ޓްރާންސްޕޯޓް މިނިސްޓްރީގައި މައްސަލަތަކެއް އެބަހުރި ކަމަށާ އެ މައްސަލަތައް ހައްލު ކުރަން ޓްރާންސްޕޯޓް އޮތޯރިޓީގެ ގާނޫނު އުވާލުމަށް ރައްޔިތުންގެ މަޖިލީހަށް މިހާރު ފޮނުވާފައިވާ ކަމަަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.
ރައީސް މިހެން ވިދާޅުވީ މާލެ ސިޓީއަށް އެމްޑީޕީގެ ޓިކެޓްގައި ކުރިމަތިލައްވާ ކެންޑިޑޭޓުންނާއެކު މިރޭ އޮންލައިންކޮށް ކުރިއަށް ގެންދިޔަ ރަށްވެހި ފަތިސް ކެންޕެއިން ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ. މި ރޭގެ އެ ބައްދަލުވުމުގައި ބައިވެރިވި ބައެއް ކެންޑިޑޭޓުން ވަނީ ޓްރާންސްޕޯޓް މިނިސްޓްރީގައި ހުރި ގިނަ މައްސަލަތަކެއް ފާހަގަ ކުރައްވާފަ އެވެ. ހާއްސަކޮށް ވެހިކަލް ރަސްޖިސްޓްރީ ކޮށް ދިނުމުގައި ދިމާވާ މައްސަލަތައް ފާހަގަ ކުރި އެވެ.
ރައީސް ވިދާޅުވީ ޓްރާންސްޕޯޓް މިނިސްޓްރީގައި މައްސަލަތަކެއް އެބަހުރި ކަމަށާ އެ މައްސަލަތައް ހައްލު ކުރަން ޓްރާންސްޕޯޓް އޮތޯރިޓީގެ ގާނޫނު އުވާލުމަށް ރައްޔިތުންގެ މަޖިލީހަށް މިހާރު ފޮނުވާފައިވާ ކަމަށެވެ. މައްސަލަތައް ދިމާވުމުގައި ބާރުތައް ފުށު އެރުން ވެސް ހިމެނޭތީ ޓްރާންސްޕޯޓް އޮތޯރިޓީގެ ގާނޫނު އުވާލުމުން މައްސަލަތަކަށް ހައްލު އަންނާނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
"ޓްރާންސްޕޯޓް މިނިސްޓްރީގައި އެބަ އުޅޭ މައްސަލަތަކެއް. އޭގަ އެބަ އުޅޭ ބާރުތައް ފުށު އެރުމުގެ މައްސަލަތަކެއް. އޭގެ އިތުރުން އަޅުގަނޑަށް ވެސް ފެންނަނީ އެތަނުގައި މައްސަލަތައް ހިންގުން ލަސް ކަމަށް. ޓްރާންސްޕޯޓް އޮތޯރިޓީއާ ޓްރާންސްޕޯޓް މިނިސްޓްރީއާ ދޭތެރޭ ގާނޫނީ ފުށުއެރުންތަކެއް ވެސް ހުރުމާއެކީގައި އެބަ މައްސަލަތަކެއް ނުކުމޭ. މިހާރު އަޅުގަނޑުމެން ވާނެ ރައްޔިތުންގެ މަޖިލީހަށް ޓްރާންސްޕޯޓް އޮތޯރިޓީ އުވާލުމަށް އެ ގާނޫނު އުވާލުމަށް ހުށައަޅާފައި. އެއާއެކީގައި މިނިސްޓްރީގެ އޮނިގަނޑަށް ގެނެވޭ ބަދަލުތަކާއެކީގައި މިއަށް ހަލުވި ކަމެއް އަންނާނެ ކަމަށް އަޅުގަނޑު ދެކެނީ،"
މީގެ އިތުރުން ރައީސް ވިދާޅުވީ ޓްރާސްޕޯޓް މިނިސްޓްރީގެ މެންޑޭޓްގައި މިހާރު ހިމެނިފައިވާ ބައެއް ހިދުމަތްތައް ސިޓީ ކައުންސިލްގެ ތެރެއަށް ދޫކޮށްލަން ޖެހޭ ކަމަށެވެ. ލާމަރުކަޒު ކުރުމުން ސަރުކާރަށް ލިބޭ ފައިދާއާ ފަސޭހަ މާބޮޑުވެ ރައްޔިތުންނަށް ފަސޭހަވާނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
ޓްރާސްޕޯޓް މިނިސްޓްރީ އާއި ޓްރާސްޕޯޓް އޮތޯރިޓީގެ ހިދުމަތްތަކާމެދު އަބަދުވެސް ރައްޔިތުންގެ ޝަކުވާ އޮވެއެވެ. އެ ޝަކުވާތައް ހައްލު ކޮށްދިނުމަށް މިހާރުގެ މިނިސްޓަރު އައިޝަތު ނަހުލާ މަސައްކަތް ކުރައްވާނެ ކަމަށް ތަކުރާރުކޮށް ވިދާޅުވި ނަމަވެސް ޝަކުވާތަކަށް ނިމުމެއް އައިސްފައެއް ނުވެއެވެ. ހިދުމަތްތައް ލަސްވުމާއި ހިދުމަތް ދިނުމުގައި ކޮރަޕްޝަންގެ އަމަލުތައް ހިންގުމުގެ ބޮޑެތި ބޮޑެތި ތުހުމަތުތައް އެ މިނިސްޓްރީ އާއި އޮތޯރިޓީއަށް އޮވެއެވެ.