މަތީ ތައުލީމް

ސްޓޫޑެންޓް ލޯނަށް 1000 ވުރެ ގިނަ ފޯމު

މަތީ ތައިލީމާއި ތަމްރީންތައް ހޯދައިދިނުމުގެ ފުރުސަތުތައް ހޯދައިދިނުމަށް ހަޔާ އެޑިއުކޭޝަން މިނިސްޓްރީގެ ފަރާތުން ކުރިއަށް ގެންދާ ސްޓޫޑަންޓް ލޯން ސްކީމްގެ ދަށުން ހުޅުވައިލި ފުރުސަތުގައި 1000 އަށްވުރެ ގިނަ ފޯމު ހުށަހަޅާފައިވާ ކަމަށް ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހިމް ހަސަން ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ސްޓޫޑެންޓް ލޯން ސްކީމްގެ ދަށުން 770 ލޯނު ދިނުމަށް ހުޅުވައިލި މުއްދަތުގައި ޖުމްލަ 1،176 ފޯމު ހުށަހަޅާފައިވާ ކަމަށެވެ. ލޯނަށް އެދި ހުށަހެޅުމަށް ހުޅުވާލައިފައި ވަނީ މިދިޔަ މަހުގެ ތެރޭގަ އެވެ.

މިފަހަރު ލޯނު ދިނުމުގައި ކޮންމެހެން ދަރިވަރުގެ "މެރިޓް" އަށް ނުބަލާނެ ކަމަށާއި، މިފަހަރުގެ ލޯން ސްކީމްގެ ދަށުން މިހާރު ކިޔަވަމުންދާ ދަރިވަރުންނަށް 471 ފުރުސަތާއެކު އަލަށް ކިޔަވާ ދަރިވަރުންނަށް 299 ފުުރުސަތު ހިމަނާފައިވާނެ ކަމަށް މިނިސްޓަރު އިބްރާހިމް ހަސަން ވަނީ ކުރިން ވިދާޅުވެފަ އެވެ.

މިހާރު ކިޔަވަމުންދާ ދަރިވަރުންނަށް ލޯން ދިނުމުގައި އިސްކަންދޭން ނިންމާފައިވަނީ ކޯސް ފުރިހަމަކުރަން ބާކީ އޮއް މުއްދަތު އެންމެ ކުޑަ ފަރާތްތަކަށެވެ.

މިއީ އެންމެ ގިނަ އަދަދަކަށް ސްޓޫޑަންޓް ލޯނަށް ހުޅުވާލި ފަހަރުވެސް މެއެވެ. މިދިޔަ އަހަރު ހުޅުވާލީ 550 ފުރުސަތެވެ.