ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ބިންކޮޅު ދޫކޮށްލުމުން ގޯތި ލިބޭ މަޝްރޫއެއް ފަށަނީ

މާލެއިން ކުޑަ ބިންކޮޅެއް ލިބިފައިވާ މީހުން އެ ބިންކޮޅު ސަރުކާރަށް ދޫކޮށްލުމުން ގޯތި ލިބޭ މަޝްރޫއެއް މި އަހަރު ފައްޓަވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް މިރޭ އިއުލާނު ކުރައްވައިފި އެވެ.

އެމްޑީޕީގެ ފުރަތަމަ ސަރުކާރުގައިވެސް ވަނީ މިފަދަ މަޝްރޫއެއް ކުރިއަށް ގެންގޮސްފައެވެ. އެ މަޝްރޫއުގެ ތެރެއިން މާލެއިން ލިބިފައިވާ ބިންކޮޅު ސަރުކާރަށް ދޫކޮށްލި ބައެއް މީހުންނަށް ހުޅުމާލެއިން ގޯތި ދީފައިވެއެވެ. ނަމަވެސް އޭގެ ތެރޭގައި ގޯތި ނުލިބޭ މީހުން އަދިވެސް އެބަތިބި ކަމަށް އެމްޑީޕީގެ ފަރާތުން މާލޭގެ އެކި ދާއިރާތަކަށް ކުރިމަތިލައްވާ ބައެއް ކެންޑިޑޭޓުން ވަނީ ވިދާޅުވެފައެވެ. އަދި އެ މީހުންނަށް މި ސަރުކާރުން ކޮށްދޭނެ ކަމަކީ ކޮބައިތޯ ސުވާލު ކުރެއްވިއެވެ.

ރައީސް ވިދާޅުވީ ބޯހިޔާވަހިކަމަށް ހާއްސަ ދެ މަޝްރޫއެއް ވަރަށް އަވަހަށް ފައްޓަވާނެ ކަމަށެވެ. އެއް މަޝްރޫއަކީ ލޯން މަޝްރޫއެއް ކަމަށާ އަނެއް މަޝްރޫއަކީ މާލެއިން ކުޑަ ބިންކޮޅެއް ލިބިފައިވާ މީހުން އެ ބިންކޮޅު ސަރުކާރަށް ދޫކޮށްލުމުން ގޯތި ލިބޭ މަޝްރޫއެއް ކަމަށް ވިދާޅުވިއެވެ. ނަމަވެސް މާބޮޑު ތަފްސީލަކަށް ވަޑައިނުގެން ރައީސް ވިދާޅުވީ މިއަހަރު މެދުތެރޭ އެ މަޝްރޫއު ފެށޭއިރު އެ ތަފްސީލުތައް ހާމަކުރައްވާނެ ކަމަށެވެ.

"ގޯތިވެސް އޭގެ ތެރޭގައި ދޫކުރެވިގެންދާނެ މާލެ އިން ބިން ދޫކޮށްލާ ފަރާތްތަކަށް. އޭގެ ތަފްސީލް މިއަހަރުގެ މެދުތެރޭގައި ލިބިގެންދާނެ،" ރައީސް

ރައީސް މިރޭ ވަނީ މި ސަރުކާރުން ކުރިއަށް ގެންދަން ނިންމާފައިވާ ބޯހިޔާވަހިކަމުގެ މަޝްރޫއުތަކުގެ މައުުލޫމާތު ވަރަށް ތަފްސީލުކޮށް ހިއްސާ ކުރައްވާފައެވެ. އެމަނިކުފާނު ވިދާޅުވީ ރިޔާސީ އިންތިހާބުގައި ވައުދުވެވަޑައިގެންފައިވަނީ މާލެ ސަރަހައްދުގައި 10،000 ހައުސިން ޔުނިޓް އެޅުމަށް ނަމަވެސް މި ދައުރުގެ ތެރޭގައި 15،000 ހައުސިން ޔުނިޓްގެ މަސައްކަތް ފެށޭނެ ކަމަށެވެ.

އެގޮތުން މިހާރުވެސް 1،000 ހަައުސިން ޔުނިޓްގެ މަސައްކަތް ފެށި ފައުންޑޭޝަންގެ މަސައްކަތް ނިމިފައިވާއިރު އިތުރު 2،000 ހައުސިން ޔުނިޓްގެ މަސައްކަތް ފެށުމަށް އިންޑިއާގެ އެމްބީސީސީއާއެކު އެގްރިމަންޓް ކޮށްފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި މާދަމާވެސް އިތުރު 2،000 ހައުސިން ޔުނިޓްގެ އެއްބަސް ވުމުގައި ސޮއިކުރުމަށް ވަނީ ހަމަޖެހިފައި ކަމަށް ވިދާޅުވިއެވެ.

އަދި ދިވެހި ކުންފުނިތަކާއި ހަވާލުކޮށްގެން 180 ޔުނިޓްގެ މަސައްކަތް އޭޕްރީލް މަހުގެ ތެރޭގައި ފެށޭނެ ކަމަށް ވިދާޅުވިއެވެ. އަދި ޗައިނާގެ ސައިނޯޙައިޑްރޯ ކުންފުންޏާއެކު 1،700 ހައުސިން ޔުނިޓްގެ މަސައްކަތް ފެށުމަށް ތައްޔާރުވަމުންދާއިރު ޗައިނާގެ ސީއެމްސީ ކުންފުނިން 1،344 ހައުސިން ޔުނިޓްގެ މަސައްކަތް މިހާރުވެސް ހިނގަމުންދާ ކަމަށް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ސްރީލަންކާގެ ޖެޓް ހޯލްޑިންގްސް އާއެކު 850 ޔުނިޓް އެޅުމަށް ނިންމާފައިވާއިރު ދިވެހި ކުންފުނިތަކާ ހަވާލުކޮށްގެން 33 ޔުނިޓެއްގެ މަސައްކަތް ކުރެވޭނެ ކަމަށެވެ. އަދި އިންޑިއާގެ ދެ ކުންފުންޏަކާ ހަވާލުކޮށްގެން 4،000 ހައުސިން ޔުނިޓް އެޅުމަށް މަޝްވަރާ ކުރެވެމުންދާ ކަމަށާ އެ މަސައްކަތް މިއަހަރުގެ ތެރޭގައި ފެށުމަށް އެއްބަސްވުން ގާއިމު ކުރެވޭނެ ކަމަށްވެސް ވިދާޅުވިއެވެ.

އަދި ހުޅުމާލޭގެ ބެލެނިވެރި އެޗްޑީސީން 115 ހައުސިން ޔުނިޓެއްގެ މަސައްކަތް ފެށުމަށް ނިންމާ ވަރަށް އަވަހަށް ޓެންޑާއަށް ހުލުވާލާނެ ކަމަށް ވިދާޅުވިއެވެ. ރައީސް ވިދާޅުވީ އެ ހުރިހާ މަސައްކަތްތައް ފެށުމުން ޖުމްލަ 13،000 ހައުސިން ޔުނިޓްގެ މަސައްކަތް ކުރިއަށްދާނެ ކަމަށާ އިތުރު 2،000 ހަައުސިން ޔުނިޓްގެ މަސައްކަތް ފަށާ 15،000 ހައުސިން ޔުނިޓްގެ މަސައްކަތް މި ދައުރުގެ ތެރޭގައި ފެށޭނެ ކަމަށެވެ.