އަޒަލިއްޔަ ޤާނޫނުގެ ފުރިހަމަ ކަމުގެ ތެރެއިން ފ.ބިލެތްދޫއަށް އިރުގެ އަލިކަން ފެތުރިގެން ދިޔައީ ކޮވެލިތަކުގެ ރީތި ލަވަތަކުންނެވެ. އެ ހިތްގައިމު ލަވަތަކުގެ މަންތަރުގައި ޖެހި އެތައް ބަޔަކަށް ކަންނެތްކަން ގެނުވިޔަސް، ރަޝީދާ އެންމެ ހިނދުކޮޅަކަށް ވެސް އެނދުގައި އޮންނަން ބޭނުމެއް ނުވިއެވެ. މޫނުގައި ދެއަތް ކާއްތައިލަމުން ލަތްކަކަށް ރަޝީދާ އެނދުން ތެދުވީ މިއަދަކީ ހުކުރު ދުވަސް ކަމުން، ގޭތެރޭގައި އެތައް ކަމެއް ކުރަން ޖެހޭނެކަން އެނގޭތީއެވެ. ފާޚާނާއަށް ވަދެ މޫނު ދޮވެލައި ހަދައިގެން ރަޝީދާ މިސްރާބު ޖެހީ އޭނާގެ ހަނގު ދަރި އޮތް ކޮޓަރިއާ ދިމާލަށެވެ.
"ދަރިފުޅާ! ދަރިފުޅާ އައިޝާ" ދޮރުގައި ދެތިން ފަހަރަކު ޓަކި ޖަހައިލަމުން ރަޝީދާ ގޮވައިލިއެވެ.
"އާނ މަންމާ. މި ހުޅުވަނީ.." އައިޝާ ވަރަށް އަވަސްކޮށް ބޮލުގައި އަޅައިފައިވާ ދޮޅި ނަގަމުން، މުސައްލަ ފަށްޖަހަން ފެށިއެވެ. މަޑުމަޑުން ކޮޅަށް ތެދުވެ، ހަށިގަނޑު ސީދާ ކޮށްލަމުން އައިޝާ ގޮސް ހުއްޓުނީ ކޮޓަރީގައި ހުރި ޑްރެސިން ޓޭބަލްގެ ކުރިމަތީގައެވެ. އަދި ލޯގަނޑުން އައިޝާ މޫނު ބަލައިލިއެވެ.
ހަމުގެ ކުލަ އަލި، ރީތިކަމެއް ލިބިފައިވާ އައިޝާ އޭނާގެ އިސްތަށިގަނޑު ރީތިކޮށްލަމުން، ރަނގަޅަށް އޭނާގެ މޫނު ބަލައިލިއެވެ. އައިޝާގެ ދެލޮލުގެ ކަޅި ވަށައިގެންވާ ހުދުބައި ވަނީ ރަތްވެފައެވެ. މާޔޫސް ކަމާއި، ގިލަންވެރިކަން އެމޫނުމަތިން ދަނީ ފެންނަމުންނެވެ. ދީންވެރި ކަމާއި، މާތް، ރިވެތި އަޚުލާޤެއް ލިބިފައިވާ އައިޝާ އަކީ ރަނގަޅު ސިފަތަކުން ޖަރީވެފައިވާ މީހެކެވެ. މަޑުމައިތިރިކަމުގެ ރީތި ފޭރާމުން އައިޝާ ވަނީ ޒީނަތްތެރިވެފައެވެ. އަދި އެއީ ކެތްތެރިކަމުގެ ލާމަސީލު މިސާލެކެވެ.
