވަނަ އަހަރު ބޭއްވި 106 ޖަލްސާއަށް ހާޒިރުވެ ހާޒިރީގެ 100 ޕަސެންޓް ހޯއްދަވާފައި ވަނީ 11 މެންބަރުންނެވެ. މިއީ މުޅި ޖުމްލަ މަޖިލީހުގެ 13 ޕަސެންޓެވެ.

އެ މެންބަރުންނަކީ ހެންވޭރު އުތުރު ދާއިރާގެ މެންބަރު އިބްރާހިމް އިބްރާހިމް މުއިއްޒާއި ބާރަށު ދާއިރާގެ މެންބަރު އަހުމަދު އަބްދުﷲ އަދި ދިއްދޫ ދާއިރާގެ މެންބަރު އަބްދުﷲ ވަހީދެވެ. މީގެ އިތުރުން ހިމެނިވަޑައިގަންނަވާ މެންބަރުންނަކީ ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލް ޣަފޫރު މޫސާ އާއި ނޮޅިވަރަމް ދާއިރާގެ މެންބަރު މުހައްމަދު ނަޝީދާއި ވައިކަރަދޫ ދާއިރާގެ މެންބަރު ހުސެއިން ޒިޔާދާއި މަކުނުދޫ ދާއިރާގެ މެންބަރު މުހައްމަދު ރާއީ އަދި ހޮޅުދޫ ދާއިރާގެ މެންބަރު ޔޫނުސް މޫސާ އާއި ނިލަދޫ ދާއިރާގެ މެންބަރު އަބްދުލް މުހުސިން ހަމީދުގެ އިތުރުން ކުޑަހުވަދޫ ދާއިރާގެ މެންބަރު އަހުމަދު އާމިރާއި ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބެވެ.

ވިހިވިހި ވަނަ އަހަރު ބޭއްވި ޖުމްލަ 106 ޖަލްސާއަށް އެންމެ މަދުން ހާޒިރުވެ، ހާޒިރީގެ ފަހަތުން "އެންމެކުރި" ލިބި ވަޑައިގެންފައި ވަނީ 10 ޖަލްސާއަށް ހާޒިރުވި މީދޫ ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް މުހއްމަދު އަށެވެ. އަދި 15 ޖަލްސާ އަށް ހާޒިރުވެ ފަހަތުން ދެވަނައިގައި މާމިގިލި ދާއިރާގެ މެންބަރު ގާސިމް އިބްރާހީމެވެ. މި ބައިގައި ހިމަނާފައި ވަނީ މެންބަރުން ޖަލްސާއަށް ހާޒިރުވި ދުވަސްތައް އެކަންޏެވެ. ސަލާމުގެ ދުވަސްތަކާއި ރަސްމީ ދަތުރުތަކުގެ ދުވަސްތައް ނުހިމަނަ އެވެ.

ސަލާމްގައި ތިބެން މުއްދަތެއް ނެތް!

ވިހިވިހި ވަނަ އަހަރު ސަލާމުގައި ތިބި މެންބަރުންގެ ތެރެއިން އެންމެ ގިނަ ދުވަހު ސަލާމުގައި ހުންނަވާފައި ވަނީ 91 ދުވަހު ސަލާމުގައި ހުންނެވި މާމިގިލި ދާއިރާގެ މެންބަރު ގާސިމް އިބްރާހީމެވެ. ދެވަނައަށް ސަލާމުގައި ހުރި ދުވަސް އެންމެ ގިނައީ 78 ދުވަހު ސަލާމުގައި ހުންނެވި މީދޫ ދާއިރާގެ މެންބަރު އަހްމަދު ޝިޔާމް މުހައްމަދެވެ.

ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 243 ވަނަ މާއްދާގައިވާ ގޮތުގެ މަތިން މަޖިލީހުގެ ރައީސްގެ ހުއްދައާއެކު، ސަލާމާއި ޗުއްޓީގައި މެންބަރުންނަށް ތިބެވެ އެވެ. މި ގަވާއިދުގައި އަހަރަކު ނުވަތަ ދައުރަކު ސަލާމުގައި ތިބެވޭނެ ވަކި މުއްދަތެއް ބަޔާން ކޮށްފައެއް ނުވެ އެވެ. ރައްޔިތުންގެ މަޖިލީހުގެ ވެބްސައިޓްގައި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ޖަލްސާގެ ހާޒިރީގައި "ހާޒިރުވެވަޑައި ނުގަންނަވާ ޖަލްސާގެ ޖުމްލަ އަދަދު" ގައި ޖަލްސާއަށް ހާޒިރު ނުވެ ސަލާމުގައި ތިއްބަވާ މެންބަރުން ހިމަނާފައެއް ނުވެއެވެ.

