ވައްކަން

ފިހާރައެއް ފަޅާލި ތިން މީހަކު ހައްޔަރުކޮށްފި

ސަރުކާރުގެ ފެން ކުންފުނީގެ ސަބްސިޑަރީއެއް ކަމަށްވާ އައިލެންޑް ބެވެރޭޖްގެ ހުޅުމާލޭ ފިހާރަ ރޭ ފަޅާލައި ވައްކަން ކުރަން އުޅުނު ތިން މީހަކު ހައްޔަރު ކޮށްފި އެވެ.

ފުލުހުން ބުނީ އެ އެންމެން ހައްޔަރުކުރީ ފިލައިގެން ދާން އުޅެނިކޮށް އެ ފިހާރައިގެ ތެރެއިން ކަމަށާއި އެ ވައްކަމުގައި ހިމެނޭ އިތުރު މީހަކު ފިލާފައިވާތީ އޭނާ ހޯދަން މަސައްކަތް ކުރާ ކަމަށެވެ.

ނިރޮޅު މަގުގައި ހުންނަ އެ ފިހާރައިން ވައްކަން ކުރަން އުޅުނީ ފިހާރައިގެ ދޮރެއް ހަލާކު ކޮށްލައިގެނެވެ. ހައްޔަރުކުރީ ދިވެހި ތިން ފިރިހެނުންނެވެ.

ވައްކަން ކުރަން ދޮރު ހަލާކުކޮށްލަން ބޭނުންކުރި ކަށިގަނޑަކާއި އެހެން އާލަތެއް ކުށުގެ ވެށިން ހޯދި އިރު އެއްވެސް އެއްޗެއް ވަގަކަށް ނުގެންދެވޭ ކަމަށް ފުލުހުން ބުންޏެވެ.

ރޭ މާލޭގެ ބާޒަރު މަތީން ވެސް ގިނަ ފިހާރަތަކެއް ފަޅާލައި ވަނީ ވައްކަން ކޮށްފަ އެވެ.