އައިޝާގެ އުުމުރުން 23އަހަރު ވީކަމަކު، އައިޝާ ބަލާފައި ހީވަނީ ފުރާވަރުގެ ދުވަސްތައް ގުނަމުންދާ ކުއްޖެއް ހެންނެވެ. ނަމަވެސް މި ވޭތުވެ ދިޔަ ދުވަސްތަކުގެ ތެރޭގައި އައިޝާގެ ހަށިގަނޑަށް ވަނީ ބޮޑުތި ބަދަލުތަކެއް އަތުވެފައެވެ. އަލަތު ދަރިިފުޅަށްފަހު، އައިޝާގެ ހަށިގަނޑު ފަލަވި އެއްކަމަކު، އެ ރީތި ކަމަށް އެއްވެސް ބަދަލެއް ނާދެއޭ ވެސް ބުނެވިދާނެއެވެ.
"މަންމީ.." ލޯގަނޑުން މޫނު ބަލަން ހުރި އައިޝާ ހިނިތުންވުމަކާއި އެކު ބަަލައިލީ އެނދުގައި އޮތް އޭނާގެ 4 އަހަރުގެ ދަރިފުޅު ދުންޔާއަށެވެ.
"ކީކޭ ދޫނީ؟ ބަނޑުހައި ވީތަ؟" އައިޝާ ގޮސް އިށީންނީ އެނދުގެ ފަނޑީގައެވެ. އަދި ދުންޔާގެ ބޮލުގައި ފިރުމައިލިއެވެ.
"ހީސް ލަވަނީ.." ދުންޔާގެ ލޮލަށް ނިދީގެ އަސަރުތައް ޖަމާވެފައިވާ ވަރުން އޭނާއަށް ރަނގަޅަށް ދެލޯ ވެސް ހުޅުވައި ނުލެވެއެވެ.
"އަވަހަށް ދޭ ފާޚާނާއަށް. ގޮސް ހީސްލައިގެން އައިސް ނިދާލާ.. ތެދުވޭ!" ދުންޔާގެ އަތުގައި ހިފައިލަމުން އައިޝާ ބުނެލިއެވެ.
***
ހެނދުނުގެ ސައި ތައްޔާރުކުރުމުގައި ރަޝީދާ އާއި އައިޝާ އުޅުނު އިރު، ރަޝީދާގެ ބޮޑު އަންހެން ދަރި ކަމަށްވާ އުމުރުން 27 އަހަރުގެ ޖަންނަތު އޭނާގެ ކޮޓަރިން ނުނިކުމެއެވެ.
"އަހަރެންނަށް ލިބިފަ އެހުރީ ކަންނެތް ދަރިއެއް. ކީކޭ ބުނާނީ؟ ޕިސްޕިސް" ހެނދުނު 9 ޖެހި އިރު ވެސް ޖަންނަތު ބަދިގެ އަށް ނައުމުން ރަޝީދާ އެކަމާ ހިތްހަމަ ނުޖެހިގެން ބުނެލިއެވެ. އައިޝާގެ ކަންފަތުގައި އެ ބަސްތައް ޖެހުނެއް ކަމަކު އައިޝާ އިނީ ހަނުގައެވެ. އެއްވެސް އެއްޗެއް ނުބުނެއެވެ.
"ދަރިފުޅާ.. ނާއިކު ގުޅިތަ؟" މައުލޫޢު ބަދަލުކޮށްލަމުން ރަޝީދާ އަހައިލި ސުވާލުން އައިޝާއަށް ވީ އުނދަގުލެވެ. އެއްވެސް އެއްޗެއް ނުބުނެ ދެފަރާތަށް ބޯޖަހައިލީ ނޫނެކޭ ބުނަމުންނެވެ. ޖަވާބު އެނގޭ ހާލުގައި ރަޝީދާ އެސުވާލު ކުރީ މައެއްގެ ހައިސިއްޔަތުން އެކަމާ މެދު ވިސްނޭ ވަރުންނެވެ.
