ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ދަތުރުދާން ދެ ރަށް، ނަމަވެސް ހުޅުވޭނެ ދުވަހެއް ނޭންގެ

ބޮޑު އާބާދީއެއް އޮތް ވެރިރަށް މާލެ ކައިރިން ފަޅެއް ހިއްކައިގެން ދިވެހިން ދަތުރުދާން ރަށެއް ތަރައްގީ ކުރުމުގެ މަސައްކަތް ނުނިމި ދިގުލައިގެން ގޮސްފައިވާއިރު އެ ރަަށް ތަރައްގީކޮށް ހުޅުވުން ލަސްވަނީ ކޮވިޑްގެ ސަބަބުން ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.

މާލެ ސިޓީއަށް ހާއްސަކުރި އެމްޑީޕީގެ ރަށްވެހި ފަތިސް ކެންޕެއިން ބައްދަލްވުމުގައި މާލެ ސިޓީއަށް ވާދަކުރައްވާ ބައެއް ކެންޑިޑޭޓުން ވަނީ ދަތުރުދާނެ ރަށެއް ހެދުމަކީ ސަރުކާރުގެ ވައުދަކަށްވާތީ އެ ވައުދު ފުއްދޭނީ ކިހާ ހިސާބަކުތޯ ސުވާލު ކުރައްވާފައެވެ.

މާލެ ކައިރީ ދަތުރު ދާ ރަށެއްގެ ގޮތުގައި އެނބޫދޫ ފަޅުގައި ހިއްކި ރަށެއް ހަމަޖައްސަައި އެ ރަށް 2020 ވަނަ އަހަރު ކުރީކޮޅު ހުޅުވާލާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އޭޕްރީލް 2، 2019 ގައި ވަނީ ވިދާޅުވެފައެވެ. މިއީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ފުއްދަވާނެ ކަމަށް ވިދާޅުވެ ވެވަޑައިގެންނެވި ވައުދެކެވެ.

ނަމަވެސް ރައީސް ރޭ ވިދާޅުވީ ދަތުރުދާނެ ރަށެއް ތަރައްގީ ކުރުމުގެ މަސައްކަތް ކޮރޮސްރޯޑް ހިންގާ ކުންފުނިން ކުރަމުންދާ ކަމަށާ އެ މަސައްކަތް ނުނިމި ލަސްވަނީ ކޮވިޑްގެ ސަބަބުން ކަމަށެވެ. ކޮވިޑްގެ ބަލިމަޑުކަން ކުރިމަތިވި ނުވިނަމަ މިއަހަރު އެ ރަށް ހުޅުވުނީސް ކަމަށް ރައީސް ވިދާޅުވިއެވެ.

"އެހެން ރަށެއްވެސް އަޅުގަނޑުމެން އެބަ ވިސްނަން. ނަމަވެސް އަނެއްކާވެސް މި ޖެހެނީ ހިއްކަން. އެއީ މައްސަލައަކީ،" އުތުރުތިލަފަޅާ ޖެހިގެން އޮތް ފަޅެއް ހިއްކަން ނިންމުމާމެދު ވިސްނަވަމުން ގެންދަވާ ކަމަށް އިޝާރާތް ކުރައްވާ ރައީސް ވިދާޅުވިއެވެ.

ދަތުރުދާ ރަށާ ގުޅޭގޮތުން ރައީސް ކުރިން ވިދާޅުވީ ކްރޮސްރޯޑް ހިންގާ ސިންވާ ކުންފުނިން އެ ރަށް ތަރައްގީ ކޮށްދެނީ ޕިކްނިން އައިލެންޑަކުން ލިބެން ހުންނަ ޒަމާނީ ހުރިހާ ލުއިފަސޭހަ ތަކާއެކު ކަމަށެވެ.

