ފިނޭންސް މިނިސްޓްރީ

ފިނޭންސް މިނިސްޓަރު ޕީސީބީ ދިފާއު ކުރައްވައިފި

Mar 7, 2021
1

ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުގެ (ޕީސީބީ) އިން ސަރުކާރުގެ ކުންފުނިތައް ހިންގުމުގެ މަސައްކަތް ނުބެލެހެއްޓޭ ކަމަށް ދެކެވޭ ވާހަކަތަކަށް ރައްދު ދެއްވައި، ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު، ޕީސީބީ ދިފާއު ކުރައްވައިފި އެވެ.

ރައްޔިތުން މަޖިލީހުގެ އެސްއޯއީ ކޮމެޓީގައި މިއަދު ގިނަ މެންބަރުން ވަނީ ޕީސީބީއަށް ސަރުކާރުގެ ކުންފުނިތައް ބަލަހައްޓައި މޮނީޓަ ކުރުމުގެ މަސައްކަތް އެންމެ އެދެވޭ ގޮތެއްގައި ކުރިއަށް ނުގެންދެވޭ ކަމަށް ވިދާޅުވި އެވެ.

މެންބަރުގެ އެ ވާހަކަތަކާ ގުޅިގެން އަމީރު ވިދާޅުވީ ޕީސީބީން ވޭތުވެދިޔަ ދެ އަހަރުގެ ތެރޭގައި ސަރުކާރު ހިއްސާވާ ކުންފުނިތައް މޮނިޓާކޮށް އިވޭލުއޭޝަން ކުރިއަށް ގޮސްފައިވާ ގޮތް ރަނގަޅު ކަމަށެވެ.

އަމީރު ވިދާޅުވީ ޕީސީބީގެ ބޯޑުގައި ކުރިއާ ހަލާފަށް މިހާރު އޮންނާނީ ގާބިލް ޓީމެއް ކަމަށެވެ. މިހާރުގެ ޓީމުގައި ކޮންސެލްޓެންޓުން ވެސް ހިމެނޭއިރު މިއީ ފިނޭންސް މިނިސްޓްރީގެ އޮނިގަނޑުގެ ތެރެއިން ބަލާނަމަ ވެސް އެންމެ ޕޭ ރަނގަޅު ޓީމު ކަމަށެވެ.

އެސްއޯއީ ކޮމެޓީގެ މުގައްރިރު ހުޅުދޫ ދާއިރާގެ މެމްބަރު އިލިޔާސް ލަބީބް ވިދާޅުވީ ޕީސީބީގައި ބަޖެޓް ނެތުމާއި އެނޫން ވެސް މައްސަލަ ތަކެއް ހުރިކަން ކުރިން ފާހަގަ ކުރެއްވިފައިވާ ކަމަށާއި އޭގެ ސަބަބުން އެންމެ ރަނގަޅަށް މަސައްކަތް ނުކުރެވޭ ކަމަށެވެ. އެއަށް އިޝާރާތް ކުރައްވައި އަމީރު ވިދާޅުވީ ޕީސީބީގައި ބަޖެޓު ނެތިގެންނާއި މުވައްޒަފުންގެ މައްސަލައެއް ވެސް މިހާތަނަށް ފާހަގަ ވެފައި ނެތް ކަމަށެވެ.

"ޕީސީބީ މަސައްކަތް ކުރަނީ މިނިވަންކޮށް، ޕީސީބީގައި ތިބި ސްޓާފުންނަކީ އެންމެ ކޮމްޕިޓެންޓް ޓީމް،" އަމީރު ވިދާޅުވި އެވެ.

ޕީސީބީއަކީ ސަރުކާރު ވުޒާރާ ކަމަށްވާ ޕީސީބީ އޮންނަނީ ފިނޭންސް މިނިސްޓްރީގެ ދަށުގަ އެވެ. ނަމަވެސް ޕީސީބީ ހިންގަނީ އެހެން އިދާރާތައް ހިމެނޭ ގޮތަށް މިނިވަން ކޮށެވެ. ޕީސީބީގެ ރައީސަކަށް ކުރިން ހުންނެވި ހަސަން ވަހީދު މި އަހަރު އިސްތިއުފާ ދެއްވާފަ އެވެ. ފިނޭންސް މިނިސްޓްރީން މިއަދު ބުނީ ވަރަށް އަވަހަށް ޕީސީބީއަށް ރައީސަކު އައްޔަން ކުރައްވާނެ ކަމަށެވެ.