"ގުޅަން ވާނެ ދޯ؟ ދޫނިގެ ޚަބަރެއް ބަލަން ވިޔަސް. އޭނަގެ ދަރިއެއް ވިއްޔާ!" ރަޝީދާ ކަންބޮޑުވެފައި އިނދެ ވާހަކަދެއްކިއެވެ. މަންމަގެ އެ ކަންބޮޑުވުން ތަކަކީ އައިޝާއަށް އައު ކަމެއް ނޫނެވެ. މި ވޭތުވެގެން ދިޔަ 2 އަހަރުގެ ތެރޭގައި މަންމަގެ އެ ސުވާލުތަކާއި، އެ ޝަކުވާތަކަކީ އައިޝާއަށް ފަރިތަ އެއްޗެެކެވެ.
"ދަރިފުޅުވާ ކެތްގަދަ!" ފުން ނޭވާއެއް ދޫކޮށްލަމުން ރަޝީދާ ތައްޓަށް ރިހަ އަޅަން ފެށިއެވެ. އައިޝާގެ ހިތަށް ކިތަންމެ އަަސަރެއް ކުރިޔަސް، އެ ހިތާމަތައް ބޭރު ކުރަން އައިޝާ ބޭނުން ނުވަނީއެވެ. ދުންޔާއާ ދޭތެރޭގައި ވެސް އައިޝާއަށް ވަރަށް ވިސްނެއެވެ. ކައިވެނީގެ ގުޅުމަށް އަންނަ ނޭދެވޭ އަސަރަކީީ ދަރިފުޅަށް ލިބޭ ފޫނުބެއްދޭ ގެއްލުމެއް ކަމަށް އައިޝާ އަބަދުވެސް ޤަބޫލު ކުރެއެވެ.
"މިހާރު ކިތައް ދުވަސް ވާނެ ނާއިކު ގުޅާ ނުލާތާ؟ ޗުއްޓީ ލިބުނީމަ ވެސް ދަރި ބަލާލަން ރާއްޖެ އަންނަން ނޫޅުނު ވިއްޔާ. ފިރިހެނުންނަށް ކޮން ސިހުރެއްތަ މި ޖެހެނީ ކައިވެންޏަށްފަހު.." މޭޒުމަތީގައި ތަށިތައް އަތުރަމުން އަނެއްކާ ވެސް ރަޝީދާ ފެށީ ނާއިކުގެ ވާހަކައިންނެެވެ.
"ނާއިިކު ގުޅާނެ. ދޫނިއަށް.." ނުބުނަން ހުރެފައި، އައިޝާ ވާހަކަ ފެށީ ނާއިކުގެ ދިފާޢުގައެވެ.
"އާނ! މަހަކު އެއްފަހަރު ދޯ؟" ރަޝީދާ ކޮށްލީ ޖެއްސުމެވެ.
"ދެން މަންމާ. ނާއިކު ގުޅައޭ އެހެން އުޅެފަ. ދެ ހަފުތާއިން އެއް ފަހަރު ގުޅާނެ." އައިޝާ އެހެން ބުނުމާއި އެކު ރަޝީދާ ފެށީ ލާނެއް ގޮތަކަށް ހޭންށެވެ.
"ތިއޮތީ ދެން ވަރަށް ގުޅިފަތާ ދޯ؟ ކީކޭ މަންމަ އިތުރަށް ބުނާނީ.. ދަރިފުޅުގެ ދިރިއުޅުން.." ރަޝީދާ އެހެން ބުނި ވަގުތަކީ ޖަންނަތުގެ ފިރިމީހާ ލަބީބު ކާގެއަށް ވަތް ގަޑިއެވެ.
"ދަރިފުޅާ ލަބީބު. އާދޭ ސައި ބޯން!" ރަޝީދާ އޭނާގެ ދަނބިދަރިއަށް ސައިތައްޓެއް އަޅަން އަވަސް ވެގަތެވެ.
"އަން! ވަރަށް ހޫނު ވާނެ އިނގޭ ސައިތަށި." ލަބީބުގެ ކައިރީގައި ސައިތަށި ބަހައްޓަމުން ރަޝީދާ ވެސް ހެނދުނުގެ ނާސްތާއަށް އިންސާފު ކުރަން ފެށިއެވެ. އައިޝާ ވެސް ދުންޔާ ގޮވައިގެން އައިސް ސައި ބޯން ފެށިއެވެ.
