ވާވޭ

އެންމެ މޮޅު 5ޖީ ސްމާޓްފޯން އުފައްދަނީ އެޕަލްއިން: ވާވޭ ސިއީއޯ

އެމެރިކާއިން ވާވޭއަށް ދަތިކުރަން އެޅި ފިޔަވަޅުތަކުގައި، އެންމެ ބޮޑަށް ދަތިވެގެންދިއަ ދުވަސްވަރުގައި ވެސް، ވާވޭގެ ސިއީއޯ ރެން ޒެންފެއި އެޕަލްއަށް ތައުރީފު ކުރެއްވި އެވެ. ވާވޭ ސްމާޓްފޯންތައް އެމެރިކާގައި އޮޕަރޭޓަރުން މެދުވެރިކޮށް ނުވިއްކޭ ގޮތް ހެދުމުން ވެސް ވާވޭގެ ސިއީއޯ ވިދާޅުވީ ޗައިނާގައި އައިފޯން މަނާ ކުރުމާ ދެކޮޅު ކަމަށެވެ.

ރެން ޒެންފެއި ވިދާޅުވީ އެންމެ ފަރުވާތެރި ކަމާއެކު ޑިވައިސްތައް އުފައްދާ ކުންފުންޏަކީ އެޕަލް ކަމަށާއި އެއީ ސްމާޓް ޑިވައިސްތަކުގެ މަންމަ ކަމަށެވެ. އެޕަލްއަށް އޭނާ ކުރައްވާ ތައުރީފް މިދާކަށް ދުވަހު ދެއްވި އިންޓަވިއުއެއްގައި އަނެއްކާ ވެސް ހާމަ ކުރައްވައިފި އެވެ.

ވާވޭގެ ސިއީއޯ ވިދާޅުވީ ސްމާޓްފޯން އުފައްދާ ކުންފުނިތަކުން 5ޖީ މާކެޓަށް ނުކުމެފައި ވާއިރު އެންމެ ރަނގަޅު އަދި ދެމެހެއްޓެނިވި 5ޖީ ފޯން އުފައްދަނީ އެޕަލްއިން ކަމަށެވެ. އޭނާ ވިދާޅުވީ އެޕަލް އައިފޯން 12 އަށް ވުރެ މޮޅު 5ޖީ ސްމާޓްފޯނެއް ދުނިޔޭގައި ވެސް ނެތް ކަމަށެވެ.

ދުނިޔެއަށް 5ޖީ ތައާފުރު ކުރުމުގައި ވާވޭގެ ދައުރު ވަރަށް ފުޅަލެވެ. ގައުމުތަކުގައި 5ޖީ ނެޓްވޯކް އަޅައި ދިނުމުގައި އެންމެ ކުރީގައި އުޅެނީ ވާވޭ އެވެ. ހަގީގަތަކީ ތަޖުރިބާއަށް ބެލި ނަމަވެސް 5ޖީ މާކެޓްގައި ވާވޭއަށް ގޮންޖަހާލެވޭ ވަރުގެ ކުންފުންޏެއް ނެތް ކަމެވެެ.

ރެން ޒެންފެއި އަކީ އެޕަލްއަށް ވަރަށް ސަޕޯޓް ކުރައްވާ އައިފޯންގެ ފޭންއެކެވެ. އައިފޯނުން ވަރަށް ގިނައިން ޓްވީޓް ކުރައްވަ އެވެ. ވިދާޅުވީ އެޕަލްގެ އުފެއްދުންތަކުން އުނގެނިވަޑައިގަންނަވާ ކަމަށާއި ވާވޭއިން ވެސް އެޕަލްއާ ވާދަ ކުރާނެ ކަމަށެވެ.

އައިފޯންއަށް ތާއީދު ކުރައްވައި ސިއީއޯ 5ޖީއާ ގުޅުވާފަައި ވަނީ އައިފޯންގައި 5ޖީ ފެންވަރު ދަމަހައްޓާފައި ހުރި ހަރުދަނާ ކަމަށް ބައްލަވާފައި ކަމަށް ބެލެވެ އެވެ. އެއީ އެންޑްރޮއިޑް މާކެޓްގައި ވެސް 5ޖީ ފޯނުތައް ހުރިއިރު، އެޕަލްއަށް ވުރެ ކުރިން 5ޖީ ސްމާޓްފޯންތައް އީޖާދުކުރީ ވެސް އެންޑްރޮއިޑް ކުންފުނިތަކުންނެވެ. އަދި ވާވޭއަކީ ވެސް 5ޖީ ސްމާޓްފޯން އުފައްދާ ކުންފުންޏެކެވެ.