ކެއާ ސޮސައިޓީން ހިންގާ ކެއާ ޑިވެލޮޕްމަންޓް ސެންޓަރު (ސީޑީސީ) ގެ ދަރިވަރެއްގެ އެއް އަހަރު ދުވަހުގެ ފީ، ރައްުޔިތުންގެ މަޖިލީހުގެ ފުވައްމުލަކު މެދު ދާއިރާގެ މެންބަރު ހުސައިން މުހައްމަދު ދީދީ ސްޕޮންސަރު ކޮށް ދެއްވައިފި އެވެ.
ހުސައިން ސްޕޮންސަރު ކޮށްދެއްވާފައި ވަނީ ސީޑީސީގައި ކިޔަވަމުންދާ ނުކުޅެދުންތެރިކަން ހުންނަ ކުއްޖެކެވެ.
އޭނާ އެހީތެރިވެ ދެއްވީ ހާއްސަ އެހީތެރި ކަމަށް ބޭނުން ވެފައިވާ ކުއްޖަކަށް ކަމަށް ސީޑީސީން ވަނީ މިއަދު ބުނެފަ އެވެ. އެ ދަރިވަރުގެ އެއް އަހަރު ދުވަހުގެ ފީ ސްޕޮންސަރު ކޮށްދެއްވައި އެއްބަސްވުމުގައި ސޮއި ކުރަން މިއަދު ހެނދުނު ކެއާ ސޮސައިޓީގައި ވަނީ ކުޑަ ރަސްމިއްޔާތެއް ވެސް ބާއްވާފަ އެވެ.
މެންބަރު ހުސައިން ވިދާޅުވީ ހާއްސަ އެހީއަށް ބޭނުންވާ ދަރިވަރެއްގެ އެއް އަހަރު ދުވަހުގެ ފީ ސުޕޮންސަރު ކުރެއްވުން އެއީ އޭނާއަށް ލިބި ވަޑައިގެންނެވި އުފަލެއް ކަމަށެވެ. އެހީއަށް ބޭނުންވާ ކުދިންނަށް އެހީތެރިވެ ދެއްވުމަކީ އަބަދު ވެސް ޝައުގުވެރިވެ ވަޑައިގަންނަވާ ކަމަށެވެ.
އަދި ވިދާޅުވީ ތަނަވަސް ކަން ލިބިފައިވާ ފަރާތްތަކާއި މަޖިލީހުގެ އެހެން މެންބަރުން ވެސް އެހީތެރިކަން ބޭނުން އެފަދަ ކުދިންނާއި މީހުނަށް އެކި މިންވަރުގައި އެހީތެރިވެ ދިނުން މުހިންމު ވެފައިވާ ކަމަށެވެ.