"ކޮބާ ހޭލެވެއްޖެ ދޯ؟" ހެނދުނުގެ ނާސްތާއަށް އިންސާފުކޮށް ނިމެން ގާތްވެފަ އޮތްވާ ޖަންނަތު ކާގެއަށް ވަނީ އޭނާގެ 6 އަހަރަށްދާ ދަރިފުޅު ލައިބާ ގޮވައިގެންނެވެ.
"ހަމަ ފެނުނީ ޝަކުވާއެއް ކޮށްލީ ދޯ؟ މަންމަ ހުންނާނީ އަހަރެންނާ ޖައްސާލާފަ!" ޖަންނަތު ރުންކުރު ގޮތަކަށް އެހެން ބުނެ މޭޒުމަތިން ތަށްޓެއް ނެގިއެވެ.
"އެ އައީ ރުޅި. ބަލަ ނުބުނާ ވަރުތަ؟ ގަޑިން ވީއިރު ބަލާ! އަމިއްލަ ޒިންމާތަކެއް ވެސް ހުންނަކަން ހަނދާން ކުރަން ވާނެ." ރަޝީދާ ދޫނުދީ ރައްދު ދިނެވެ. ނަމަވެސް މަޑުންނެވެ.
"ހޫނ! ފެށީ ދޯ؟ ބަލަ ކޮން ޒިންމާއެއްތަ؟ ލަބީބަށް އެކަނި ސައި ނުބޮވެނީތަ؟ އަހަރެން ލަބީބަށް ސައި ތައްޔާރު ނުކުރިޔަސް ލަބީބަކީ ވެސް ކުޑަ ކުއްޖެއް ނޫން. އަމިއްލައަށް ސައި އަޅައިގެން ބޮވޭނެ. އެހެން ނޫނީ އަމިއްލައަށް ކައްކައިގެން ވެސް ކެވޭނެ. އުމުރުން 30 އަހަރު ވާއިރު އަމިއްލަ އަތުން އެވަރުކޮށްލެވޭނެ. އެެހެންވީމަ އަހަރެންގެ ކޮން ޒިންމާއެއް؟" ޖަންނަތު ފޫހި ގޮތަކަށް ތުން އަނބުރައިލި އިރު ހީވީ ތުންފަތް އެއްކޮޅަށް ދަމައިގެން ދިޔަހެންނެވެ. މިއީ ޖަންނަތުގެ އާދައެވެ. އައިޝާއާ މުޅިން އިނދިކޮޅު މިޒާޖެކެވެ. ދީނީ އަޅުކަންތަކަށް ފަރުވާތެރި ނުވާއިރު، އަމިއްލަ ފިރިމީހާގެ އެއްވެސް އަގެއް އެހެން މީހުންގެ ކުރިމަތީގައި ނުހިފަހައްޓައެވެ. ލަބީބާ ދިމާލަށް ވެސް ކިޔަނީ ހިތު ހުރި އެއްޗެކެވެ. އެއްވެސް އުޅުމެއް އަޚުލާޤެއް ޖަންނަތުގެ ނެތެވެ. ޖަންނަތުގެ ފަރާތުން ފެނުނު ރުންކުރު މިޒާޖުން، ސުފުރާ މަތިން އެއްވެސް މީހެއް ބަހެއް ކިޔާ އަޑެއް ނީއްވި، މުޅިތަން ހިމޭން ވިއެވެ.
