އިލްމުގެ އަހުލުވެރިން އަދާކުރަމުންދާ ވަޒީފާއިން ވަކިކުރާނެ ކަމުގެ އިންޒާރު ދިނުމާއި ހައްޔަރުކޮށް ބަންދު ކުރާނެ ކަމުގެ އިންޒާރު ދިނުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ރާއްޖޭގެ އިލްމުވެރިން ބައިވެރިވެގެން އުފައްދާފައިވާ އިލްމުވެރިންގެ ގުޅުމުން ބުނެފި އެވެ.
ރާއްޖޭގެ 104 އިލްމުވެރިއަކު ބައިވެރިވާ ގުޅުމުން މިހެން ބުނެފައިވަނީ ދީނީ އިލްމުވެރިޔާ ޑރ. މުހައްމަދު އިޔާޒް އަބްދުލްލަތީފް، ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީގައި އަދާކުރަމުންދާ ވަޒީފާއިން ސަސްޕެންޑް ކޮށްފައިވަނިކޮށެވެ. އިޔާޒަކީ ގައުމީ ޔުނިވާސިޓީގެ ފެކަލްޓީ އޮފް ޝަރީއާ އެންޑް ލޯ ގެ އެސިސްޓެންޓް ޕްރޮފެސަރު/ސީނިއާ ލެކްޗަރާ އެކެވެ.
މީގެ އިތުރުން އިޔާޒު ހިފާ ހައްޔަރުކުރުމަށް އެމްޑީޕީގެ ޕީޖީ ގުރޫޕްގެ ލީޑަރު އަލީ އާޒިމް ގޮވާލައްވާފައިވަނިކޮށެވެ.
އިލްމުވެރިންގެ ގުޅުމުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ހިޔާލުފާޅު ކުރުމުގެ ނަމުގައި ހިންގާ އެކި ޖަރީމާތައް ހުއްޓުވާ ދައުލަތުގެ ޒިންމާ އޮތް މިންވަރާ ގާތަށް ގާތަށްވެސް އެކަންކަމަށް ފިޔަވަޅު އެޅިފައިނުވާއިރު ދީނީ ގޮތުން އިޖްތިހާދީ މައްސަލައެއްގައި ދައުލަތުން ކަނޑަަޅާ ގޮތަކާއި ހިލާފަށް ޝަރުއީ ދަލީލުތަކުގެ އަލީގައި އެކަމެއްގައި އޮތް ދީނީ ރައުޔެއް ހާމަކުރުމާއި ގުޅިގެން ދައުލަތުގެ އިސް މަގާމުތަކުގައި ތިއްބަވާ ބޭފުޅުން އަދި މުއައްސަސާތަކުން އިލްމުގެ އަހުލުވެރިން އަދާކުރަމުންދާ ވަޒީފާއިން ވަކިކުރާނެ ކަމުގެ އިންޒާރު ދިނުމާއި ހައްޔަރުކޮށް ބަންދު ކުރާނެ ކަމުގެ އިންޒާރު ދިނުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ.
"އެފަދަ ކަންކަމަކީ އިސްލާމްދީނާއި މުސްލިމުންނާއި އަދާވަތްތެރި ގައުމުތަކުގައި އިސްލާމްދީނާ ދެކޮޅަށް ހިންގޭ ފަދަ އަމަލެއް ކަމީ އަދުލްވެރި ނަޒަރަކުން ބެލި ކޮންމެ މީހަކަށް ފެންނާނެ ހަގީގަތް. އަދި އެއީ ދުލުގެ މިނިވަން ކަަމާއި ހިޔާލުފާޅު ކުރުމުގެ މިނިވަން ކަމާއި އަދި ދީނީ އިލްމު ފޯރުކޮށްދިނުމުގެ ވާޖިބުތަކާވެސް ދެކޮޅަށް ހިންގޭ ޖަރީމާއެއް ކަމުގައި ނޫނީ ނުވާނެ،" އިލްމުވެރިންގެ ގުޅުމުގެ ބަޔާނުގައިވެއެވެ.
އިލްމުވެރިންގެ ގުޅުމުން ވަނީ ޝަރުއީ ދަލީލުތަކުގެ އަލީގައި އެކަމެއްގައި އޮތް ދީނީ ރައުޔެއް ހާމަކުރުމާއި ގުޅިގެން ފިޔަވަޅު އެޅުމާއި ވިދާޅުވާ ވާހަކަފުޅެއް ނުބައި މާނަ ދޭހަވާނެ ހެން ފަތުރާ އިލްމުވެރިންނަށް އިހާނެތި ބަސްތައް ރައްދު ނުކުރުމަށް އެދިފައެވެ.
އަދި ބިރުދެއްކުންތަކާއި މަލާމަތްތަކަށް ބެލުމެއްނެތި ހުރިހާ އިލްމުވެރިންވެސް އެކަތިގަނޑެއްގެ ގޮތުގައި ތިބުމަށް އިލްމުވެރިންގެ ގުޅުމުން ވަނީ އިލްތިމާސްކޮށްފައެވެ.