ހާޒިރު ނުވާ ދުވަސް

ވިހިވިހި ވަނަ އަހަރު ބޭއްވުނު ޖުމްލަ 106 ޖަލްސާ ގެތެރެއިން 18 ޖަލްސާއަށް ހާޒިރު ނުވާ ދެ މެންބަރުން ހިމެނެ އެވެ. އެއީ ކާށިދޫ ދާއިރާގެ މެންބަރ އަބްދުﷲ ޖާބިރު އާއި މީދޫ ދާއިރާގެ މެންބަރު އަޙްމަދު ޝިޔާމް މުޙައްމަދެވެ.

ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 243 ވަނަ މާއްދާގައިވާ ގޮތުން ސަލާމާއި ޗުއްޓީގައި ތިބޭ މެންބަރުން ފިޔަވައި އެމަހެއްގެ ތެރޭގައި ބޭއްވޭ ޖަލްސާތަކުގެ ދެބައިކުޅަ އެއްބައި ޖަލްސާތަކަށް މެންބަރަކު ހާޒިރު ނުވެއްޖެނަމަ އެ މެންބަރެއްގެ މުސާރައިން 50 ޕަސެންޓް ކެނޑެ އެވެ. ޖަލްސާއަށް ހާޒިރު ނުވި ނަމަވެސް ބައެއް މެންބަރުން ގިނަ ދުވަސް ތަކަކަށް ސަލާމް ބުނުމުން މި މާއްދާގައި ބަޔާން ކޮށްފައިވާ މުސާރައިން 50 ޕަސެންޓް ކެނޑުމުން ރެކިގަތުމަށް ފުރުސަތު ލިބިދެވެ އެވެ.

ވިހިވިހި ވަނަ އަހަރު ނާޒިރު ނުވާ ދުވަސް އެންމެ ގިނަ 10 މެންބަރުގެ ކުރީގައި އުޅުއްވަނީ ވެސް މެންބަރު ސިޔާމް އާއި ގާސިމެވެ. މި ދެ ބޭފުޅުން 18 ދުވަހު ހާޒިރު ނުވެ އެވެ. ދެން ހިމެނޭ ބޭފުޅުންނަކީ 14 ދުވަހު ހާޒިރު ނުވެ ހުންނެވި މަހިބަދޫ ދާއިރާގެ މެންބަރު އަހުމަދު ތޯރިގު އާއި 13 ދުވަހު ނާޒިރު ނުވެ ހުންނެވި އޭދަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމެވެ. ދެން މި ލިސްޓުގައި ހިމެނިވަޑައިގަންނަވަނީ މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދު އާއި ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސެއިން އަދި ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސަލަމް އަދި ފުވައްމުލަކު އުތުރު ދާއިރާގެ މެންބަރު މުހައްމަދު ރަޝީދު އަދި މައްޗަން ގޯޅި އުތުރު ދާއިރާގެ މެންބަރު މުހައްމަދު ރަޝީދު އާއި ތިނަދޫ ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ސަރީފު އެވެ.

އަތޮޅުތަކުގެ ޖުމްލަ ހާޒިރީ

ދެހާސް ވިހި ވަނަ އަހަރުގެ އަތޮޅުތަކުގެ ޖުމްލަ ހާޒިރީ އިން 99 ޕަސެންޓް ހާޒިރުވެފައިވާ ދެ ދާއިރާއަކީ ހދ. އަދި ށ. އަތޮޅެވެ. އަދި ޖުމްލަ ހާޒިރީ އެންމެ ދަށް ދެ ދާއިރާއަކީ ށ. އަދި އދ. އެވެ.