***
ހަވީރުގެ ހިތްގައިމު ވަގުތެވެ. ވަރަށް އަވަސްކޮށް ފެންވަރައިލައިގެން ޖަންނަތު ރީތި ވާން ފެށިއެވެ. ޖަންނަތަކީ ހަމުގެ ކުލަ ކަޅު، އިސްތަށިގަނޑު ދިގު އަންހެނެކެވެ. އައިޝާ ބުރުގާ އަޅައިގެން އުޅޭ އިރު، އެއީ ކޮންމެހެން ކުރަން މުހިންމު ކަމެއް ކަމަށް ޖަންނަތު ނުދެކެއެވެ. އެހެން ކަމުން އޭނާ ބަލަނީ އޭނާގެ ފައުޅުވެފައިވާ އިސްތަށިގަނޑުން ޒުވާން ފުރައިގެން ފިރިހެން ކުދިންގެ ހިތްތައް ކަތިލެވޭތޯއެވެ. ކައިވެންޏެއް ކޮށްގެން ދަރިއަކު ލިބިފައިވާކަން އެފަދަ ހާލަތްތަކުގައި ޖަންނަތުގެ ހަނދާނުގައި ވެސް ވާހެން ހީއެއް ނުވެއެވެ. އައިޝާއާ ބަލާފައި ޖަންނަތަކީ ރީތި މީހެކޭ ނުބުނެވޭނެއެވެ. ޖަންނަތުގެ މޫނުމަތީގައި ކޮންމެ ވެސް ވަރަކަށް ލަކުނު ހުރުމުން އެ މޫނުމަތީގެ އޮމާންކަން ވަނީ ގެއްލިފައެވެ. މޫނުގައި ފުށްކޮޅެއް ޖަހައި، ދެތުންފަތް ރަތްކަން ގަދަ ލިޕްސްޓިކްއިން ދިއްލައިލަމުން ޖަންނަތުު ކޮޓަރިން ނުކުންނަން ހިނގައިގަތެވެ.
"ޖަނާ.." ފާޚާނާއިން ނުކުތް ގޮތަށް ލަބީބު ގޮވައިލުމުން ޖަންނަތު ހުއްޓުނެވެ. ޖަނާ އަކީ ލަބީބު ލޯބިން ޖަންނަތަށް ކިޔާ އުޅޭ ނަމެކެވެ.
"ކީކޭ؟" ޖަންނަތު ބަލައިލީ ލަބީބަށެވެ. ލައިގެން ހުރި ކުރު ސޯޓު ނޫން އިތުރު އެއްޗެއް ލަބީބުގެ ގަޔަކު ނެތެވެ.
"ބަލަ ކިހިނެއްވީ؟" ލަބީބު އެއްވެސް އެއްޗެއް ނުބުނެ ހުރުމުން ޖަންނަތުގެ އަޑަށް ކުޑަ ބާރުކަމެއް އައެވެ.
"ސާބަސް! ހާދަ ރުޅިއެއް ތި އަންނަނީ؟ އަހަރެންގެ މޫނަށް ބަލާބަލަ!" ލަބީބު ހެވިދިލިފައި އެހެން ބުނުމުން ޖަންނަތު ބަލައިލީ ލަބީބުގެ މޫނަށެވެ. ނަމަވެސް އެމޫނުމަތިން އެއްވެސް ތަފާތު ކަމެއް ޖަންނަތަކަށް ފާހަގައެއް ނުވިއެވެ.
"ކޯއްޗެއް؟" ހަމަ އެއްގޮތަކަށް ވެސް ލަބީބުގެ މޫނުމަތިން ތަފާތުކަމެއް ނުފެނުމުން ޖަންނަތު އަހައިލިއެވެ.
"ވަރަށް ދުވަސް ވެއްޖެއްނު؟ އުޚުން... ހިނގާ ދޯ؟" ލަބީބު ކަރުކެހިލަމުން ބުނި ޖުމުލައިން ޖަންނަތުގެ މޫނު ކުނިވެގެން ދިޔައެވެ.