"އާއިލާތައް އެކުގައި ގޮސް އުޅެވޭނެ އިންތިޒާމުތައް ހުންނާނެ، މުނިފޫހިފިލުވުމުގެ ހަރަކާތްތައް ކުރިއަށްގެންދާ ޖާގަވެސް އޮންނާނެ. ކުޑަކުދިންނަށް ހާއްސަ ކުރެވިފައިވާ ތަންތަނާއި އިންތިޒާމްތައްވެސް ހަމަޖެހިފައި ހުންނާނެ. އަޅުގަނޑުމެން ގަސްތުކޮށްފައިވަނީ އެންމެ ލަސްވެގެން އަންނަ އަހަރުގެ ކުރީކޮޅު އެރަށަށް ދަތުރު ދެވޭ ވަރު ކުރުމަށް،" ރައީސް ވިދާޅުވި އެވެ.

ރައީސް އިތުރަށް ވިދާޅުވީ، މާލޭ މީހުން ދިރިއުޅެމުން އައި ހާސް ކަމުގެ ތެރެއިން ހިތް އުފާ ކޮށްލާ މުނިފޫހި ފިލުވާލުމަށް މީގެ ކުރިން ގޮސް އުޅުނީ މާލެ މާލެ އާ ކައިރި ފަޅުރައްތަކާއި ފިނޮޅުތަކަށް ކަމަށެވެ. އަދި މާލޭގައި ދިރިރިއުޅޭ މީހުންގެ އިހުސާސްތަކަށް ބެލުމެއް ނެތި، މާލޭ ސަރަހައްދުގެ ހުރިހާ ފަޅުރައްތައް ކުރީ ސަރުކާރުން ވަނީ ނާޖާއިޒު ގޮތުގައިި ވިއްކާ ހުސްކޮށްފަ ކަމަށެވެ.

"އާއިލާއާއި އެކުވެރިންނާއި އޮފީސް މުވައްޒަފުންނާއެކު މަޖާ ކޮށްލުމަށް ދަތުރު ދިއުމަކީ ދިވެހިން، ވަކިން ހާއްސަކޮށް މާލޭގެ ދިރިއުޅޭ މީހުންގެ އުފަލެއް. ނަމަވެސް، މާލޭގެ ދިރިއުޅޭ މީހުންގެ އިހުސާސް ތަކަށް ބެލުމެއް ނެތި އަދި އެކަން ނުކުރަށް އެދި އަޑުއުފުލަމުން ދަނިކޮށްވެސް މި ސަރަހައްދުގެ ހުރިހާ ފަޅު ތަކާއި ފިނޮޅު ތަކާއި ފަޅުރައްތައް ކުރީ ސަރުކާރުން ވަނީ ނާޖާއިޒު ގޮތުގައި ވިއްކާ ހުސްކޮށްލާފަ،" ރައީސް ވިދާޅުވި އެވެ.

މާލެ ކައިރިން ފަޅެއް ހިއްކައިގެން ދިވެހިން ދަތުރުދާން ރަށެއް ތަރައްގީ ކުރުމަށް ކުރީ ސަރުކާރުންވެސް މަަސައްކަތް ކުރިއެވެ. އެ މަސައްކަތް ކުރަމުންދާ ކަމަށް މޯލްޑިވްސް އިންޓަގްރޭޑެޑް ޓޫރިޒަމް ޑިވްލޮޕްމެންޓް ކޯޕަރޭޝަން (އެމްއައިޓީޑީސީ) އިން ހާމަކުރީ ޖަނަވަރީ 4، 2017 ގައެވެ.

ކުރީ ސަރުކާރުން މަސައްކަތް ކުރީ 2017 ގެ ކުރިން ރަށުގެ މަސައްކަތް ނިންމާށެވެ. ނަމަވެސް ނޮވެންބަރު 17، 2018 ގައި ވެރިކަން ނިމުމުއިރުވެސް އެ މަސައްކަތް އޮތީ އެގޮތުގައެވެ.