ދ. ކުޑަހުވަދޫ ދާއިރާގެ މެންބަރު އަޙްމަދު އާމިރަކީ 2020 ވަނަ އަހަރުގެ ހުރިހާ ޖަލްސާއަކަށް ހާޒިރުވެފައިވާ މެންބަރެކެވެ. ޖުމްލަ ޙާޒިރީ ދަށްވެފައިވަނީ އެ އަތޮޅުގެ އަނެއް މެންބަރ މީދޫ ދާއިރާގެ މެންބަރ އަޙްމަދު ޝިޔާމް މުޙައްމަދުގެ ހާޒިރީ ދަށްވުމުގެ ސަބަބުންނެވެ. ނުވަދިހަ ޕަސެންޓަށް ވުރެ ހާޒިރީދަށް އިތުރު ފަސް އަތޮޅަކީ ގދ. އާއި ތ. އާއި މިލަދުންމަޑުލު އުތުރުބުރި މާލެ އަތޮޅު އަދި މާޅޮސްމަޑުލު ދެކުނުބުރި އެވެ.

ހަމަހަމަކަން ނެތް

ގާނޫން އަސާސީއިން 70 ވަނަ މާއްދާގައިވާ ގޮތުގެ މަތިން ދިވެހިރާއްޖޭގައި ގާނޫންތައް ހެދުމުގެ އެންމެހައި ބާރުތައް ލިބިގެންވަނީ ރައްޔިތުންގެ މަޖިލީހަށެވެ. ގާނޫނު އަސާސީގެ 88 (ހ) ގައި ގާނޫނު އަސާސީއާއި ހިލާފު ނުވާނެ ގޮތެއްގެ މަތިން ހާމަކަން ބޮޑު ގޮތަކަށް ރައްޔިތުންގެ މަޖްލިސް ހިންގުމަށް ބޭނުންވާ ގަވާއިދުތަކާއި އުސޫލްތައް ހެދުމަކީ ރައްޔިތުންގެ މަޖިލީހުގެ ޒިންމާ އެކެވެ. މިގޮތުން ހެދޭ ޤަވާއިދުތަކުގައި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ސުލޫކީ މިންގަނޑުތަކާއި ހާޒިރީ އާއި ގުޅޭ އުސޫލް ވެސް ހިމެނެއެވެ. އަދި މަޖިލީހުގެ ތިންބައިކުޅަދެބައިގެ އަޣްލަބިއްޔަތުން ފާސްވެއްޖެނަމަ މެމްބަރުންގެ މުސާރައާއި އިނާޔަތްތައް ކެނޑޭގޮތައް ވެސް ކަނޑައެޅެ އެވެ.

މިހާރު އަމަލު ކުރަމުންގެންދާ 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގައި ސަލާމާއި ޗުއްޓީގައި ތިބޭ މެންބަރުން ފިޔަވައި އެމަހެއްގެ ތެރޭގައި ބޭއްވޭ ޖަލްސާތަކުގެ ދެބައިކުޅަ އެއްބައި ޖަލްސާތަކަށް މެންބަރަކު ހާޒިރުނުވެއްޖެނަމަ އެމެންބަރެއްގެ މުސާރައިން 50 ޕަސެންޓް ކެނޑޭނެކަމަށް ބަޔާން ކޮށްފައި ވެއެވެ. ނަމަވެސް ސަލާމުގައި ހުރުމަށް މިޤަވާއިދުގައި ވަކި މުއްދަތެއް ކަނޑައެޅިފައި ނެތުމުން ދިގު މުއްދަތައް ސަލާމްގައި ތިބެ މުސާރައިގެ 50 ޕަސެންޓް ނުކެނޑޭނެ ގޮތަކަށް ޖަލްސާއަށް ހާޒިރު ނުވެތިބުމުގެ ފުރުސަތު ލިބިދެ އެވެ.

އަހަރެއްގެ ތެރޭގައި ހަތަރު މަސް ދުވަހުގެ ޗުއްޓީ ލިބޭއިރު އެއްވެސް ހުދޫދެއްނެތި ސަލާމް ބުނެވޭ ގޮތަށް އޮތުމަކީ ދައުލަތުގެ ވަޒީފާ އަދާކުރާ އެހެން މުވައްޒަފުންނާއި އިންތިހާ އަށް ތަފާތު ކުރުމެކެވެ. ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫން އަސާސީގެ 20 ވަނަ މާއްދާގައިވާ ގޮތުން ގާނޫނުގެ ރައްކާތެރިކަމާއި، ޤާނޫނުން ލިބިދޭ މަންފާތައް ހަމަހަމަ ކަމާއިއެކު ލިބުމަކީ ކޮންމެ މީހެއްގެ ވެސް ހައްގެކެވެ.