"ޗީޑި ދެން! އުޅޭ ފާޑު. މާ ރޮމޭންޓިކް ވާން އުޅޭނެ. އެކަމު ވާކަށް ނޭނގޭނެ. ޝޭމް." ދޮރު ޖަހައިލަމުން ޖަންނަތު ގެއިން ނުކުމެގެން ދިިޔައެވެ. ލަބީބަށް އެކަމުން ހައިރާން ކަމެއް ނުލިބުނެވެ. ޖަންނަތުގެ ރުހުން ހޯދަން، ޖަންނަތުގެ ހިތް ލަބީބަށް ލަންބުވަން އޭނާއަށް އެތައް ކަމެއް ކުރެވެއްޖެއެވެ. ނަމަވެސް އަލި މަގެއް ނުފެނެއެވެ. އެ ދެމީހުންގެ ކައިވެނީގެ އަގުމާތް ގުޅުމަށް 8 އަހަރު ވީއިރު، ލަބީބަށް އަންބެއްގެ ފަރާތުން ލިބެންވީ އުފަލާއި އަރާމުން އޭނާ މަޚުރޫމްވެގެން ދިޔަތާ އެތައް އަހަރެން ފާއިތުވެއްްޖެއެވެ. ލައިބާއަށް ޓަކައި، ލައިބާގެ މުސްތަޤުބަލަށްޓަކައި އަމިއްލަ ހާލަށް ރުހިލައިގެން އުޅުން ނޫން ގޮތެއް މިއަދު ނެތް ކަމަކަށް ލަބީބަށް އޮތީ ވިސްނިފައެވެ.
"ތި އައީ ދޯ؟" މަޑުމަޑުން ކޮޓަރީގެ ދޮރު ހުޅުވައިލަމުން ބިލެތްދޫ ކައުންސިލްގެ ރައީސް ކަމަށްވާ، އުމުރުން 27 އަހަރުގެ ޒަހީން ބަލައިލީ ބޭރުގައި ހުރި ޖަންނަތުގެ މޫނަށެވެ.
"އަވަހަށް ވަދޭ!" ދެކޮޅު ބަލައިލަމުން ޒަހީން ދޮރު ބޮޑަށް ހުޅުވައިލީ ޖަންނަތު ވަންނަން ޖާގަ ދެމުންނެވެ.
"ދުވާލު ގަޑީ މި އާދެވެނީ ވެސް ވަރަށް ސިއްރުން. ނަަސީބެއް މިރަށުގަ މަގުތަކު މީހުން މަދުން އުޅޭކަން ވެސް.. ހެހެ." ޖަންނަތު ކޮޓަރިއަށް ވަނުމާއި އެކު ޒަހީން ދޮރު ތަޅުލިއެވެ.
"މީހަކަށް ފެނެއްޖިއްޔާ އެއޮތީ ބީބީސީއަށް ޚަބަރު ގޮސްފަ. ރަށުތެރޭގަ މިއުޅޭ އަންހެންވެރިންގެ ލޯތައް ޒަމާނީ ކެމެރާތަކަށް ދޫނުކުރާނެ. ދޫތައް ހީވަނީ އެންމެ މޮޅެތި ރިކޯޑް ސިސްޓަމް ތަކެއް ހެން. އަދި ކޮބާ؟ ދުލު ކުރިއަށް ބިލެތާ އެކު ރަހަ ހެޔޮވަރު ކޮށްލަން ކަރަންފޫ ކޮޅަކާ، ކާފޫރުތޮޅިއެއް ވެސް ލާނެ. ވާހަކަ ފެތުރޭ އިރު ވަސްގަނޑު ވެސް ނިިކަން ފައްކާ ވާނެ. ހައްހައްހާ.." ރަށު މީހުންގެ ވައްޓަފާޅި ހުރިގޮތް ކިޔައިދެމުން ޒަހީންގެ ހިނިގަނޑު ފަޅައިގެން ދިޔައެވެ. ޒަހީނާ އެކު ޖަންނަތު ވެސް ހެމުން ހެމުން ގޮސް، ދެމީހުން އެއްކޮށް އެނދުމައްޗަށް ވެއްޓިގަތެވެ. (ނުނިމޭ)