ބޮލީވުޑް

ވާޖިދުގެ ހަނދާންތައް ދަމަހައްޓާނަން: ސާޖިދު

ސާޖިދު ޚާނަކީ މިއުޒިކް ކޮމްޕޯޒާ ދެބެން ކަމަށްވާ ސާޖިދު-ވާޖިދުގެ ތެރެއިން ދޮށީ މީހާ އެވެ. އޭނާގެ ކޮއްކޮ ވާޖިދު ޚާން 47، ވަނީ މިދިޔަ އަހަރުގެ ޖޫންމަހު މި ދުނިޔެ ދޫކޮށްފަ އެވެ.

ލޮލަށް އެއްވަމުންދިޔަ ކަރުނަތައް އޮއްބަން މަސައްކަތް ކުރަމުން ސާޖިދު ބުނި ގޮތުގައި އޭނާއަށް ސާޖިދު-ވާޖިދު އޭ ކިޔާފައި ގޮވުމަކީ އޭނާ އެދޭ ގޮތެވެ. ސަބަބަކީ އޭނާގެ ނަން ރަސްމީކޮށް ވެސް މިހާރު އެގޮތަށް ބަދަލު ކޮށްފައި ވާތީ އެވެ. އެއީ އޭނާ ދުނިޔޭގައި ހުރިހާ ދުވަހަކު ކޮއްކޮ ވާޖިދުގެ ހަނދާން މީހުންގެ ހިތްތަކުން ފޮހެވިގެން ދިޔަ ނުދިނުމަށެވެ.

ސާޖިދު އާއި ވާޖިދު މިއުޒިކް ޑައިރެކްޓަރުންގެ ގޮތުގައި ގިނަ ފިލްމުތަކަކަށް ވަރަށް ރީތި ލަވަތައް ތައްޔާރުކޮށްދީފައި ވެއެވެ. ވާޖިދު މަރުވުމުން މިހާރު އެ މަސައްކަތް ކުރަނީ ސާޖިދު އެކަންޏެވެ. ނަމަވެސް އޭނާ އުފައްދާ ކޮންމެ އަލްބަމެއްގައި ވެސް އިޝްތިހާރު ކުރަނީ ސާޖިދު-ވާޖިދުގެ ނަމުގައެވެ.

ސާޖިދު ބުނި ގޮތުގައި ވާޖިދު ވަކިވެދިއުމަށްފަހު ހަޔާތުގެ ވަރަށް ގިނަ ކަންތައްތައް ބަދަލުވެއްޖެ އެވެ. ބައެއް ފަހަރަށް ކޮއްކޮ އޭނާއާއެކު ވާކަމުގެ އިހްސާސްތައް ކުރެވޭ ކަމަށާއި އޭނާއަށް ދިރިހުރެވެނީ އެ އިހްސާސްތައް އެގޮތަށް ކުރެވޭތީ ކަމަށް ސާޖިދު ބުންޏެވެ.

"ހަގީގަތުގައި ކޮއްކޮ ވަކިވެ ދިއުމަށްފަހު ހުރިހާ ކަމެއް ބަދަލުވެއްޖެ. މީހުން އަހަރެމެންނާ މެދު ދެކޭ ގޮތް ބަދަލުވެއްޖެ. ކޮއްކޮ މަރުވިއިރު އޭނާއަށް އެންމެ 47 އަހަރު. އެ 47 އަހަރު އަހަރެމެން ދެބެން އުޅުނީ މުޅިން އެކުގައި. ދުވަހަކުވެސް އެކަކު އަނެކަކާ ވަކިން އެންމެ ދުވަހެއްވެސް ހޭދައެއް ނުކުރަން. އަހަރެމެން ބޮޑުވީ އެކުގައި. ކައި އުޅުނީ އެއް ތަށިން. ކުއްލިއަކަށް އަހަރެންގެ ލޯމަތިން ކޮއްކޮ ގެއްލިގެން ދިއުމަކީ މިއަދުވެސް އަހަރެންނަށް ގަބޫލުކުރަން ދަތި އިހްސާސެއް،" ސާޖިދު ބުންޏެވެ.

ސާޖިދު ބުނިގޮތުގައި ވާޖިދުއާ ބެހޭ ގޮތުން މިހާރު އޭނާ މާ ގިނަ ވާހަކައެއް ނުދައްކަ އެވެ. ކޮއްކޮގެ ހަނދާންތައް އޭނާގެ ހިތުގައި ވަނީ ރައްކާ ކުރެވިފަ އެވެ. އަދި އުމުރަށް ވެސް އެ ހަނދާންތައް ހިތުގައި ހުންނާނެ އެވެ.
ސާޖިދު މިހާރު ފެންނަނީ ޒީ ޓީވީން ދައްކާ މިއުޒިކް ރިއަލިޓީ ޝޯ "އިންޑިއަން ޕްރޯ މިއުޒިކް ލީގު"ގެ ބައިވެރިއެއްގެ ގޮތުގަ އެވެ. އެ ޝޯގައި ވެސް ވާޖިދު އާއި އޭނާ ތައްޔާރުކުރި ލަވައެއް ބައިވެރިއަކު ކީ އަޑުއަހާފައި ސާޖިދު އަށް ވަރަށް ގަދަޔަށް ރޮވުނުތަން ފެނިފައި ވެއެވެ.

ސާޖިދު-ވާޖިދު މިއުޒިކް ޑައިރެކްޓަރުންގެ ގޮތުގައި ބޮލީވުޑަށް ތައާރަފްކޮށްދިނީ ސަލްމާން ޚާނެވެ. އެގޮތުން އެމީހުން ފުރަތަމަ މިއުޒިކް ތައްޔާރުކޮށްދިނީ ސަލްމާން ޚާންގެ ހޯމް ޕްރޮޑަކްޝަންގެ ފިލްމެއް ކަމަށްވާ "ޕިޔާރް ކިޔާ ތޯ ޑަރްނާ ކިޔާ" އަށެވެ. އޭގެ ފަހުން ސަލްމާން ޚާންގެ ހުރިހާ ފިލްމަކަށް ކަހަލަ ގޮތަކަށް މިއުޒިކް ތައްޔާރުކޮށްދެނީ މި ދެބެންނެވެ.